އަމީނީމަގު ހެދުން: ރައްޔިތުންނަށް ބޮޑު ތުރާލަކަށް!

އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމަށް މިހާރު ހިންގާ މަޝްރޫޢުގެ ދަށުން އަމީނީމަގުގެ މަސައްކަތް ނިންމުމަށް އެތަކެއް ތަރީޚްތަކެއްދީ މުޅިމަގުގެ އެތަންމިތަން ކޮނެ ހާވާލައިގެން ތިބޭތާ 8މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިމަގުގެ މަސައްކަތް މިވަނީ މާލެސިޓީގައި ދިރިއުޅޭ އެތައްހާސް ރައްޔިތުންނަށް ބޮޑު ތުރާލަކަށް ވެފައެވެ.
މާލޭގެ އެންމެ މުހިއްމު އެއް މަގުކަމަށްވާ އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅިގެން އެތައް ރައްޔިތުންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް ފާހަގަކުރަމުންދާއިރު އަމީނީމަގުގެ މަސައްކަތްކުރާ ގޮތުން ރައްޔިތުންނަށް ވަނީ ޙަޤީޤަތުގައިވެސް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހިފައެވެ.
އަމީނީމަގުގެ މަޝްރޫޢު އަކީ ނިމިދިޔަ ކައުންސިލާއެކު އެއްބަސްވުމެއްހެދި 39 މިލިއަނަށް ނިންމަން ސަރުކާރުން ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ މަޝްރޫޢުއެއްނަމަވެސް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމުން މާލެސިޓީ ކައުންސިލްގެ މެޖޯރިޓީ ނެގި ހިސާބުން ކުއްލިއަކަށް ލާމަރުކަޒީގެ ޗެމްޕިއަނުން ކަމަށް ދައުވާކުރާ އެމްޑީޕީ ސަރުކާރުން މުޅި މަޝްރޫޢު ފުރޮޅާލީ މި ސަރުކާރުގައި އެންމެބޮޑަށް ބަނގުރޫޓްވެފައިވާ ކުންފުނި ކަމަށްވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އާރުޑިސީ) އާއި ދިމާލަށެވެ. ކުރިން މަގު ހަދަން ކަނޑައެޅި ބަޖެޓް 3 ގުނަ އަށް ބޮޑުކޮށް 84 މިލިއަން ރުފިޔާއަށް މި މަޝްރޫޢު އާރްޑީސީ އާއި ހަވާލުކުރީ7 މަސް ދުވަސްތެރޭގައި ނިންމުމަށް މިދިޔަ އަހަރުގެ އޯގަސްޓްމަހުގައެވެ.
ދުވަހެއް ދުވަހަކަށް އަމީނީމަގުގެ ހަދަމުންދާ ގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުން އުފުލަން ޖެހިފައިމިވަނީ ވަރަށް ބޮޑު ދުއްތުރާލެކެވެ. އެންމެ ފުރަތަމަ މިހާ ބޮޑު އަގަކަށް މި މަގު ހަދަން އާރުޑީސީ އާއި ހަވާލުކުރެވުނު ހިސާބުން ސަރުކާރަށް ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވެންފެށިއެވެ. މައްސަލަ އޭސީސީއަށް ހުށަހެޅި، މި މަގުގެ އެއްބަސްވުމާއި ގުޅިގެން ރައްޔިތުންނަށް އެނގެންޖެހޭ މުހިންމު މަޢުލޫމާތުތައް ސިއްރުކުރުމަށް ސަރުކާރުން ގަދަފައި ވިއްދާލިއެވެ. ތިމަންނާގެ ސަރުކާރަކީ ނިދީގައިވެސް ރައްޔިތުންނަށް 6 ފަރާތް ފެންނާނެފަދައިން ހާމަކަން ބޮޑުކޮށް ގެންދާނެ ވެރިކަމެއް ކަމަށް ވިދާޅުވި އިބްރާހިމްގެ ސަރުކާރުން އަމީނީ މަގު ހެދުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމި ނިންމުންވެސް ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހާމަކަން ބޮޑު ވާނީ މިހާކަންހާ ވަރަށެވެ. މިވެރިން މިވަރަށް ސިއްރުކުރަން އޮތީ ކޮންއެއްޗެއްތޯ ރައްޔިތުން ސުވާލު އުފައްދައެވެ.
ދެން އައީ އަނެއް ބޮޑު މައްސަލައެވެ. ތާ އަބަދު ތިމަންނާމެނަކީ ތިމާވެށި ހިމާޔަތްކުރުމުގަ އަޑު އުފުލާ ތިމާވެށީގެ ކާފަ މާމަ މުނިކާފަ އޭ ބުނި އެމްޑީޕީއިން ޒަމާނުއްސުރެ އަމީނީ މަގުގައި ހެދިފައިހުރި ހިޔާދޭ ބިޔަ ގަސްތައް ކަނޑާ ބިމާ ހަމަކުރިއެވެ. ކުރިން ވާހަކަ ދެކެވުނީ މަގު ތަރައްޤީ ކުރާނީ ހަމަ އެންމެ ގަހެއްވެސް ނުކަނޑާ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީ ސަރުކާރުގެ ކުރިން ބުނިއެތި ކެންސަލްވާ ބީދައިން އަމީނީ މަގުގެ މުޅި މަޝްރޫޢު މިދަނީ ”ކުރިން ބުނި އެތި ކެންސަލްގަ“ އެވެ. ތިމާވެށީގެ ހައްޤުގަ އަޑު އުފުލި ގިނަބަޔަކު ހިމޭންވެލިއެވެ. ސަރުކާރަށް ތާއީދުކުރާތީ ތިމާވެށީގެ މާހިރުންވެސް ފަހުން ނިންމީ އެ ގަސް ތަކަކީ މާލެއަށް މާ ބޭނުންތެރި ގަސްތަކެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މަޖްލިސް ރައީސް އަދި މާލެ ސިޓީގެ މޭޔަރާއި އިދިކޮޅު ޕީޕީއެމުން މިކަމާ ދެކޮޅަށް އަޑު އުފުލިއެވެ. އަމީނީ މަގަކީ ގިނަ ސްކޫލުތައް ހުންނަ މަގަކަށް ވުމުން އެމަގުގައި ހުރި ބިޔަ ގަސްތައް ކެނޑުމުން މަގު އާދަޔާ ޚިލާފަށް ހޫނުވެ އެމަގު ބޭނުން ކުރާ ފަރާތްތަކަށް އެކަމުގެ އުނދަގޫތައް އިންތިހާއަށް ކުރިމަތިވާނެ އެވެ.

އަމީނީމަގުގެ މަސައްކަތް ކުރިއަށް ނުގޮސް ދިގުލައިގެންދާތީ އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމުން އާރުޑީސީގެ މެނޭޖިން ޑިރެކްޓާ މޫސާ އަލި މަނިކު (މޫކޭ) ވެސް ކުރިން ބުނިއެތި ކެންސަލް“ ކުރީއެވެ. މާލޭގެ އަމީނީ މަގުގެ މަސައްކަތް ނިންމާނެ ކަމާއި 7 އަހަރު ނުކުރެވުނު މަސައްކަތް 7 މަހުން ނިންމާނެ ގޮތް މާލެ ސިޓީގެ މޭޔަރަށް ދައްކަވާނެކަމަށް ވިދާޅުވި މޫކޭއަށް އަށް އެމަސައްކަތް ނުކުކުރެވި މިކަން ނުވާނެކަމަށް ނިންމާ އެންމެފަހުން އެމްޓީސީސީއާއި އެ މަސައްކަތް ކުރުމަށް ހަވާލުކުރިއެވެ. އެމްޓީސީސީން ވަނީ މަގުގެ ކުޑަ ތަންކޮޅެއްގައި ތާރު ފަށަލައެއް އަޅާލުމަށްފަހު އެތަންކޮޅު ހަދަން ދިޔަ ޚަރަދާއެއްވަރަށް މީޑިއާތަކަށް ފައިސާދީގެން އަމީނީމަގުގަ ތާރު އަޅާ ޚަބަރުތައް މީޑިއާގައި ދައުރުކޮށްފައެވެ. އެއަށްފަހު ހަމަ ފިނިހަކަ ސްޕީޑްގައި ތިބީއެވެ. މާލެ ސިޓީގެ މޭޔަރު ވިދާޅުވި ފަދައިން 7 މަސް ދުވަހުން ނިމުނީ ”ހަމަ މުސައްލަ އެއްހާ“ ތަންކޮޅެކެވެ.
ހަމަ މިފަދައިން ކުރީ ސަރުކާރުއޮތްއިރު މަގުތަކުގަ ފެންބޮޑުވާތީ ފެންހިންދާނެ ފޯމިއުލާ ހިއްޕަވައިގެން ވެރިކަމާއި ހަވާލުވި ބޭފުޅުން ތާރު އަޅަންފެށި އަމީނީމަގުގެ ތާރުއަޅާ ހުޅުވާލި ސަރަޙައްދު ވިއްސާރަވުމާއިއެކު ފެންބޮޑުވިއެވެ. އަމީނީމަގުގައި ފެންބޮޑުނުވާނެ ކަމަށް ތަކުރާރުކޮށް މޫކޭ ވިދާޅުވިނަމަވެސް ރައްޔިތުންނަށް ފެން ފެނުނެވެ. ވާރޭ ވެހިއްޖެނަމަ މާލޭގެ ރައްޔިތުން އަމީނީމަގުގެ ތާރުއެޅިބައިގައިވެސް އުޅެނީ ހަމަ ކަނބާފައެވެ.

އަމީނީމަގުގެ ތަކުލީފުގެ ވާހަކައަށް ނިމުމެއްނެތެވެ. ދެންއޮތީ ކަރަންޓް ކެނޑޭ މައްސަލައެވެ. މީގެ ކުރިންވެސް މި މައްސަލަދިމާވެފައިވަނީ މަސައްކަތް ކުރުމުގެ ތެރޭގައި ކޭބަލް ބުރިވެގެންނެވެ. އަނެއްކާ އިއްޔެގެ ވަގުތެއްގައި އަމީނީމަގު ހެދުމުގެ ތެރޭގައި ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ކޭބަލް އަކަށް ގެއްލުންވެ އެ ސަރަޙައްދުގެ އެތައް ގެތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުނެވެ.

އަނެއްކާވެސް މަގުގެ ބޮޑު ބައެއް ދެތިން މަސްދުވަހަށް ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ އެތައް އާންމުންނަށް ވަނީ ބޮޑު މުޞީބާތަކަށް ވެފައެވެ. މި މަގުގެ ޙާލަތު އޮތްގޮތުގެ ސަބަބުން ނިމިގެންދިޔަ ރަމަޟާންމަސް މާލޭގެ ރައްޔިތުންނަށް ވީ ޙަޤީޤަތުގައިވެސް ބޮޑު ދުއްތުރާލަކަށެވެ. ރަމަޟާންމަސް ކައިރިވުމާއިއެކު ފުރުޤާން މިސްކިތް ހިމެނޭ ސަރަޙައްދު ހާވާލައިގެން ތިބުމުން ޢިލްމުވެރިން ކަންބޮޑުވުން ފާޅުކުރަންފެށިއެވެ. އެއާއެކު އަޅަމުންދިޔަ ތާރު އަނެއްކާވެސް ވަގުތީގޮތުން ޕޭވްމެންޓް ގަލަށް ބަދަލުކޮށްލިއެވެ.
ރަމަޟާންމަހާ ދިމާކޮށް މިސްކިތް ދޮރުމަތި ހާވާލައިގެން ތިބެން ނޫޅެއްޗޭ! @rdcmaldives
ރަމަޟާން މަސް ފެށުމުގެ ކުރިން މިސްކިތް ކުރިމަތީ ސަރަހައްދު ރަނގަޅުކުރާނެކަމަށް އުއްމީދުކުރަން! pic.twitter.com/lBedCIjFID— Fazloon Bin Muhammad (أبو عبد الرحمن الملندوي) (@fzlunx) March 14, 2023
ރަމަޟާންމަސްވެސް ނިމިއްޖެއެވެ. އަމީނީމަގު ހެދުން މިވަނީ ”އިބިލީހު ކައިވެންޏަށް“ ވެފައެވެ. ތާރީޚަކަށްފަހު ތާރީޚެކެވެ.
އަނެއްކާވެސް އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމަށް އައު ތާރީޚެއް ދެއްވައިފިއެވެ. ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިހާރު ހިންގާ މަޝްރޫޢުގެ ދަށުން ބިލަބޮންގް ސްކޫލާ ހަމަޔަށް ތާރުއަޅައި މިމަހު ނިންމާލެވޭނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުން ބޭނުންވަނީ ސުރުޚީ ތަކެއްނޫނެވެ. ޢަމަލުން ނަތީޖާ ނެރެދިނުމެވެ .ކުރީގެ ސަރުކާރުންވެސް މާލެއާއި ރާޢްޖޭގެ އެކި ރަށްތަކުގައި ތާރު އެޅިއެވެ. ބޮޑު ބްރިޖަކާއި މާލެ ވަށާ ރިންގްރޯޑެއް ތަރައްޤީކުރިއެވެ. ނަމަވެސް އެއީ އެހާ ބޮޑު ކަމަކަށް ހަދައިގެން އެކަންތައްތައް މިހާވަރަށް ޕްރޮމޯޓުކޮށްފައެއްނުވެއެވެ. ހަރު ކޮންނާނީ އެކަކުންޏެއްގެ ވަރުންނޭ ދިވެހި ހަރުބަހުގައި އޮންނަނީ މިފަދަ ޙާލަތްތަކުގައި ބޭނުންކުރުމަށެވެ.
ކޮންމެއަކަސް މާލެ ސިޓީގެ ރައްޔިތުންގެ އިތުރުން މާލޭގައި ދިރިއުޅޭ އެތައްހާސް ރައްޔިތުންވެސް ތިބީ އަމީނީމަގުގެ ތަކުލީފާއި ތުރާލުން މިންޖުވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.