
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ނިޒާމު ގެއްލި މަޖިލީސް ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ މަޖްލިސް މެމްބަރުން ރިޔާސަތަށް ހުރަސްއަޅަމުން ދިއުމާއި ގުޅިގެން މިއަދުގެ މަޖިލިސް ޖަލްސާ ކުރިއަށް ނުގެންދެވި ނިންމާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ އެޖެންޑާގެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އޮތީ ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމަށް 13 މެމްބަރަކު ސޮއިކުރައްވާ ހުށަހަޅާފައިވާ މައްސަލައިގެ ބަހުސް ކުރިއަށް ގެންދިއުމެވެ.
އެހެން ނަމަވެސް މިއަދުގެ ޖަލްސާގައި ބަންޑާރަނައިބު އިބްރާހީމް ރިފްޢަތުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި ޤަދަރަށް އުނިކަން ލިބޭ ޢަމަލެއް ކުރައްވާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސެއިން މުޙައްމަދު ލަތީފް ވަނީ ރައްޔިތުންގެ މަޖިލީހަށް އިމްތިޔާޒު މައްސަލައެއް ހުށައަޅާފަ އެވެ.
މެމްބަރު ޙުސެއިން މި މައްސަލަ ހުށއެޅުއްވުމުގެ ކުރިން މަރަދޫ ދާއިރާގެ މެމްބަރު ފުރުޞަތަކަށް އެދިވަޑައިގެން ލިބިލެއްވި ފުރުޞަތުގައި ނެންގެވި މައްސަލައިގައި ވިދާޅުވީ ހުށަހެޅިފައިވާ އިމްތިޔާޒުގެ މައްސަލަ އަކީ ޤާނޫނު އަސީސީގެ 90 ވަނަ މާއްދާ އާއި ޤާނޫން ނަމްބަރު 5 2013 ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބާރުތަކުގެ ޤާނޫންތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ކަންތައްތައް ކަތިލާންވެގެން ނެގި މައްސަލައެއް ކަމަށާއި، އެ ޝަރުތުގެ ތެރެއިން ނޫންގޮތަކަށް އިމްތިޔާޒްގެ މައްސަލައެއް ނުނެގޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއަށްފަހުވެސް ޝަރީފް ވަނީ ނިޒާމީ ނުކުތާ ނަންގަވައި އެ މައްސަލަ ހުށަނޭޅޭނެ ކަމަށް ވިދާޅުވެ އަޑުގަދަ ކުރައްވާފައެވެ. އެހެންނަމަވެސް މަޖިލިސް ރައީސް ނަޝީދު ވަނީ އޭނާ ފަހުން ހުށަހެޅުއްވި ނިޒާމީ މައްސަލަ ބަލައި ނުގަންނަވަން ނިންމަވާ، މެމްބަރު ޙުސެއިން އަށް އިމްތިޔާޒު މައްސަލަ ހުށަހެޅުއްވުމުގެ ފުރުޞަތު ދެއްވާފައެވެ.
މައްސަލަ ހުށަހަޅުއްވަމުން ޙުސެއިން ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަނައިބު ރިފްޢަތު ލިޔުމުން ހުށަހެޅުއްވި ޖަވާބުގައި މަޖިލީހުގެ އިމްތިޔާޒުތަކަށް ގޮންޖައްސަވާފައިވާ ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށެވެ. ރިފްޢަތު ލިޔުމުން ހުށަހެޅި ޖަވާބުގައި، މަޖިލީހަށް ބަންޑާރަ ނައިބުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުނުކުރެވޭނެ މޭރުމަކުން ލިޔުއްވާފައިވާތީ، އެއީ މަޖިލީހަށް ކުރި މަލާމާތެއް ކަމަށް އެ މައްސަލައިގައި ޙުސެއިން ފާހަގަކޮށްފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ޖަވާބު ބޭނުންވާ ކޮންމެ ކަމެއްގައި ތެދުބަހުން ޖަވާބު ނުދެއްވާ އެކަމާ ޖަދަލު ކުރެއްވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ޙުސެއިން ވިދާޅުވިއެވެ.
ލިޔުމުން ހުށަހެޅި ޖަވާބުގައި މުޅި މަޖިލީހުގެ އިމްތިޔާޒާއި ޤަދަރަށް އުނިކަން އަންނާނެ ގޮތަށް ޢަމަލުކޮށްފައިވާތީ މައްސަލަ އިމްތިޔާޒް ކޮމެޓީއަށް ފޮނުވަން ހުށަހަޅާފައިވެ އެވެ.
އެ މައްސަލައާއި ގުޅޭގޮތުން މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި ބަހުސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 20 މެމްބަރުންނެވެ. 48 މެމްބަރުން ވޯޓު ދެއްވީ އެ ބަހުސް ކުރަން ނުފެންނަކަމަށެވެ. އެއާއެކު އެ މައްސަލައަށް ބަހުސްކުރާކަށް ފާހެއް ނުވިއެވެ.
އެ ވޯޓަށްފަހު ބަންޑާރަ ނައިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދިއުމަށް ރިޔާސަތުން ނިންމެވުމުން އިދިކޮޅު މެމްބަރުން ވަނީ، އިމްތިޔާޒާއި ބެހޭ މައްސަލައެއް ހުށައަޅާފައި ވަނިކޮށް، އެ މައްސަލަ ނުބަލާ ބަހުސް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ އިންކާރުކޮށްފަ އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނިޒާމީ ނުކުތާއެއް ނަންގަވާ ބަހުސް ކުރިއަށް ގެންދިއުމަށް ދެކޮޅު ހެއްދެވިއެވެ.
އެ މެމްބަރުން ވިދާޅުވީ އިމްތިޔާޒާއި ބެހޭ މައްސަލައެއް ހުށައަޅައިފި ނަމަ އެންމެ އިސްކަން ދޭން ޖެހޭނީ އެ މައްސަލައަކަށް ކަމަށެވެ. އަދި އެކަން މަޖިލީހުގެ ޤަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ބަހުސް ކުރިއަށް ގެންދިއުމަށް މެމްބަރުން އިއުތިރާޒު ކުރަމުން ދިއުމާއި ގުޅިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިންމެވީ ކޮމެޓީގައި އޮތް އިމްތިޔާޒާއި ބެހޭ މައްސަލަ ނުނިންމާ ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ.
ނަޝީދުގެ އެ ނިންމެވުމާއިގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ ނުރުހުން ފާޅުކޮށް ނަޝީދު މަޖިލީސް ހިންގަވަނީ ގާނޫނާއި ޚިލާފަށް ކަމަށާއި، އެ މަގުން މަޖިލީސް ހިންގަން ފުރުސަތު ނުދެއްވާނެކަމަށް ބުނެ މަޖިލީހުގައި އިހުތިޖާޖުކޮށް އަޑުގަދަކުރައްވާފައެވެ.
މިއަދުގެ މަޖިލީސް މެދުކަނޑާލިއިރު ވެސް މެމްބަރުން ގެންދިޔައީ ރައީސް ނަޝީދާއި ދެކޮޅަށް އިހުތިޖާޖުކޮށް މަޖިލީސް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ އަޑުއުފުއްލަވަމުން ނެވެ.
މިއަދުގެ މަޖިލިސް މެދުކެނޑުމަށްފަހު ދެން ޖަލްސާ ފެށިގެންދިޔަ އިރު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އަފީފު ޖަލްސާ ފެއްޓެވިއިރުވެސް އެމްޑީޕީގެ މެމްބަރުން ދިޔައީ އަޑުގަދަކޮށް އިހުތިޖާޖުކުރަމުންނެވެ.
އެ މެމްބަރުން ވިދާޅުވަމުން ގެންދެވީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން އިއްޔެ ފެށި ބަހުސް މެދުކަނޑާލާފައި ވަނީ ގަވައިދާއި ޚިލާފަށް ކަމަށެވެ. އަދި އެގޮތަށް މަޖިލީސް ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދެއްވާނެކަމަށެވެ.
އެމްޑީޕީގެ މެމްބަރުން އަޑުގަދަކޮށް އިހުތިޖާޖުކުރަމުން ދިއުމާއި ގުޅިގެން އެންމެ ފަހުން ރިޔާސަތުން ނިންމެވީ މަޖިލީހުގެ ނިޒާމު ގެއްިފައިވާކަމަށެވެ. އަދި އިތުރަށް މަޖިލީސް ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.
އެއާއެކު މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ އެވެ. ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 7 ޖޫން 2022 ވާ ބުދަ ދުވަހުގައިކަމަށް އަފީފު ވިދާޅުވި އެވެ.