ކޮވިޑްޝީލްޑް ވެކްސިން ޖަހަން އޮންލައިންކޮށް އެޕޮއިންޓްމެންޓް ދޫކުރަން ނިންމައިފި

އެޕޮއިންޓްމަންޓް އުސޫލުން މާލެ ސަރަހައްދުގެ ހަތަރު ސެންޓަރެއްގައި މިއަދު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ވެކިސިން ޖެހުމަށް ޓޯކަން ނަންބަރު ދޫކުރަނީ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށެވެ. ޓޯކަން ދޫކުރާނީ ވެކްސިން ޖަހަން ދާންޖެހޭ ގަޑީގެ އެއް ގަޑިއިރު ކުރިން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ވަގުތު ވެކްސިން ޖަހައިދޭނީ 1 ފެބްރުއަރީން ފެށިގެން 15 މާޗްގެ ނިޔަލަށް ކޮވިޝިލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށެވެ.
ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދަންފަޅީގައި ވެކްސިން ޖަހާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. ދެވަނަ ދަންފަޅީގައި ވެކްސިން ޖަހާނީ މެންދުރު 1:00 އިން ހަވީރު 3:00 އަށެވެ.
މާލޭގައި ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައި ވަނީ ނޭޝަނަލް އާރޓް ގެލަރީއާއި ސޯޝަލް ސެންޓަރާއި، އިސްލާމީ މަރުކަޒުގައެވެ. ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގައި ވެސް ވެކްސިން ޖަހައިދޭނެއެވެ.
މި ސެންޓަރުތަކުން ވެކްސިން ޖަހައިދޭނީ ޓޯކަން ދޫކޮށްގެންނެވެ. މި ސެންޓަރުތަކަށް ދޫކުރުމަށް ހަމަ ޖެހިފައި ވަނީ :
- ސޯޝަލް ސެންޓަރ – ދަންފަޅިއަކަށް 200 ޓޯކަން
- އިސްލާމިކް ސެންޓަރ – ދަންފަޅިއަކަށް 200 ޓޯކަން
- ނެޝަނަލް އަރޓް ގެލަރި – ދަންފަޅިއަކަށް 70 ޓޯކަން
- ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ – ދަންފަޅިއަކަށް 120 ޓޯކަން
ކުރިން އެޗްޕީއޭ އިން ބުނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން އެޕޮއިންޓްމެންޓްމަންޓް ދޫކުރާނީ އެއިދާރާއަށް ގުޅައިގެންކަމަށެވެ.