
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މުޙައްމަދު ނަޝީދު ވަކިކުރުމަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމްގެ އެންގެވުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފައިވާކަން އިއުލާނު ކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރުނެތް މައްސަލަ ޕާލަމަންޓްރީ ގްރޫޕުން ފާސްކުރުމަށްވެސް މެޖޯރިޓީގެ 56 މެމްބަރުންގެ ތެރެއިން 36 މެމްބަރުން މިއަދުވެސް ވޯޓު ދެއްވާފައިވާ ކަމަށާއި، މަޖިލީހުގެ ރައީސް އިތުބާރުނެތް މައްސަލައިގަ މަޖިލީހުގެ އަޣްލަބިއްޔަތު ސޮއިކުރައްވާނެ ކަމަށެވެ.
”އަޅުގަނޑަށް ހަމަ ވަރަށް ސާފުކޮށް ފެންނަނީ މަޖިލީހުގެ އަޣްލަބިއްޔަތު ސޮއި ކުރައްވާނެ ކަމުގަ، އަދި އެއަށްވުރެ އިތުރުވެގެންވެސް ދާނެ ކަމުގަ އަޅުގަނޑަށް ލަފާކުރެވެނީ، ފަންސާހުން މައްޗަށް މި ސޮއިތައްދާނެ ކަމަށް ލަފާކުރެވޭ“ އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ސޮއިލިބި ނިމޭއިރަށް މަޖިލީހަށް މި މައްސަލަ ހުށަހަޅަން ޕީޖީ ގްރޫޕުން ނިންމާފައިވާ ކަމަށާއި، މި މައްސަލަ ހިނދިގެން ދާނެ އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ.
އަސްލަމް ވަނީ، އެމްޑީޕީގެ މެންބަރުންތަކެއް އެ ޕާޓީން ކެނޑުމާއި ގުޅިގެން މަޖިލީހުގެ މެންބަރުންގެ ކޮމްޕޮޒިޝަނަށް އައި ބަދަލާއެކު އަދިވެސް މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި އޮތުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ދާއިމީ ކޮމިޓީތައް އެކުލަވާލެވިފައި ނުވަނީ ޕާޓީތަކުގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި ހުރެ ކަމަށް ރިޔާސަތުން ވިދާޅުވާ ކަމަށާ، އޭގެ ސަބަބުން ކޮމިޓީތަކުގެ މަސައްކަތް އެއްކޮށް ހުއްޓިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީގެ ޕީޖީއިން ތައްޔާރުވަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްވެސް އެމްޑީޕީގެ ޕީޖީއިން ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެ މައްސަލަ ތާވަލުކުރެވިފައިނުވެއެވެ.