ޚަބަރު

ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 13 ދަރަޖަ ފަހަތަށް ސޮއްސާލައިފި

ރިޕޯޓާޒް ވިތައުޓް ބޯޑާސް، (އާރުއެސްއެފް)އިން އަހަރަކު އެއް ފަހަރު ނެރޭ ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެކްސް ނުވަތަ ނޫސްވެރިކަމުގެ ހާލަތު ދަރަޖަ ކުރާ އިންޑެކްސްގައި ރާއްޖެ 13 ދަރަޖަ ފަހަތަށް ވެއްޓި 100 ވަނައިގައި ހިމެނިއްޖެ އެވެ.

ކޮންމެ އަހަރަކުވެސް ފާހަގަކުރާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް، މޭ 3ގައި އާންމު ކުރާ ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެސްގައި މިދިޔަ 2022 ވަނަ އަހަރު ރާއްޖެ އޮތީ 87 ވަނައިގަ އެވެ. އެހެން ނަމަވެސް މިއަދު އާންމުކުރި ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ވަނީ 100 ވަނައަށް ވެއްޓިފަ އެވެ. އޭގެ މާނައަކީ ރާއްޖެ މިހާރު އޮތީޕްރޮބުލޮމެޓިކްކެޓަގަރީ ނުވަތަ ނޫސްވެެރިކަމުގެ މިނިވަންކަމަށް ހުރަސްތަކާއި ގޮންޖެހުންތައް ހުރި ގައުމުތަކުގެ ކެޓަގަރީގަ އެވެ.

މި ސަރުކާރުގައި ވިދިވިދިގެން ދެ އަހަރު، ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ދަށްވުމާ ގުޅޭ ގޮތުން އާރުއެސްއެފްގެ އޭޝިޔާ ޕެސިފިކް ޑެސްކުގެ ވެރިޔާ، ޑެނިއަލް ބެސްޓާ ވިދާޅުވީ؛

”މިދިޔަ އަހަރާ އަޅާބަލާއިރު ރާއްޖެ 13 ދަރަޖަ ދަށަށް ގޮސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތު ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައިވާކަން ހާމަވެއްޖެ. (ރާއްޖެ އޮތީ ރޭންކިންގެ މެދުތެރޭގައި ކަމަށްވުމުން ރާއްޖޭގެ ރޭންކިންއަށް ބަދަލު އައުމުގެ ފުރުސަތު އޭގެ ޒާތުގައި ވެސް ބޮޑު. މީގެ ސަބަބެއް ކަމަށް ބުނެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތުގެ ހަރުދަނާކަން ކޮންމެވެސް ވަރަކަށް ގެއްލުން. ނޫސްވެރިކަމުގެ މިނިވަންކަމަށް ތާއީދުކުރައްވައި ވެވަޑައިގެންނެވި ހުރިހާ ވައުދުތައް ފުއްދަވާފައި ނުވުން. ކަންބޮޑުވާ ކަންކަމުގެ ތެރޭގައި ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ގާނޫނީ އޮނިގަނޑު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ. މި ގާނޫނަށް އިސްލާހުތަކެއް ގެންނަން ހުށަހެޅި ނަމަވެސް މަސްދަރުގެ ސިއްރު ނުހިފެހެއްޓިދާނެ ކަމުގެ ނުރައްކާ އަދިވެސް އެބައޮތް. އެއާ އެކު ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން އަދިވެސް އޮތީ ކަންބޮޑުވާ ދަރަޖައެއްގަ. ގިނަ އަދަދެއްގެ ނޫސްވެރިންނަށް ބޮޑެތި އިންޒާރުތަކެއް ދީފައި ވާއިރު އަހުމަދު ރިލްވާން ގެއްލުވާލުމާއި ޔާމީން ރަޝީދު މަރާލި މައްސަލާގައި އަދަބު ނުދެވުން އަދިވެސް އޮތީ އެ ގޮތަށް.“

މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އަބުރުގެ ގާނޫނު އުވާލުން ފަދަ ކަންކަން ކުރުމާ އެކު ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ރަނގަޅުވެގެން ދިޔަ އެވެ. އެގޮތުން، 2021ގައި ރާއްޖޭގެ ދަރަޖައަކީ 72 އެވެ. ނަމަވެސް އަނެއްކާ ވެސް އެ އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ މި ދަނީ ދަށްވަމުންނެވެ.ޕްރެސް ފްރީޑޮމް އިންޑެސްގައި ރާއްޖޭގެ ދަރަޖަ އަނެއްކާ ވެސް ދަށަށް ދާން ފެށުމާ ވިދިގެން އެމްޖޭއޭގެ ރައީސް އަލީ ރިފްޝާން ވިދާޅުވީ؛

”ނޫސްވެރިކަމާއި ނޫސްވެރިން ހިމާޔަތްކޮށް އެ މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ ސަރުކާރެއްގެވެސް ވާޖިބަކަށް ހަދަން ޖެހޭ. ނަމަވެސް މި ފެންނަނީ އެ ވާޖިބުގެ މަތިން ކޮންމެ ސަރުކާރަކުން ވެސް ހަނދާން ނެތޭތަން. މިއީ ހިތާމަހުރި ކަމެއް. މި އިންޑެކްސް ރަނގަޅު ކުރުމަށް ޓަކައި ދިގު ނުދަންމާ ހެއްކާ ބެހޭ ގާނޫނު ނޫސްވެރިންނަށް ފަހިވާނޭ ގޮތަށް އިސްލާހު ކުރަން އެބަ ޖެހޭ. ނޫސްތަކަށް މާލީ މިނިވަންކަން ލިބޭނޭ ސިޔާސަތުތަކަށް ސަރުކާރުން ބާރުއަޅަން އެބަ ޖެހޭ. ނޫސްވެރިންނާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތް ކުރާނޭ ގައުމީ ސިޔާސަތެއް އެބަ ބޭނުންވޭ. ރިލްވާން ގެއްލުވާލުމާއި ޔާމީންގެ މަރަށް އިންސާފު ހޯދައިދޭން މިހާރަށް ވުރެ ބޮޑެތި މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ.“

ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެކްސްއަކީ ދުނިޔޭގެ 180 ގައުމެއްގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތު އޮތް މިންވަރު މިންކުރާ، ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަ ރަސްމީ އިންޑެކްސްއެކެވެ. ޕްރެސް ފްރީޑޮމް އިންޑެކްސް އެކުލަވާލަނީ ގައުމުތަކުން ހޮވާލެވޭ އެކްސްޕާޓުންގެ ހިޔާލާއި އެ ފަރާތްތަކުން އެއްކުރެވޭ މައުލޫމާތު އަދި ނޫސްވެރިންނާ ދެކޮޅަށް ހިންގޭ ކަންކަމުގެ މިންވަރަށް ބެލުމަށް ފަހު އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button