
ވައްކަމުގެ އެއްވެސް މައްސަލައެއް ނުބައްލަވައި، ލަދުހަޔާތަށް ޒީރޯ ޓޮލެރެންސް ދެއްވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް މީހުން ޗޯރު އިބުރޭ ކިޔާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
މެންބަރު ވައްޑޭ މިފަދައިން ވިދާޅުވީ ޗެނަލް 13 އިން ދައްކާ ބައެއް ލަވަތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ޗޯރެއް ނުވަތަ ވަގެއްގެ ގޮތުގައި ދޭހަވާ ކޮންޓެންޓު ހުރިކަމަށް ބްރޯޑްކޮމް އިން ނިންމައި އެ ސްޓޭޝަނަށް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ހުށަހަޅުއްވުމާ ގުޅިގެންނެވެ. އެ މައްސަލައަށް ބަހުސް ކުރަން ވޯޓު ހަމަނުވި ނަމަވެސް ވައްޑޭ ވަނީ އެކަމުގައި އޭނާ ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާފައެވެ.
އެގޮތުން ވައްޑޭ ފާހަގަކުރެއްވިގޮތުގައި ރައީސް ސޯލިހުގެ ވެރިކަމުގައި ވައްކަން ފުޅާވެގެން ގޮސްފައިވެއެވެ. އަދި އެމައްސަލަތައް ނުބެލޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
”އަމީނީ މަގުގެ މަސައްކަތް ޗައިނާ ބޮޑުފާރަށްވުރެ ދިގުލައިގެން ދިޔާމާ ސްލޯލިހު ކިޔާނެ. އަޅުގަނޑުމެންގޭ ކުޑަކުދިންވެސް ކިޔާ. އުނދަގުލުން ޑިޓޮކްސިފިކޭޝަން ކީމަ ނުކިޔަވާ އިބޫވެސް ކިޔާނެ. އެވަރު ހަޖަމުވެގެން ސިޔާސީ ކަންކަމުގެ އުޅެންވާނީ.“ ވައްޑޭ ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޗޯރު އިބުރޭ ކިޔައިގެން ބަޔަކު ހަމައިން ނެއްޓޭ ހިސާބަށް ދާން ނުޖެހޭކަމަށް ވިދާޅުވެފައެވެ.