ޖުމްހޫރީ ޕާޓީގެ ތެރެއިން އައު ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ( ދޮންބިލެތް ) ވިދާޅުވެއްޖެއެވެ.
ހަލީމް މިހެން ވިދާޅުވީ އިއްޔަ މަޖިލީހުގެ ޖަލްސާގައި ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރަށް ގެންނަން ހުށަހެޅި އިސްލާހުތަކާއި ގުޅިގެން ވާހަކަ ދައްކަވަމުންނެވެ. ސަރުކާރު ހިންގާ ކޯލިޝަނުގެ ޕާޓީއެއްގެ ތެރެއިން އައު ޕާޓީއެއް އުފެއްދުމަކީ ކަންބޮޑުވެއްކަން އޭނާ ފާހަގަޖުރެއްވިއެވެ.
”އަޅުގަނޑުމެންގެ ކޯލިޝަނުގެ ޕާޓީއެއް ކަމުގައިވާ ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން، މިތާގައި ތިއްބެވި ބައެއް މެންބަރުން އެ ޕާޓީ ތެރޭގައި އެހެން ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރައްވާނަމަ މީގައި ޖުމްހޫރީ ޕާޓީއަށް ދަތިތަކެއް ހުންނާނެ،“ ހަލީމް ވިދާޅުވިއެވެ.
ހަލީމް ވަނީ ޖުމްހޫރީ ޕާޓީގެ އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހީމް، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާތީ އެކަމާވެސް ފާޑު ވިދާޅުވެފައެވެ. އަދި މަޖިލީހަށް ވަޑައިނުގެން ގާސިމް ހުންނަވަނިކޮށް މުޅި ޕާޓީ އޭނާގެ އަތްޕުޅުން ބީވެދާނެ ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.