
އެމަނިކުފާނުގެ ސަރުކާރެއް ނިމިގެންދާއިރު، ގެދޮރު ނުލިބޭ އެންމެ ރައްޔިތަކުވެސް ނުހުންނާނެ ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހީންގެ ޖަގަހަ ހުޅުވައިދެއްވައި މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިޖުތިމާއީ މައްސަލަތަކުގެ މައިގަނޑު ސަބަބަކީ ގެދޮރު ނެތުން ކަމަށާއި، ރައީސް ޔާމީން ފެއްޓެވި، އާންމުން ގެދޮރުވެރި ކުރުމުގެ މަސައްކަތްވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުއްޓުވާލާފައި އޮތް ކަމުގައެވެ. އެކަމަކު އެމަނިކުފާނު ގާއިމްކުރައްވާނީ ގެދޮރުވެރިކަމަކީ އަސާސީ ހައްގެއް ކަމަށް ބުނާ ސަރުކާރެއް ކަމަށެވެ.
”އެ ސަރުކާރުގެ ފަސް އަހަރު ނިމޭއިރު އިރާދަކުރެއްވިއްޔާ މިގައުމުގަ ގެދޮރު ނުލިބޭ ރައްޔިތަކު ނުހުންނާނެ.“ މުއިއްޒު ވިދާޅުވިއެވެ.
އެންމެ އިސްކަމެއް ދެއްވާނީ ޒުވާނުންނަށް ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ވެސް ގޯތި ލިބެންޖެހޭނެ ކަމުގައެވެ.
މިސަރުކާރު އައިސް ރާއްޔިތުންގެ އަތުން އަތުލި ފްލެޓްތައް އަނބުރާ ހޯދައިދޭން މަސައްކަތް ކުރައްވާނެކަން މުއިއްޒު ވަނީ މި ޖަލްސާގައި އިއުލާން ކުރައްވާފައެވެ. އަދި ހާއްސަކޮށް ގެދޮރުވެރިކަމާގުޅޭ ހާއްސަ ޖަލްސާއެއް ވަރަށް އަވަހަށް ބާއްވާނެކަންވެސް އެމަނިކުފާނު އިއުލާން ކުރެއްވިއެވެ.
2018 ވަނަ އަހަރު ޖުލައި 26 ވަނަ ދުވަހު ރައީސް ޔާމީން އިއުލާންކުރެއްވި ގެދޮރުވެރި ކަމުގެ ޖުމްލަ ހައްލު ކަމުގައިވާ ފުށިދިއްގަރު ފަޅާއި، ގުޅިފަޅު ހިއްކައިގެން ކުރިޔަށް ގެންދަވަން ނިންމެވި ޕްލޭން އެބައޮތް ކަމަށާއި، އެކަން ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
”ފުށިދިއްގަރު ފަޅުން އެކަނި، މިއީ ކުރަހާ ނިމިފައި އޮތް ވަރު، 1600 އަކަ ފޫޓުގެ 11000 ގޯތި ނެގެން އެބައޮތް. 1400 އަކަފޫޓުގެ 20000 އަށްވުރެ ގިނަ ފްލެޓް އެޅެން އެބައޮތް. މިއީ މަގުތަކާ ސްކޫލްތަކާ ލާފަ. ގުޅިފަޅުގަ 5000 ގޯތި، 15000 އަށްވުރެ ގިނަ ފްލެޓް. އެކިޔާ ޕޯޓު ނުނަގާވެސް އެކަން ވާން އެބައޮތް.“ މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގެ ދޮރުގެ މައްސަލަ އަދުލުވެރިކަމާއެކު އެކަން ހާސިލްކުރައްވާނެ ކަމުގައެވެ.