މަތީ ކްލާހުގައި ފުރާމީހުންގެ ޓެކްސް ދެން ބޮޑުވާނެ
މަތީ ކްލާސްތަކުގައި ރާއްޖެއިން ބޭރަށް ފުރާ މީހުންގެ ޓެކްސް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލު ފާސްކުރީ 42 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.
އެހެން ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭ މީހުންނާއި ޓްރާންސިޓް ފަސެންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދިން ޑިޕާޗާ ޓެކްސް ދައްކާކަށް ނުޖެހޭނެއެވެ.
ބިލުގައި ވާގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް ފީ (އޭޑީސީ) ގެ އަދަދު އިތުރު ކުރާނެއެވެ. އެއީ ބިޒިނަސް ކްލާސްތަކުންނާއި ޕްރައިވެޓް ޖެޓްތަކުން ދަތުރު ކުރާ މީހުންގެ އަތުންނެވެ. މި ގޮތަށް ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ބިޒްނަސް ކްލާސް އިން ދަތުރު ކުރާ ކޮންމެ މީހެއްގެ އަތުން 60 ޑޮލަރު، ފަސްޓް ކްލާސް އިން ދަތުރު ކުރާ ކޮންމެ މީހެއްގެ އަތުން 90 ޑޮލަރު ނަގާނެއެވެ. އަދި ޕްރައިވެޓް ޖެޓްތަކުން ދަތުރު ކުރާ ކޮންމެ މީހެއްގެ އަތުން 120 ޑޮލަރު ނަގާނެއެވެ.
އެހެން ނަމަވެސް އިކޮނޮމިކް ކޮލާސްގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ޓެކްސްއަކަށް ބަދަލެއް ނާންނާނެއެވެ.