ޚަބަރު

ފެންބޮޑުވަނީ އަމީނީމަގާ ދިމާލަށް މާލެ އަރިވެފަ އޮތީމަ: މޫކޭ

މިސަރުކާރުން ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާ މާލޭގެ އަމީނީމަގުގައި ފެންބޮޑުވަނީ މާލެ އަމީނީ މަގާ ދިމާލަށް އަރިއަކަށް އޮތުމުންކަމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމަށް މިހާރު ހިންގާ މަޝްރޫޢުގެ ދަށުން އަމީނީމަގުގެ މަސައްކަތް ނިންމުމަށް އެތަކެއް ތަރީޚްތަކެއްދެމުން ގެންދާތާ 9 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު މޫކޭ ކުރިން ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް 7 މަހުން ނިންމާނެ ކަމަށެވެ.

އެހެންނަމަވެސް އާރްޑީސީއަށް އެމަސައްކަތް ނުކުކުރެވި އެންމެފަހުން އެމްޓީސީސީއާއި އެ މަސައްކަތް ކުރުމަށް ހަވާލުކުރިއެވެ. އެމްޓީސީސީން ވަނީ މަގުގެ ކުޑަ ތަންކޮޅެއްގައި ތާރު ފަށަލައެއް އަޅާލުމަށްފަހު ވަރަށްބޮޑަށް މިކަން ޕްރޮމޯޓްވެސް ކޮށްފައެވެ. ނަމަވެސް މަގުގެ މަސައްކަތް އިމާދުއްދީން ސްކޫލާއި ހަމައިން ވަނީ ހުއްޓިފައެވެ.

ކުރީ ސަރުކާރުއޮތްއިރު މަގުތަކުގަ ފެންބޮޑުވާތީ މަގުތައް މުޢިއްޒުވަނީ ކަމަށްބުނެ ކުރީގެ ހައުސިންގް މިނިސްޓަރ ޑރ. މުޢިއްޒުއަށް ހަޖޫ ޖައްސަވާ މޫކޭ ކުރިން ވިދާޅުވީ ފެންހިންދާނެ ފޯމިއުލާ އެބޭފުޅުން އަތްޕުޅުގައި އެބައޮތްކަމަށާއި، ދެން މާލޭގެ މަގުތަކުގައި ފެންބޮޑު ނުވާނެކަމަށެވެ. އެހެންނަމަވެސް ރައީސް އިބްރާހިމްގެ ސަރުކާރުގައި މޫކޭގެ މޭސްތިރިކަމުގެ ދަށުން ތާރު އަޅަންފެށި އަމީނީމަގުގެ ތާރުއަޅާ ހުޅުވާލި ސަރަޙައްދު ވިއްސާރަވުމާއިއެކު ދަނީ ފެންބޮޑުވަމުންނެވެ. އަމީނީމަގުގައި ފެންބޮޑުނުވާނެ ކަމަށް ތަކުރާރުކޮށް މޫކޭ ވިދާޅުވިނަމަވެސް ކިރިޔާ ވާރޭ ވެހިލިޔަސް އަމީނީމަގުގައި އަދިވެސް ފެން ބޮޑުވެއެވެ.

އަމީނީމަގު ތާރު އަޅާ ހުޅުވާލި ބައިގައި ފެންބޮޑުވެފަ

މިކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ ”ފަލަ ސުރުޚީ“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ މާލެއަށް ވާރޭ ވެހިލާއިރަށް އަމީނީ މަގުގައި އާރުޑީސީން ނިންމާފައިވާ ބައިގައި ފެންބޮޑުވިތޯ ބަލާ ކަމަށެވެ. އަދި މާލެ އޮންނަނީ އަރިކޮށް ކަމަށާއި، ނަތީޖާއެއްގެ ގޮތުން މާލެއަށް ވެހޭ ވާރޭގެ ބޮޑު ބައެއް ޖަމާވަނީ އަމީނީ މަގުގައިކަމަށާއި، އެކަމުގެ ސަބަބުން ފެން ބޮޑުވާ ކަމަށެވެ.

”މިސާލަކަށް އެންމެ ފަހުން މުޅި މާލޭގަ ފެންބޮޑުވި ދުވަހު، އެދުވަހު 88 މިލިލީޓަރުގެ ވާރޭ މާލެއަށް ވެހުނު. އެހުރިހާ ފެނެއް ޖަމާވަނީ އަމީނީ މަގަށް. މާލެ އޮތީ އަމީނީ މަގަށް ވާ ގޮތަށް އަރިކޮށް. ހަގީގަތަކީ އެއީ. މުޅި މާލެއަށް ވެހޭ ފެން ޖަމާވަނީ އެ ސަރަހައްދަށް،“ މޫކޭ ވިދާޅުވިއެވެ.

މޫކޭ މިފަދައިން ވިދާޅުވެފައިވާއިރު އާރުޑީސީން މާލޭގެ އަނެއްފަޅީގައި ތަރައްޤީކުރި ކަނބާއައިސާ ރަނި ހިނގުން ސަރަޙައްދުގައިވެސް ވާރޭ ވެހިލާއިރަށް ފެންބޮޑުވެއެވެ.

އަމީނީމަގުގެ މަޝްރޫޢު އަކީ ނިމިދިޔަ ކައުންސިލާއެކު އެއްބަސްވުމެއްހެދި 39 މިލިއަނަށް ނިންމަން ސަރުކާރުން ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ މަޝްރޫޢުއެއްނަމަވެސް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމުން މާލެސިޓީ ކައުންސިލްގެ މެޖޯރިޓީ ނެގި ހިސާބުން ސަރުކާރުން މުޅި މަޝްރޫޢު ހަވާލުކުރީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އާރުޑިސީ) އާއެވެ. ކުރިން މަގު ހަދަން ކަނޑައެޅި ބަޖެޓް 3 ގުނަ އަށް ބޮޑުކޮށް 84 މިލިއަން ރުފިޔާއަށް މި މަޝްރޫޢު އާރްޑީސީ އާއި ހަވާލުކުރީ7 މަސް ދުވަސްތެރޭގައި ނިންމުމަށް މިދިޔަ އަހަރުގެ އޯގަސްޓްމަހުގައެވެ.

އެހެންނަމަވެސް އަމީނީމަގުގެ މަސައްކަތް ނުނިމި ދިގުލައިދާތީ މާލެ ސިޓީގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button