ޚަބަރު

ވަގު ޑޮލަރުގެ ވިޔަފާރި އިޝްތިހާރު ކުރަމުންދާ މައްސަލަ ބަލަން ފަށައިފި

ފުޅާ ދާއިރާއެއްގައި ވަގު ޑޮލަރުގެ ވިޔަފާރި ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ފޭސްބުކް ޕޭޖް https://www.facebook.com/aslulaari ގައި މިފަދަ ޕޯސްޓްތައް އާންމުކޮށް އިޝްތިހާރު ކުރަމުންދާކަން ފުލުހުންގެ ސަމާލުކަމަށް މިހާރު ވަނީ އައިސްފައެވެ.

އެ ޕޭޖުގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ވަގު ޑޮލަރުގެ އާ ޝިޕްމެންޓް ލިބިއްޖެ ކަމަށް އިޢުލާނުކޮށްފައެވެ. އަދި އެ ޑޮލަރަކީ އޭޓީއެމްއަށް ޖަމާކުރެވޭނެ އެއްޗެއް ކަމަށާއި، ބޭނުންތަނަކަށްގޮސް މާރު ކުރެވޭނެ ކަމާއި މިކަމުން ބޮޑު ފައިދާ ލިބޭނެކަމަށް އިޝްތިހާރުކޮށްފައިވެއެވެ.

މީގެ އިތުރުން ވަގު ޑޮލަރު އިޝްތިހާރު ކުރުމަށް ޚާއްސަކޮށްގެން ހިންގަމުންދާ ޓެލެގްރާމް ޗެނަަލަށް ވީހާވެސް ގިނަބަޔަކު ގުޅުމަށް އެ ޕޭޖުން ދަނީ އަންގަމުންނެވެ. މި ޓެލެގްރާމް ޗެނަލް https://t.me/aslulaari ޖުމްލަ 810 މެމްބަރުން ވަނީ ސަބްސްކްރައިބް ކޮށްފައެވެ.

މި ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިކަން ހުއްޓުވަން ސަރުކާރުން ކިތަންމެ ބޭނުން ވިޔަސް ނުހުއްޓުވޭނެ ކަމަށެވެ. އަދި ސަރުކާރުން މިކަން ހުއްޓުވަން އުޅެނީ ރައްޔިތުމީހާގެ ޖީބު ފުރޭތަން ބަލަން ކެތް ނުވެގެން ކަމަށް ބުނެފައިވެއެވެ.

ވަގުޑޮލަރު އިޝްތިހާރުކޮށްފައިވާ ޕޯސްޓެއް

ފާޅުކަން ބޮޑު ގޮތެއްގައި ވަގު ޑޮލަރު ވިއްކުމާއި މި ވިޔަފާރި އިޝްތިހާރު ކުރާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭތޯ އާއި އަދި މިފަދަ ކަންކަން ހުއްޓުވުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅުތަކަކީ ކޮބައިތޯ  ”ބޮންތި“ ނޫހުން ފުލުހުންނާއި ކުރި ސުވާލުގެ ޖަވާބުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިކަންވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައިކަމަށެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

”ސަމާލުކަމަށް އައިސްފަވާތީ ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން“ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ތަކުރާރުކޮށް ސައްހަ ނޫން ޑޮލަރުން ވިޔަފާރި ކުރަމުން އަންނަ ކަމުގެ ތުހުމަތުވާ ޒުވާނަކު ވަނީ ދާދިފަހުން ހައްޔަރުކޮށް އޭނާގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައެވެ.

މިދިޔަ އަހަރުވެސް އެފަދަ މައްސަލަތަކެއް ފުލުހުން ތަޙުޤީޤު ކޮށްފައިވެއެވެ. އެގޮތުން އޮޅުވާލައިގެން ބިދޭސީއަކަށް ވަގު ޑޮލަރު ވިއްކި ދެ ދިވެހިން 28,800 ރުފިޔާއިން ޖޫރުމަނާ ކުރުމަށް މިދިޔަ އަހަރުގެ ޖޫން މަހު، ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ. އަދި ފުޅާ ދާއިރާއެއްގައި ވަގު ޑޮލަރުން ވިޔަފާރި ކުރަމުންދިޔަ ބަޔަކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ހައްޔަރު ކޮށްފައިވެއެވެ.

ސައްޚަ ނޫން ޑޮލަރުން މުޢާމަލާތް ކުރުމުގެ މައްސަލަތައް މިފަހަކަށް އައިސް އިތުރު ވެފައިވާއިރު ދާދި ފަހުން ކްރިމިނަލް ކޯޓުން ވަނީ ވަގު ޑޮލަރު ބޭނުންކޮށްގެން ފޯނެއް ގަތް ޒުވާނަކު ޖޫރިމަނާ ކުރުމަށްފަހު އޭނާގެ އަދަބެއްގެ ގޮތުން މުޖްތަމަޢުއަށް ޚިދުމަތްކުރުމަށް ހުކުމް ކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button