ވ.އާރަށް ކުއްޔަށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތުގެ ތެރެއަށް ވަންނަ ކަމެއްނޫން: ހަމްޒާ

ވ.އާރަށް ކުއްޔަށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތުގެ ތެރެއަށް ވަންނަ ކަމެއްނޫން ކަމަށް ވ.އާރަށް ކުއްޔަށް ދިނުމާ ގުޅިގެން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނާއި ވ.އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމްތަކުގެ އިސްތިއުނާފުގެ ޝަރީޢަތުގައި ޔޫސުފް ނައީމްގެ ދިފާއީ ވަކީލް ހަމްޒާ ލަތީފް ވިދާޅުވެއްޖެއެވެ.
ހަމްޒާ މިފަދައިން ވިދާޅުވީ ކްރިމިނަލް ކޯޓުގެ3 ގަޟިއްޔާ އަކަށް ރިޢާޔަތް ކުރައްވާ މިއަދު ހައިކޯޓުގައި ކުރިއަށްދިޔަ އެ މައްސަލައިގެ އިސްތިޢުނާފް އަޑުއެހުމުގައެވެ.
ޔޫސުފު ނައީމްގެ ވަކީލު ހަމްޒާ ލަތީފު ފާހަގަކުރެއްވި ގޮތުގައި، ދަޢުލަތުން އެ މައްސަލާގައި ޔޫސުފް ނައީމްގެ މައްޗަށް ދައުވާކުރި ޤާނޫނުގެ މާއްދާގައި ރަސްމީ ހައިސިއްޔަތުގެ ވާހަކަ ހިމެނިފައިވާއިރު، ރައީސް ޔާމީން މެދުވެރިކޮށް ކުރެއްވިކަމެއްކަމަށް ދަޢުލަތުން ތުހުމަތުކުރާ ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތުގެ ތެރޭގައި ހިމެނޭނެ ކަމެއް ނޫން ކަމަށެވެ.
”ދަޢުވާކުރި މާއްދާ ސާބިތުވުމަށްޓަކައި ސާބިތުކުރަންޖެހޭ އެއް ރުކުނަކީ، ރަސްމީ ހައިސިއްޔަތު. ރަސްމީ ހައިސިއްޔަތަކީ ސާބިތުވާންޖެހޭނެ ކަމެއް ކަމަށް،“ ހަމްޒާ ވިދާޅުވިއެވެ.
ވ.އާރަށް ކުއްޔަށް ދިނުމާ ގުޅިގެން ކުރީގެ ރައީސް ޔާމީން އަދި ޔޫސުފް ނައީމްގެ މައްޗައް އުފުލާފައިވާ ދަޢުވާތަކުގެ އިސްތިޢުނާފު ކުރެވެނީ ރިޝްވަތު ދިނުމާއިގުޅޭ ދަޢުވާ، ރިޝްވަތު ޤަބޫލުކުރުމާއިގުޅޭގޮތުން ކުރެވުނު ދަޢުވާ، އަދި މަނީ ލޯންޑްރިންގެ ދަޢުވާ އެވެ.
އެ ތިން ގަޟިއްޔާގެ އަޑުއެހުންތައްވެސް ކުރިއަށްގެންދަނީ އެކުއެކީގައެވެ. އެގޮތުން މިއަދު ފުރަތަމަ ކުރިއަށް ގެންދިޔައީ ރިޝްވަތު ދިނުމާއިގުޅޭ ގޮތުން ޔޫސުފް ނައީމްގެ މައްޗަށް ކުރެވޭ ދަޢުވާ އާއި ގުޅޭގޮތުން ހުށަހަޅަންޖެހޭ ކަންކަން ހުށަހެޅުމެވެ.
މި މައްސަލައިގައި ހައިކޯޓުގެ ރިޔާސަތު ބަލަހައްޓަވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ހަސަން ޝަފީއު އެވެ. އިސްފަނޑިޔާރާއިއެކު ދެން ތިއްބެވީ ފަނޑިޔާރު ހުޒައިފާ މުޙައްމަދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް އެވެ.
މިއަދުގެ އަޑުއެހުން 2 ގަޑިއިރަށް ކުރިއަށް ގެންދިޔައެވެ.
އާރަށު މައްސަލައިގެ އިސްތިއުނާފު ފެށިފައިވާއިރު ރައީސް ޔާމީން ގެންދަވަނީ އެ މައްސަލައާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރައްވަމުން ނެވެ.
މި މައްސަލައިގައި ރައީސް ޔާމީންއަށް ކާމިޔާބު ލިބިއްޖެނަމަ އެމަނިކުފާނު ޖަލުން މިނިވަންވެ ވަޑައިގެން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެއެވެ