ޚަބަރު

ދިވެހި އަސްކަރިއްޔާގެ އިސްވެރިންގެ ކޮމާންޑުގެދަށުން ރައްޔިތުން ހިމާޔަތްކުރެވިދާނެ ކަމާމެދު ސުވާލުއުފެދޭ: އާޒިމާ

މިއަދު ދިވެހި އަސްކަރިއްޔާގެ އިސްވެރިންގެ ކޮމާންޑުގެ ދަށުގައި އޮތް އަސްކަރިއްޔާއަކަށް ދިވެހި ރައްޔިތުން ހިމާޔަތްކުރެވިދާނެ ކަމާމެދު ވެސް މިހާރު ސުވާލު އުފެދޭކަމަށް ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.

ޗާގޯސް މައްސަލައިގައި“ބާނަ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު“ ނަމުގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި އާޒިމާ ވިދާޅުވީ މި މަސައްކަތުގައި ނުކުމެ ހުންނެވީ ސިޔާސީ ނުފޫޒެއް އޮވެގެން ނޫންކަމަށާއި، މި ސަރުކާރުގެ އިހުމާލުން މަސްކަނޑު ވިއްކާލި ކަމަށް އަމިއްލަފުޅަށް ޤަބޫލުކުރެވޭތީ ދިވެހި ރައްޔިތުންގެ ޙައްޤުގަ އަޑު އުފުލުމަށް ކަމަށެވެ.

އެކި ދުވަސްވަރު ދިވެހި ރާއްޖޭގެ ޤާނޫނުން ކަނޑުގެ ސަރަޙައްދު ކަނޑައެޅިފައިވާ ގޮތުގެ ތަފްސީލީ ޗާޓުތައް ހިއްސާ ކުރައްވާ އާޒިމާ ވިދާޅުވީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު މިހާ ސާފުކޮށް އެނގެންއޮއްވާ ދިވެހި އަސްކަރިއްޔާގެ އިސްބޭފުޅުން ޔުނީފޯމްގައި ނުކުންނަވާ މިއީ ނޭނގޭ ކަމެއްކަމަށް ވިދާޅުވުމުން މި ޤައުމުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތް ކޮށްފާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި، މިއަދު ދިވެހި އަސްކަރިއްޔާގެ އިތުބާރު ގެއްލިފައިވާކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ދަޢުލަތުގެ ބަންޑާރަ ނައިބަކު މިފަދަ ނިންމުމެއްގައި އިސްކޮށް ހުންނެވި ހުންނެވުން ބަލައިނުގަނެވޭނެ ކަމާއި، ގެއްލުވާލި ސަރަޙައްދު ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބައިނަލްއަޤްވާމީ ކަނޑުތަކާއި ބެހޭ ޤާނޫނުތަކާއި އެއްގޮތަށް ކަނޑައަޅާ، ޗާޓުތައް ކުރަހާ އދ އަށް ހުށައަޅާފައިވާ ކަމަށެވެ. އަދި މިއިން އެއްވެސް ކަމަކަށް ރިޢާޔަތްކުރުމެއް ނެތި ރާއްޖޭގެ ދެކުނުފަރާތުގެ ކަނޑުގެ ސަރަޙައްދު ކަނޑައަޅާފައި ނެތްކަމަށް ސަރުކާރުން ބުނަމުންދާކަމަށް އާޒިމާ ވިދާޅުވި އެވެ. އެ ވާހަކަތަކާއި ގުޅުވާ އާޒިމާ ވިދާޅުވީ، ކަނޑުގެ ސަރަޙައްދު ކަނޑަނާޅާ އޮތްކަމަށް ބުނާއިރު، މި ވެރިކަމުގައި 2019 ވަނަ އަހަރު އެކުލަވާލި (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގައި) ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ހިމާޔަތްކުރުމަށް ފުލުހުންނާއި، ސިފައިންނާއި ކަސްޓަމްސްގެ މައްޗަށް މަސްއޫލިއްޔަތުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

ޤާނޫނުތަކުގައި މިފަދައިން ބަޔާންކޮށްފައި ވަނިކޮށް ސިފައިންގެ ބޭކަލުން ނިކުންނަވާ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ނޭނގޭކަމަށް ވިދާޅުވަމުންދާ ކަމަށާއި، އެ އަޑުތައް އަހާ ލަދުން އިސްދަށަށް ޖަހާލަން ޖެހޭކަމަށް އާޒިމާ ވިދާޅުވި އެވެ.

”ސިފައިންގެ އިސްވެރިން ނިކުމެވަޑައިގެން މިތަނުގައި، ދިވެހިރާއްޖޭގެ ޔުނިފޯމުގައި ތިމަންނަމެންނަށް މިހާ ހިސާބަށް ދިވެހިރާއްޖޭގެ ސަރަހައްދު އެނގިވަޑައިގެން ނެތޭ ވިދާޅުވީމާ އަޅުގަނޑުމެން ޖަހަނީ ލަދުން އިސް ދަށަށް“ – އާޒިމާ-

އާޒިމާ ވިދާޅުވީ ސިފައިން މި މޭރުމުން ވާހަކަދައްކާއިރު، ރާއްޖޭގެ ރައްޔިތުންނާއި، މި ޤައުމާއި މި ޤައުމުގެ ސަރަޙައްދު ސިފައިން ހިމާޔަތްކުރާނެކަމަށް އިތުބާރުކުރެވިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އަސްކަރިއްޔާގެ އިސްވެރިންގެ ކޮމާންޑުގެ ދަށުގައި އޮތް އަސްކަރިއްޔާއަކަށް ދިވެހި ރައްޔިތުން ހިމާޔަތްކުރެވިދާނެ ކަމާމެދު ވެސް މިހާރު ސުވާލު އުފެދޭކަމަށް އާޒިމާ ވިދާޅުވި އެވެ.

އޭގެ އިތުރުން އާޒިމާ ވަނީ ކަނޑުގެ ސަރަޙައްދު ނޭނގޭކަމަށް ސިފައިންގެ އިސްވެރިން ވިދާޅުވާނަމަ، އެއީ އެ ބޭފުޅުންނާއި ދޭތެރޭ އަސްކަރިއްޔާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button