މަސައްކަތްތަކަށް ސަރުކާރުން ހުރަސްއެޅުމަކީ މާލެސިޓީގެ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއް: މޭޔަރ މުޢިއްޒު

މާލެސިޓީގެ ރައްޔިތުން އެދޭ ބޮޑެތި ކަންކަމުގެ ހައްލު ހޯދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އެޅުމަކީ މާލެސިޓީގެ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެއް ކަމަށް މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިފަދައިން ވިދާޅުވީ ރޭ ޗެނަލް 13 ގެ ”ނިއުސް ޓޯކް“ ގައި ބައިވެރިވެ ވަޑައިގެން ކައުންސިލްގެ މަސައްކަތްތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. މެއި މަހުގެ 17 ވަނަ ދުވަހު ހަތަރުވަނަ ދައުރުގެ ކައުންސިލަށް 2 އަހަރު ފުރިގެންދާއިރު މި ދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގިނަ ކަންކަން ފެށިފައިވާ ކަމާއި، އެހެންނަމަވެސް ބައެއް މުހިންމު ކަންކަން ނުނިމިފައިވަނީ ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ ކަން މޭޔަރ ފާހަގަކުރެއްވިއެވެ.
ހަތަރުވަނަ ދައުރުގެ ޕީޕީއެމް މެޖޯރިޓީ އޮތް ކައުންސިލަށް ސަރުކާރުން ކުރިމަތިކުރުވާ ހުރަސްތަކާއިއެކުވެސް ނަތީޖާ ނެރެވޭކަމަށް ޤަބޫލު ކުރައްވާކަމަށްވެސް މޭޔަރު މުޢިއްޒު ވިދާޅުވިއެވެ.
އަޅުގަނޑުމެން ހަމަ ރައްޔިތުން އެދޭ ކުދިކުދި ކަންތައްތައް ހައްލުކޮށްދެން. އެހެންނަމަވެސް ރައްޔިތުންއެދޭ ބޮޑެތި ބައެއް ކަންކަން ކުރުމަށް ސަރުކާރުން ހުރަސް އެޅުމަކީ މާލެސިޓީގެ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެއް.“ މޭޔަރ ވިދާޅުވިއެވެ.
މޭޔަރ މުޢިއްޒު ވިދާޅުވީ ސަރުކާރުން ހުރަސްތައް ކުރިމަތި ކުރުވި ނަމަވެސް މާލެސިޓީގެ ރައްޔިތުންގެ އެއްބާރުލުމާއި އެކު ކައުންސިލުން އިތުރު ގޮތްތައް ހޯދައިގެން އަމާޒަށް ވާސިލް ވުމަށްޓަކާ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޚިދުމަތްތައް ދިނުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ފުޅާދާއިރާއެއްގައި ކައުންސިލަށް ލިބެމުންދާ ކަމަށާއި، ޚިދުމަތްދިނުމުގައި ވަކި ސިޔާސީ ޕާޓީއަކަށް ނުބައްލަވާ ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.
މޭޔަރު ވިދާޅުވީ ސަރުކާރުން އެއްބާރުލުން ނުދިންކަމަށް ވިޔަސް ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި މާލެސިޓީ ކައުންސިލުން އެއްބާރުލުން ދެމުންދާކަމަށެވެ. އަދި ސަރުކާރާއި އިދިކޮޅު މެޖޯރިޓީ އޮތް ކައުންސިލެއް ކަމުން ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ. މޭޔަރ އިތުރަށް ވިދާޅުވީ މިހުރިހާ ގޮންޖެހުންތަކާއިއެކުވެސް ހަތަރުވަނަ ދައުރުގެ ކައުންސިލުން ކުރެވުނީ ކާމިޔާބު މަސައްކަތްތަކެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި، ކައުންސިލް ހިންގުމުގައި މާލެސިޓީގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާކަމަށެވެ.
ހުރަސް އަޅަން ތިޔައީ ކޮންކަމެއް ކުރާ ކައުންސިލެއް ހެއްޔެވެ؟ ކުރާ ކަމަކީ ކޮންމެ ދުވަހަކު ދެތިން ނޫސްބަޔާން ނެރުމާއި ދޭތެރެ ޖެއްސުމެވެ. ތިޔައީ ނޫސްތަކުގައި ހިންގާ ކައުންސިލެކެވެ. ކުރާކަމެއް ދައްކަބަލާށެވެ. ކޮންމެ ދުވަހަކުވެސް ތިޔަ ބަލަނީ މާދަމާ ނޫހުގައި ލިޔާނެ އެއްޗެކެވެ.