ޚަބަރު

ބަންދުގައި ހުއްޓާ ފިލިމީހާ ހޯދާ 12 ފުލުހަކު ސަސްޕެންޑުކޮށްފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިގެން ދިޔަ މީހާ ހޯދަމުން ދަނިކޮށް ފެނިފައިވާއިރު އެމައްސަލައާއި ގުޅިގެން 12 ފުލުހަކު ސަސްޕެންޑް ކޮށްފިއެވެ.
އއ، ރަސްދޫގައި ޝަރީޢަތް ނިމެންދެން ބަންދުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިގެން ގޮސްފައިވަނީ އއ.ހިމަންދޫ، ދަބުގެ، ހުސައިން ޝަޙްބާން އެވެ.
އޭނާ ފެނުމާއި ގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ފުލުހުންގެ ބަންދުގައި ހުއްޓާ ފިލުމާ ގުޅިގެން ހޯދަމުންދިޔަ އއ. ހިމަންދޫ /ދަބުގެ، ޙުސައިން ޝަޙްބާން (25އ) ވަނީ 18:35 އެހައިކަންހާއިރު އއ. ރަސްދޫއާ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން ފެނިފައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މިހާރު ޝަޙްބާން ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.
https://twitter.com/PoliceMv/status/1654855445209812992?s=20

މި މައްސަލާގައި ”ދިޔަރެސް“ ނޫހަށް މައުލޫމާތު ދެއްވަމުން ފުލުހުން އިސްވެރިޔަކު ވިދާޅުވީ އެމީހާ ފުލުހުންގެ ސްޓޭޝަނުން ފިލިއިރު އެތަނުގައި ތިބީ 2 ކޮންސްޓަބަލުން ކަމަށެވެ. އެ ދެ މީހުން ފިޔަވައި އެ ސްޓޭޝަނުގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ތިބީ އދ.މަހިބަދޫގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ މައުލޫމާތު ދެއްވި ގޮތުގައި އެ ފުލުހުން މަހިބަދޫއަށް ދިޔައީ އެ ރަށުގައި އޮތް ފުޓުބޯޅަ މެޗެއް ކުޅުމަށެވެ. އެ މައްސަލާގައި ރަސްދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ 12 ފުލުހަކު ސަސްޕެންޑުކޮށްފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އެ ފުލުހުން ސަސްޕެންޑުކުރަން ނިންމީ ރަސްދޫ ޕޮލިސް ސްޓޭޝަން ކޮންސްޓަބަލުންނާ ހަވާލުކޮށްފައި ދިއުމުގެ ސަބަބުންކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޙުސައިން ޝަޙްބާން އަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބަންދުގައި ހުރި މީހެއް ކަމަަށްވެސް ފުލުހުން ވަަނީ ބުނެފައެވެ.

ޙުސައިން ޝަޙްބާންއާ ގުޅޭ މަޢުލޫމާތު ހިއްސާ ކުރުމަށް އެދި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓް ޝެއާކޮށްދެއްވި އެންމެހައި ފަރާތްތަކަށް ފުލުހުން ވަނީ ޝުކުރު ދަންވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button