ޖިންސީ ގޯނާ ހުއްޓުވަން މަޖިލީހަށް ގަރާރެއް

ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު ހުށަހެޅުއްވީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. މި ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ ޖިންސީ ގޯނާ ކުރުމާއި، ރޭޕް ކުރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް ދިވެހި މުޖްމަތަމައުގައި އިތުރުވަމުންދާ ކަމަށެވެ. އަދި އަންހެނުންގެ ރައްކާތެރި ކަމާއި ކަރާމާތަށް އަރައިގަންނަމުން ދާއިރު އެ ކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅި، އެފަދަ މައްސަލަތަކަށް އިންސާފު ލިބުން ލަސްވަމުންދާ ކަމަށެވެ.
”ރޭޕްކުރުމާއި ޖިންސީ ގޯނާގެ ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުމާއި، އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލުމާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވުމުގެ ސަބަބުން، މުޖުތަމައުގައި ބިރުވެރި ކަމާއި ނާމާންކަން ދަނީ އިތުރުވަމުން“ އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް މިފަދަ ގަރާރެއް މަޖިލީހަށް ހުށަހަޅުއްވާފައި މިވަނީ ރޭޕާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް ސަރުކާރުން އެކަށީގެންވާ ސަމާލުކަމެއް ނުދޭކަމަށް ގިނަ ރައްޔިތުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.