ޚަބަރުސިޔާސީ

މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް: ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މުޙައްމަދު ނަޝީދު ވަކިކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިޔާމް މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ އެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުން ފާސްކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޝިޔާމް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން ބޭނުންހާ ކަމެއްކުރަން އޮންނަ ތަނެއް ނޫންކަމަށެވެ.

މީގެ އިތުރަށް ޝިޔާމްގެ ޓްވީޓްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މައިގަނޑު މަސްޢޫލިއްޔަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުން ފާސްކުރުމާއި ގުޅިގެން ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި އެޕާޓީގެ މިހާރުގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވިގޮތުގައި އެމްޑީޕީގައި މިހާރު ތިއްބެވީ 56 މެންބަރުންނެވެ. އޭގެ ތެރެއިން 42 މެންބަރުން ރައީސް ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލައިގައި ބައިވެރިވެވަޑައިގަތެވެ. ރިޔާސަތުން ވޯޓުގައި ބައިވެރިނުވެވޭއިރު، 41 މެންބަރުންގެ ތެރެއިން ރައީސް ނަޝީދު މަގާމުން ވަކި ކުރުމަށް ވޯޓު ދެއްވީ 36 މެންބަރުންނެވެ. އަދި ވޯޓު ނުދެއްވަނީ ކޮން 5 މެންބަރުންނެއްކަން އަސްލަމް ހާމައެއް ނުކުރައްވައެވެ.

މަޖިލީހުގެ އަގުލަބިއްޔަތުގެ 44 ސޮއި ލިބުމުން ނަޝީދު ވަކިކުރުމުގެ މައްސަލަ ހުށަހަޅުއްވާނެ ކަން އަސްލަމް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް މިހާތަނަށް ހަމަކުރެވުނީ ކިތައް ސޮއިކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީގެ ޕީޖީއިން ތައްޔާރުވަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްވެސް އެމްޑީޕީގެ ޕީޖީއިން ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެ މައްސަލަ ތާވަލުކުރެވިފައިނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button