ޚަބަރުދަ ޑިމޮކްރެޓްސްސިޔާސީ

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅޭނެ، ސޮއިވެސް ނުލިބޭނެ: ދަ ޑިމޮކްރެޓްސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ މިންވަރަށް މެންބަރުންގެ ސޮއި ނުލިބޭނެ ކަމަށާއި އެ މައްސަލަ ހުށަވެސް ނޭޅޭނެ ކަމަށް ރައީސް ނަޝީދަށް ވަފާތެރި މެމްބަރުންގެ ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފިއެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕީޖީ ގުރޫޕުން ނިންމި ނިންމުމާއި ގުޅިގެން މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވީ އެއީ އެމްޑީޕީ ޕީޖީން ނިންމާ ނިންމުން ނޫން ކަމަށެވެ. އަދި އެއީ ރައީސް އޮފީހުގެ ނިންމުން ކަމަށާ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނިންމުންތަކަކީ ރައީސް އޮފީހުގެ ނުފޫޒް ވަރަށް ބޮޑަށް އޮންނަ ނިންމުންތަކެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއިި މެދުވެސްގޮތެއް ނިންމަވާނީ ރައީސް އޮފީހުން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މީގެ ކުރިންވެސް އެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން އުޅުނު ކަމަށާ، އެހެން ނަމަވެސް އެކަން ކުރެވިފައި ނުވާއިރު, މިފަހަރުވެސް އެކަން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

”އަޅުގަނޑު ގަބޫލެއް ނުކުރަން. ހުށައެއްވެސް ނޭޅޭނެ. އަދަދެއްވެސް ހަމައެއް ނުވާނެ. އެކަން ކުރެވޭނެ ކަމަށް އަޅުގަނޑުމެން ނުދެކެން. މަޖިލިސް ތެރޭގައި ކިތަންމެ މަސައްކަތްތަކެއް ހުރި ކަމުގައި ވިޔަސް، މަޖިލިސް ތެރޭގައި، ގިނަ މެންބަރުން ތާއީދެއް ނުކުރާނެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަކަށް“ ޢަލީ އާޒިމް ވިދާޅުވިއެވެ.

މިއާއެކު އާޒިމް ވިދާޅުވީ މިހާރުވެސް އެމްޑީޕީ މެންބަރުންގެ ތެރޭގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ތިއްްބަވާ ކަމަށާ، އެހެންކަމުން، އެ މައްސަލަ ހުށަހަޅަން ބޭނުންވާ މިންވަރަށް މެންބަރުންގެ ސޮއިވެސް ނުލިބޭނެ ކަމަށެވެ. އަދި އެ މައްސަލަ މަޖިލީހަށް ހުށަނާޅާނެ ކަމަށްވެސް އާޒިމް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މުޙައްމަދު ނަޝީދު ވަކިކުރުމަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރުނެތް މައްސަލަ ޕާލަމަންޓްރީ ގްރޫޕުން ފާސްކުރުމަށްވެސް މެޖޯރިޓީގެ 56 މެމްބަރުންގެ ތެރެއިން 36 މެމްބަރުން މިއަދުވެސް ވޯޓު ދެއްވާފައިވާ ކަމަށާއި، މަޖިލީހުގެ ރައީސް އިތުބާރުނެތް މައްސަލައިގަ މަޖިލީހުގެ އަޣްލަބިއްޔަތު ސޮއިކުރައްވާނެ ކަމަށެވެ. އަދި ސޮއިލިބި ނިމޭއިރަށް މަޖިލީހަށް މި މައްސަލަ ހުށަހަޅަން ޕީޖީ ގްރޫޕުން ނިންމާފައިވާ ކަމަށާއި، މި މައްސަލަ ހިނދިގެން ދާނެ އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button