ޚަބަރުސިޔާސީ

ނޮވެމްބަރު 11 ގައި އަނެއްކާވެސް ހުވާ ކުރައްވާނީ އިބްރާހިމް މުޙައްމަދު ޞޯލިހު: ނިހާދު

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އަނެއްކާވެސް ދިވެހި ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރައްވާނީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ބަހުސްގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ކުރީ ސަރުކާރުގައި ވަޒީފާގެ ބިރު އޮތްކަމަށްބުނެ އެކަން ނައްތާލަން އައިސް މިސަރުކާރުން ވަޒީފާގެ ބިރުދައްކާ ކަމަށް ވިދާޅުވެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވުމުން ނިހާދު ވިދާޅުވީ ސިޔާސީ ގޮތުން ވަޒީފާ ދީފައިތިބި މީހުން ސަރުކާރާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ވަޒީފާ ގެއްލޭނެ ކަމެއް ކަމަށް ޤަބޫލުކުރަންޖެހޭނެ ކަމަށެވެ.

ނިހާދު ވިދާޅުވީ ރައީސް އިބްރާހިމްގެ ސަރުކާރު އޮތީ ރައްޔިތުންގެ ޚިޔާލުތަކުގެ މައްޗަށް ބަލާ ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ތައްޔާރަށް ކަމާށާއި، މިސަރުކާރުން ދާނީ ދިވެހި ރައްޔިތުންބޭނުންވަ ފުރިހަމަ އިސްލާހީ ބަދަލުތައް ގެންނަމުން ކަމަށެވެ.

މީގެއިތުރުން ނިހާދު ވިދާޅުވީ ރައީސް އިބްރާހިމްގެ ސަރުކާރުން މި ރާއްޖެ ތަރައްޤީ ކުރަމުންދަނީ ހުރިހާ ދިމާލަކަށް ފޯކަސްކޮށްގެން ކަމަށާއި މިއަހަރުގެ ނޮވެމްބަރު 11 ގައި އަނެއްކާވެސް ރައީސް ކަމުގެ ހުވާ ކުރައްވާނީ މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙު ކަމަށެވެ.

”އިރާދަކުރެއްވިއްޔާ މި ދައުރު ނިމި ނޮވެމްބަރު 11 ގައި އަނެއްކާވެސް ހުވާ ކުރައްވާނީ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުޙައްމަދު ޞޯލިހު“ -ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު-

މިއާއިއެކު އޭނާ ވަނީ މިސަރުކާރަށް ތަޢުރީފް ކުރައްވާ މިސަރުކާރުން މީޑިއާގެ މިނިވަންކަންވެސް ތަންމިނަށް ދީފައިވާކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ ދެމަފިރިޔަކަށް ނޫހެއް ރެޖިސްޓްރީ ކޮށްފައި އެބައޮތޭ ބުންޏަސް ދޮގަކަށް ނުވާނެ ކަމަށް ނިހާދު ވަނީ ވިދާޅުވެފައެވެ.

ނިހާދު ވިދާޅުވީ ދިވެހި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދުވަހަކުވެސް ނެތް މިންވަރަށް މިސަރުކާރުގައި ދީފައި އެބައޮތް ކަމަށެވެ.

ނިހާދު މިފަދައިން ވިދާޅުވެފައި ވާއިރު، ޗެނަލް-13 އިން ދައްކާ ބައެއް ލަވަތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ޗޯރެއް ނުވަތަ ވަގެއްގެ ގޮތުގައި ދޭހަވާ ކޮންޓެންޓު ހުރިކަމަށް ބްރޯޑްކޮމް އިން ނިންމައި އެ ސްޓޭޝަނަށް ވަނީ އިންޒާރު އަނެއްކާވެސް އިންޒާރު ދީފައެވެ.

މީގެ ކުރިން ”މަޑިސީލަ“ގެ ނަމުގައި ޗެނަލް 13 އިން ގެނެސްދިން ޓޯލްކްޝޯގެ މައްސަލަ ބްރޯޑްކޮމްއިން ބަލައި އެ ޝޯ ގެނައުން މަނާކުރުމާ ގުޅިގެން ޗެނަލް-13 އިންވަނީ އެ ޝޯ އަލުން ބްރޭންޑުކޮށް ހަޖަމްގެ ނަމުގައި ފަށާފައެވެ. މީގެ އިތުރުން ޗެނަލް 13 ގެ ލައިވް ޝޯ އަކަށް ގުޅާ ރައީސް އިބްރާހިމާއި ގުޅޭގޮތުން ދައްކަން ނުޖެހޭ ވާހަކައެއް ދެއްކި މައްސަލައިގައިވެސް ޗެނަލް-13 އަށް އިންޒާރުދީ ފިޔަވަޅުއަޅާފައިވެއެވެ. އަދި މި ސަރުކާރުން މިހާތަނަށް ޗެނަލް-13 ބޮންތި ނޫސް، އަވަސް ނޫސް ހިމެނޭހެން 4 ނޫސްވެރިޔަކު ހައްޔަރުކޮށް ޗެނަލް-13 ގެ ސީއޯއޯ ގޭބަންދުކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޓްވީޓް ކޮށްގެން ބައެއް މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލާ، ނޫސްވެރިންގެ ފޯނު ކޯޓު އަމުރުގެ ދަށުން ބަލާ ފާސްކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button