ފުށްގިރި މައްސަލަައިގަ ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް ލިބުނީ ކާމިޔާބު: ވަކީލުން

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މުޅި މައްސަލައިގައި ލިބުނީ ކާމިޔާބު ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ރ. ފުށްގިރި މައްސަލައިގެ ޝަރީޢަތުގެ ކުރިން ހުށައަޅަން ޖެހޭ ހުށައެޅުންތަކާއި ގުޅޭގޮތުން ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިޢުނާފުކުރި މައްސަލަ ރޭ ނިމުނީ އެމައްސަލައިގައި އަހުމަދު އަދީބާއި ޒިޔަތުގެ ހެކިބަސްނެގީ ގޯސްކޮށް ނަމަވެސް ޝަރީޢަތް އަލުން ފަށަން ނުޖެހޭކަމަށް 3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމައިގެންނެވެ.
މައްސަލައިގެ އިސްތިޢުނާފީ ނުކުތާތަކަށް ވަކިވަކިން އަލިއަޅުވާލައްވާ ރަޢުޔު އިއްވަވަމުން ހުސްނުއްސުޢޫދު ވިދާޅުވީ ފުށްގިރި މައްސަލައާއި ގުޅިގެން ދައުވާ އުފުލާފައިވާ ރައީސް ޔާމިނާއި ކްރިކް ރިޒާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ޙާލަތެއް އޮތްކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ.
ފަނޑިޔާރު ހުސްނުއްސުޢޫދުގެ ރައުޔަށް އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޑރ. މުޙާއްމަދު އިބްރާހިމް އަދި ފަނޑިޔާރު އައިޝަތު ޝުޖޫން ތާޢީދު ކުރައްވާ ސުޕްރީމް ކޯޓުން ވަނީ 3 ފަނޑިޔާރުންގެ އިއްތިފާޤުން އެ މައްސަލައިގައި ހައިކޯޓުގެ ނިންމުން ދަމަހައްޓާ މައްސަލަ ނިންމާލައްވާފަ އެވެ.
މި ނިންމުމަށްފަހު މިއަދު ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލުން ވިދާޅުވީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ޙުކުމް ކުރީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެދުނު ގޮތަށް ނޫންކަމުގައި ވިޔަސް، ސުޕްރީމް ކޯޓުގެ ނިންމުން ނިމިފައިވަނީ އެމަނިކުފާނަށް ފައިދާވާ ގޮތަށް ކަމަށެވެ.
އަދި އެ މައްސަލަ ޙަޤީޤަތުގައި ސުޕްރީމް ކޯޓުން ނިންމާފައި އޮތީ އެބޭފުޅުން އެދުނު ގޮތަށްވުރެ ވެސް ރަނގަޅަށް ކަމަށް ވަކީލުން ވިދާޅުވި އެވެ.
ދައުލަތުގެ އެކި އިދާރާތަކުގައި ހުރި އެ މައްސަލައާ ގުޅޭ ރިކޯޑުތަކާއި ލިޔެކިޔުންތައް ބެލުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
”އިސްތިއުނާފުކުރީ ތިން ނުކުތާއެއް. އެއީ ވަކިވަކި ހެކިތަކަކީ އެއީ ގުޅޭ ހެކިތޯ ނުވަތަ ނުގުޅޭ ހެކިތޯ ކަނޑައަޅައިދޭން ޖެހޭނެ ކަމަށް. ސުޕްރީމް ކޯޓުން ނިންމީ ވަކިވަކި ހެކިތަކާ ގުޅޭގޮތުން އެއީ ގުޅޭ ހެކިކަން ނުވަތަ ނުގޫޅޭ ހެކިކަން ދަށު ކޯޓުން ކަނޑައަޅަންޖެހޭނެ ކަމަށް، އެކަމަކު މިހާރު ޝަރީޢަތުގެ މަރުހަލާ ފެށިފައި ވާތީ އެ މަރުޙަލާގެ ތެރެއިން ކުރިއަށް ގެންދާށޭ. ސުޕްރީމް ކޯޓުން ދެއްވި ހައްލަކީ، ކުރިން އެ މަރުޙަލާ ނިމިފައި އޮތް ކަމަށް ވިޔަސް، ޝަރީޢަތުގެ ތެރޭގައި އެކަން ނިމިގެން ދާންޖެހޭނޭ،“ ވަކީލުން ވިދާޅުވި އެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ދަޢުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން އަދީބާއި ޒިޔަތުގެ ހެކި ބަލައިނުގަތުމަށް ނިންމި ކަމަށާއި،ސުޕްރީމް ކޯޓުން ނިންމީ ހެކިތަކުގެ ރިލެވެންސީ ކަނޑައެޅުމުގެ މަރުޙަލާވެސް އަލުން ކަނޑައަޅަން ކަމުގައި ރައީސް ޔާމީންގެ ވަކީލުން ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެ މައްސަލައިގައި ރައީސް ޔާމީނަށް ލިބުނީ ނާކާމިޔާބީއެއް ކަމަށް ދެކެވޭ ވާހަކަ އަކީ ތެދެއް ނޫންކަމަށާއި، އެއީ މި މައްސަލައިގައި ރައީސް ޔާމީން އަށް ލިބުނު ކާމިޔާބީއެއްކަމުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ފާހަގަކުރެއްވިއެވެ.