ޚަބަރުސިޔާސީ

އަމީނީމަގު ނިމުމުގެ ކުރިން ނިމޭނީ ސަރުކާރު: ޑރ.މުޢިއްޒު

އަމީނީ މަގުގެ މަސައްކަތް ނިމުމުގެ ކުރިން ނިމޭނީ މިސަރުކާރުހެން ހީވާ ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ސަންގުޓީވީގެ“ޚަބަރަށްފަހު“ ޕްރޮގްރާމްގައި ޑރ. މުޢިއްޒު ވަނީ އަނެއްކާވެސް އަމީނީ މަގުގެ މަސައްކަތް ހިނގަމުންދާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ފުރަތަމަ އެބޭފުޅުން ވިދާޅުވީ 7 މަސް ދުވަހުން ނިންމާލެވޭނެ ވާހަކަ މިއަހަރުގެ އޭޕްރީލް ނޫނީ މެއި މަހަށް. މިހާރު މިދިޔައީ އެ މުއްދަތު، މި މުއްދަތުގަ މިއޮތީ ފެންނަން ކުރެވިފަ އޮތީ ކިހާ މަސައްކަތެއްކަން. މިނިސްޓަރުވެސް އެ ދެއްވަނީ އެކިފަހަރު އެކި ތާރީޚް. މަޖްލީހުގަ މިނިސްޓަރ އަސްލަމް މި ވިދާޅުވަނީ ސެޕްޓެމްބަރަށް ނިމޭނެއޭ. މިހާރު އެ ވިދާޅުވަނީ ނޮވެމްބަރަށް ނިމޭނެއޭ. އަޅުގަނޑަށް ހީވަނީ އެއަށްވުރެ ކުރިން ސަރުކާރު ކަންނޭނގެ ނިމޭނީ. ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ކުރީގެ ހައުސިންގް މިނިސްޓަރު ކަމުގައި މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުގެ މަގުތަކުގައި ތާރުއެޅުމުގެ ކަންކަން ބާރު ސްޕީޑެއްގައި ކުރެއްވުމުގައި ޑރ. މުޢިއްޒުގެ ދައުރު ބޮޑެވެ. އެހެންކަމުން މިކަމުގެ ތަޖުރިބާ އާއި ޤާބިލްކަން ހުންނާނެ އެއްފަރާތަކީ ޑރ. މުޢިއްޒު ކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

އަމީނީމަގުގެ މަސައްކަތާއި ގުޅިގެން ޑރ. މުޢިއްޒު ވިދާޅުވީ ސަރުކާރުން ކުރިން ސިޓީ ކައުންސިލާއިއެކު ހަމަޖެހުނު ބަޖެޓަށްވުރެ ބޮޑު ބަޖެޓަކާއިއެކު އާރްޑީސީއަށް މަސައްކަތް ހަވާލުކުރި ނަމަވެސް މި މަސައްކަތުގެ ސްކޯޕަކަށްވެސް އަދި މަޝްރޫޢުގައި ކުރިން ހިމަނާފަހުރި އެއްވެސް ކަމަކަށް ބަދަލެއް ނައިސް އެއްވެސް ކަމެއް އިތުރުނުވެ ފެނިގެން ދިޔައީ ހަމަ އޮތްގޮތަށްއޮވެ މަޝްރޫޢު 34 މިލިއަނުން 84 މިލިއަނަށް ބޮޑުވެގެން ދިޔަތަންކަމަށެވެ.

އަޅުގަނޑުމެން އުންމީދު ކުރިން އެބާރުމިނުގަ ދާނެކަމަށް. މި މަޝްރޫޢުއަށް 84 މިލިއަން ރުފިޔާ ހޭދަކުރޭ. މިއީ 39 މިލިއަނަށް ވާންއޮތް ކަމެއް. ކުރީގެ ސްކޯޕަކަށް ބަދަލެއްނާދޭ. އެއީ ކައުންސިލާ އާރްޑީސީ އާއި އެއްބަސްވި ސްކޯޕް. މަޝްރޫޢުގަ ކުރިން ހިމަނާފަހުރި ކަންކަމަކަށް އިތުރެއްނުވޭ، ހަމަ އަޅަންހުރި ހޮޅި އަކަށް ހޮޅިއެއް އަދިވެސް އެ އަޅަނީ. ތާރުގެ ބޯމިން އިތުރެއްނުވޭ. ނޫނީ އޭގެ ދަށަށްދާ ފަށަލަތައް އިތުރެއްނުވޭ. އެއްވެސް ކަމެއް އިތުރުނުވެ ހަމަ އޮތްގޮތަށް 34 މިލިއަނުން 84 މިލިއަނަށް.

އަމީނީމަގު މަޝްރޫޢުގެ އަގަށް މިހާބޮޑު ބަދަލެއް ގެނެވުނު ސަބަބެއްކަމުގަ ބުނެވެންއޮތީ އޭރު ސިޓީ ކައުންސިލުން ކުރަންއޮތް މުއްދަތަށްވުރެ މާ އަވަހަށް މަސައްކަތް ނިންމުން ކަމަށް ބުނެވިދާނެ ކަމަށާއި، ރިސޯސަސް އިތުރުކޮށް މަސައްކަތް އަވަސްކުރާނަމަ މަޝްރޫޢުގެ އަގު ބޮޑުވެދާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އެހެންނަމަވެސް ގާތްގަނޑަކަށް ނިންމުނީ 10 އިންސައްތަ ކަމާއި، އަމީނީމަގުގެ ބޮޑުބައެއް ރޫޅާލާ މިހެން ދިގުދަންމަމުން ގެންދާތީ މިއީ ޙަޤީޤަތުގަވެސް ރައްޔިތުންނަށް ވަރަށް އުނދަގޫވާ ކަމެއް ކަމުގައި މުޢިއްޒު ވިދާޅުވިއެވެ. އަދި މިކަމާގުޅިގެން އެކިފަރާތްތަކުން ޑރ. މުޢިއްޒު އާއި އަދި މާލެސިޓީ ކައުންސިލަށް ރަސްމީކޮށްވެސް ޝަކުވާ ހުށަހަޅަމުންދާކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އަމީނީމަގު ގެ މަޝްރޫޢު ފެށުމާއިއެކު މި މަސައްކަތް އިޝްތިހާރު ކުރިވަރާއި ގާތަށްވެސް މަސައްކަތް ނުނިމޭކަމަށާއި، ނިމުނު ކުޑަތަންކޮޅުވެސް ނިންމީ ހަވާލުކުރި ކުންފުނި އާރްޑީސީން ނޫންކަމަށްވެސް މުޢިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެކަންވެސް ކުރީކީ އާރްޑީސީ އަކުންނޫން .ވަރަށްބޮޑު ރަސްމިއްޔާތެއް ބޭއްވިގެންދިޔަ މުޅި ސަރުކާރުގެ ޕީއާރު ޓީމާއި މުޅި ރައީސް އޮފީހާއި އެކްޓިވިސްޓުން އެއްކޮށް އެކި އޭންގަލްތަކުން ފޮޓޯނަގާ ޓްވީޓްކޮށް ، ދުވަހަކުވެސް ރާއްޖޭގައި ތާރުނާޅާތީ އަލަށްކުރާ ކަމެއްހެން ހީވެގެން އުޅުނު ކަހަލަ ގޮތަކަށް ފެނިގެން ދިއަޔީ.

މުޢިއްޒު އިތުރަށް ވިދާޅުވީ މި މައްސަލައަކީ ސިޔާސީ ކަމެއްނޫން ކަމަށާއި، މިއީ ރައްޔިތުންގެ ޙަޤީޤީ ކަންބޮޑުވުންތަކެއް ކަމަށެވެ. އަދި ކައުންސިލުން މި ޝަކުވާތައް އާރްޑީސީ އާއި ޕްލޭނިން މިނިސްޓްރީ އާއިހަމަޔަށް ގެންގޮސްދިން ނަމަވެސް މި އަޑުއަހާނެ ބައެއް ނެތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button