ޚަބަރުސިޔާސީ

ބަރަވެލި ތޮއްޓެއްގައި އެމްޑީޕީގެ ލޯގޯގައި ނުކުމެ ހިތުހުރި އެއްޗެއް ނެހެދޭނެ: ބޮންޑެ

ބަރަވެލި ތޮއްޓެއްގައި އެމްޑީޕީގެ ލޯގޯގައި ނުކުމެ ހިތުހުރި އެއްޗެއް ނެހެދޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެއްޖެއެވެ.

މަޖިލިސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ތެރެއިން އިއުލާންކުރެއްވި ”ފިކުރެއްގެ ދިރުން“ ހަރަކާތުގައި އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކަށް ފިޔަވަޅު އަޅައިދޭން ޕާލަމަންޓްރީ ގްރޫޕް (ޕީޖީ)ން އިއްޔެ އެދުމުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ބޮންޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ‏ޕާޓީއަށްވުރެ އިސްކުރަން ޖެހޭނީ ތިމާގެ ގައުމު ކަމުގައެވެ.

”ފުލުހުންނާއި ސިފައިންނަށް ވެސް މިފަދަ ގައުމީ ޕެޓިޝަންތަކުގައި ގައުމުވިއްކުމާއި ދެކޮޅަށް ސޮއެކުރެވޭނެ. ރާއްޖޭން އީޔޫގެ ގައުމުތަކަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 22 ޕަސެންޓު ކަނޑާލަނީކަމަށް ބުނެ ރައްޔިތުންގެ ކުރިމަތީގައި ޝާހިދު ދޮގު މައްޗަށް ދޮގު ހަދައިފި.“ ބޮންޑެ ވިދާޅުވިއެވެ.

ހާރިޖީ ވަޒީރު ޝާހިދުއަށް ފާޑުވިދާޅުވުމަށްފަހު ބޮންޑެ ފާހަގަކުރެއްވިގޮތުގައި ދައުރު ހަމަވާއިރުވެސް ޖީބަށް ހަމައަގު ނުލެވިގެން އުޅެނީ މިސަރުކާރުގެ އިސްކޮށްތިބި މީހުނާއި، ޝާހިދު މޮރިޝަސް އާއި އެކު ގެންގުޅޭ އަޑިނޭނގޭ ސިއްރު ސިޓީ ސިއްރު ޑީލުގެ ކަނޑުވިއްކާ ގައުމުވިއްކާ މަކަރުވެރި ސިޔާސަތުގެ ސަބަބުންނެވެ.

”އިސްތިއުމާރުގެން މިއުޅެނީ ދިވެހިންގެ މަސްކަނޑާއި ދިވެހި ގައުމުގެ ސަރަހައްދެއްކަން މޮރިޝަޝްއެއް ނޫންކަން މިއަދު އުފަންވާ ދިވެހި ދަރިއަކަވެސް އެނގޭނެ.“ ބޮންޑެ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަަލީ އާޒިމް އެމްޑީޕީން ވަކި ކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން އިއްޔެ ވަނީ ނިންމާފައެވެ.

އާޒިމަށް އެޅި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އެއް އަހަރު ވަންދެން ޕާޓީއަށް އަނބުރާ ނުވަދެވޭ ގޮތަށް ހެދުމާއި، އެ މުއްދަތަށް ފަހުވެސް އަލުން ޕާޓީއަށް ވަދެވޭނީ އާ 100 މެމްބަރުންގެ ސޮޔާ އެކުގައެވެ. އަދި ފަސް އަހަރުދުވަހުގެ މުއްދަތަކަށް ޕާޓީގެ އެއްވެސް ޕްްރައިމަރީއެއްގައި ނުވަތަ މަގާމަކަށް އާޒިމަށް ވާދަނުކުރެއްވޭ ގޮތަށްވެސް ވަނީ ހަދާފައެވެ.

އެނގިފައިވާގޮތުގައި އާޒިމް އެމްޑީޕީން ވަކި ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޯޑަރަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button