ޑރ. މުނައްވަރު ސަރުކާރަށް: ކަނޑުގެ ސަރަޙައްދުން ގެއްލުވާލިބައި ހޯދަން ނޭނގޭނަމަ ގެއަށް ވަޑައިންނަވާ

ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލުވާލިބައި އަނބުރާ ހޯދާނެ ގޮތެއް ސަރުކާރުގއި ތިއްބެވި ބޭފުޅުންނަށް އެނގިނުލައްވާކަމަށް ވާނަމަ، އެންމެ ރަނގަޅުވާނީ ގެއަށް ވަޑައިގަތުން ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ މުނައްވަރު ވިދާޅުވެއްޖެއެވެ.
ޑރ. މުނައްވަރު މިފަދައިން ވިދާޅުވީ ”ބާނަ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު“ ގެ ނަމުގައި ރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖެއިން މޮރީޝަސްއަށް ދޫކޮށްލި ބަޔަކީ ރާއްޖޭގެ ޖަޒީރާތަކާއި ގުޅިފައި އޮތް، އިހުޒަމާނުގައި ރާއްޖޭގެ މެޕްތަކުގައި ދިވެހިންގެ ތަނެއްގެ ގޮތުގައި ކަނޑައަޅާ ދައްކާފައި އޮތްތަނެއްކަމާއި، އެތަން އަނބުރާ ލިބެން ޖެހޭނެކަމަށް މުނައްވަރު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރަށް މި ފުރުސަތުގައި އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދުން ދޫކޮށްލިބައި އަނބުރާ ހޯދުމަށް ދަންނަވާލުމާއެކު ޗާގޯސް ހޯދަން މަސައްކަތް ކުރެއްވުމަށް މުނައްވަރު ގޮވާލެއްވިއެވެ.
ޑރ. މުނައްވަރު ވިދާޅުވީ ދިވެހި ރައްޔިތުންތިބީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ވިއްކާލީމާ އެކަމަށް ރުހިގެން ނޫންކަމަށާއި، އެކަން އެބީދައިން ދޫކޮށް ނުލައްވާނެ ކަމަށާއި، ގެއްލުނު މަސްކަނޑު އަނބުރާ ހޯއްދަވާނެ ކަމަށެވެ. އަދި މިސަރުކާރުން ގެއްލުވާލި ކަނޑުގެ ސަރަޙައްދު އަނބުރާ ހޯއްދަވައި ނުދެއްވޭ ކަމަށްވާނަމަ ރައީސް އިބްރާހިމް އިސްތިއުފާ ދެއްވާ ގެއަށް ވަޑައިގެންނެވުމަށް ޑރ. މުނައްވަރު ވަނީ ގޮވާލައްވާފައެވެ. އަދި އިސްތިއުފާ ނުދެއްވާ މަޤާމުތަކުގައި ތިއްބަވާނަމަ ރައްޔިތުން ނުކުމެ އެބޭފުޅުން ވެރިކަމުން ބާލާނެ ކަމުގެ އިންޒާރުވެސް މުނައްވަރު ވަނީ ދެއްވާފައެވެ.
”އެއީ އަޅުގަނޑުމެންގެ ޖަޒީރާތަކާއި ގުޅިފައި އޮތް، އެ ޒަމާނުގައި އަޅުގަނޑުމެންގެ މެޕްތަކުގައި އަޅުގަނޑުމެންގެ ބައެއްގެ ގޮތުގައި ކަނޑައަޅާ ދައްކާފައި އޮތްތަކެއް އަޅުގަނޑުމެންނަށް ލިބެން ޖެހޭނެ. އެހެންވީމަ ސަރުކާރަށް މި ފުރުސަތުގައި އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދުން ދޫކޮށްލިވައި އަނބުރާ ހޯދުމަށް ދަންނަވާލުމާއެކު މި ގޮވާލަނީ އެތަންވެސް ހޯދަން މަސައްކަތްޕުޅު ކުރައްވާށޭ، އެކަން ކުރަން ނޭނގޭނަމަ ގެއަށް ވަޑައިންނަވާ. ނޫންނަމަ ރައްޔިތުން ނުކުމެ މި ސަރުކާރުގެ އިސްވެރިން ވެރިކަމުން ބާލާނެ“ -ޑރ. މުނައްވަރު-
ޑރ. މުނައްވަރު ވަނީ ޗާގޯސް މައްސަލައިގައި ދިވެހި މަސްކަނޑު ސަރުކާރުން ދޫކޮށްލުމާއި ގުޅޭ ތަފްޞީލްތައް ހާމަކުރައްވާފައެވެ. އެ ތަފްޞީލް ތަކާއި އެކު ޑރ. މުނައްވަރު ވިދާޅުވީ ފެނިގެން ދިޔައީ ދިވެހި މަސްވެރިން މަސް ބާނާ ބާނާ ތިއްބާ ދިވެހިންގެ މައްޗަށް އެއްވެސް ރަހުމެއްނެތި ރައީސް އިބްރާހިމްގެ ސަރުކާރުން ދިވެހި މަސްކަނޑު ވިއްކާލިތަން ކަމަށެވެ. އަދި ރޭގެ ޖަލްސާ އަކީ ރައީސް އިބްރާހިމަށް ދިވެހި ރައްޔިތުންގެ ފަރާތުން ވަރުގަދަ ޑިމާންޑްތަކެއް ހުށަހެޅުމަށް ބޭއްވުނު ޖަލްސާއެއް ކަމަށާއި، މިސަރުކާށާއި ރައީސް އިބްރާހިމަށް ޑިމާންޑް ކުރަނީ މަސްޢޫލިއްޔަތު އަދާ ކުރުމަށް ކަމަށެވެ. އެ މަސްޢޫލިއްޔަތަކީ ދިވެހި ރާއްޖޭގެ ސަރަޙައްދު އޭގެގޮތުގައި އޭގެ ކަނޑުގެ ސަރަޙައްދު ދިވެހި ރާއްޖޭގެ ޤާނޫނުން ކަނޑައަޅާފައިއޮތް އިމުގެތެރޭގައި ދަމަހައްޓާ ދިނުން ކަމަށް މުނައްވަރު ވިދާޅުވިއެވެ.
ކަލޭއަށް އެނގޭމީހާ ނުހޯދީ ކީއްވެ؟