މި ސަރުކާރުގެ ވާހަކަ ދިވެހި ތާރީޚުގައި ލިޔާނީ ޤައުމަށް ހިޔާނަތްތެރިވެ،މަސްކަނޑު ވިއްކާލި ސަރުކާރުގެ ގޮތުގަ: އަލީ ޙުސައިން

ރައީސް އިބްރާހިމް ގެ ސަރުކާރުގެ ވާހަކަ ދިވެހި ތާރީޚުގައި ލިޔާނީ ޤައުމަށް ހިޔާނަތްތެރިވެ، ދިވެހި މަސްކަނޑު ވިއްކާލި ސަރުކާރުގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޗާގޯސް މައްސަލައިގައި ގުޅިފައިވާ އިއްތިހާދުން ރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި ”ބާނަ ބާނާ ތިޔަވިއްކާލީ ކަނޑު“ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޙުސައިން ވިދާޅުވީ މި މައްސަލައިގައި ރާއްޖޭގެ ބަންޑާރަނައިބު ވަނީ ޤައުމަށް ބޭވަފާތެރިވެފައިކަމަށާއި، ޙަޤީޤަތުގައި ފަހުގެ ތާރީޚެއްގައި ދިވެހި ޤައުމަށް އެންމެ ބޮޑު ހިޔާނަތްތެރިވި މީހުންގެ ގޮތުގައި މި ސަރުކާރުގައި ތިއްބެވި މީހުން ލިޔެވިގެންދާނެ ކަމާއި، މި ސަރުކާރުގެ ވާހަކަ ދިވެހި ތާރީޚުގައި ލިޔާނީ ޤައުމަށް ހިޔާނަތްތެރިވި، ދިވެހި މަސްކަނޑު ވިއްކާލި ސަރުކާރުގެ ގޮތުގައިކަމަށެވެ.
”މިއަދު އެމަނިކުފާނުގައި ނެތޭ ހިތްވަރެއް. ހިތްވަރު ނެތްތާ ދައުލަތުގެ ބަންޑާރަ ނައިބު މެދުވެރިކޮށް ދިވެހި ގައުމު ދިފާއު ކުރުމުގެ ބަދަލުގައި އަޅުގަނޑުމެންނަށްވީ ބޭވަރާތެރި، އަޅުގަނޑުމެނަށްވީ ގައްދާރު، ހިޔާނާތްތެރި. ހަގީގަތުގައި ފަހުގެ ތާރީހެއްގައި ދިވެހި ގައުމަށް އެންމެ ބޮޑު ހިޔާނަތްތެރިވި މީހެއްގެ ގޮތުގައި ލިޔެވިގެންދާނެ މި ސަރުކާރުގައި ތިއްބެވި މީހުން. މި ސަރުކާރުގެ ވާހަކަ ދިވެހި ތާރީހުގައި ލިޔާނީ ގައުމަށް ހިޔާނަތްތެރިވި، ދިވެހި މަސްކަނޑު ވިއްކާލި ސަރުކާރުގެ ގޮތުގައި.“ – މެމްބަރު އަލީ ޙުސައިން –
އަލީ ހުސެއިން އިތުރަށް ވިދާޅުވީ އިޓްލޮސްގެ ނިންމުމާއި ހިސާބުން ކަރުއެލުވާލައި އުންމީދު ކަނޑާލާކަށް ނުޖެހޭ ކަމަށާ އެ މައްސަލާގައި ދިވެހިންނަށް ކުރެވޭނެ ކަންތައް އަދި ކުރާނެ ކަންތައް ލައްކަ ބައިވަރު އެބަހުރި ކަމަށެވެ.
އަލީ ޙުސައިންގެ ވާހަކަފުޅުގައި ވިދާޅުވީ ދިވެހި މަސްކަނޑުން ބައެއް ގެއްލުމަކީ ދިވެހި ޤައުމުގެ ޝަރަފާ ކަރާމާތާއި ގުޅިފައިވާ ކަމެއް ކަމަށާއި، ރައީސް އިބްރާހިމްގެ ސަރުކާރު ދިވެހި ތާރީޚުގަ ލިޔާނީ ދިވެހި ޤައުމަށް އެންމެބޮޑު ޚިޔާނާތެއްވެ ދިވެހި މަސްކަނޑު ވިއްކާލި ސަރުކާރުގެ ގޮތުގައި ކަމަށެވެ. އަދި އިޓްލޮސްގެ މައްސަލައާއި ހިސާބުން އަދި ކަރު އެލުވާލަން ނުޖެހޭ ކަމަށާއި، އުންމީދު ކަނޑާލަން ނުޖެހޭ ކަމަށެވެ. މިކަމުގައި ކުރަން ލައްކަ މަސައްކަތް އެބަހުރިކަމަށާއި އިރާދަކުރެއްވިއްޔާ އެކަން ކުރާނެ ކަމަށްވެސް އަލީ ޙުސައިން ވިދާޅުވިއެވެ.
“ ޗާގޮސްގެ މައްސަލައާއި ދިވެހި ކަނޑުގެއްލުނު މައްސަލަ އެއްމައްސަލައެއްގެ ގޮތުގައި ބަޔާން ކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން. ދިވެހި މަސްކަނޑު ގެއްލުމަކީ ގައުމީ މައްސަލައެއް. އެއީ މަޖިލީހުން ނިންމާފައިވާ 200 ނޯޓިކަލް މެއިލް ދިވެހިންނަށް ހައްގުކަމަށް ބުނާ ގާނޫނާއި ހިފާލުވެފައިވާތީ މި ސަރުކާރުން.“- މެމްބަރު އަލީ ޙުސައިން –
އަލީ ހުސެއިން ވިދާޅުވީ އޭނާއަކީވެސް މި ސަރުކާރު ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރި ބޭފުޅެއް ކަމަށާ މި ސަރުކާރު ގެނައީ ފޮތިފޮތި ކޮށްފައި މަސްކަނޑުތަކާއި ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކަން ނޫން ކަމަށެވެ. އަދި މި ސަރުކާރުގެ ގެނައީ ދިވެހި ރާއްޖޭގެ އަބުރާއި އިއްޒަތާއި ޝަރަފާ ކަރާމާތް ވެއްޔާ މޮޑެލާކަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ. މި ސަރުކާރުގެ ފަރާތްތަކަށް މަސްއޫލިއްޔަ އަދާނުކުރެވޭ ކަމަށްވާނަމަ މަޤާމުން އެއް ކިބާވުމަށް އަލީ ހުސެއިން ގޮވާލެއްލެވިއެވެ.
ރޭގެ ޖަލްސާއަށް އަލީ ހުސައިން ވަޑައިގެންފައިވާއިރު، އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ ޖަލްސާ އަށް ވަޑައި ނުގެންނެވުމަށް ޕާޓީގެ އެންމެހައި މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.