ޚަބަރުސިޔާސީ

ރިޔާސީ އިންތިހާބަށް 4 މަހަށްވެފައިވަނިކޮށް ސިއްހީ ދާއިރާގެ ސްކޮލާޝިފްތަކާއި ލޯނުތައްދޭން އިއުލާނުކޮށްފި

ރިޔާސީ އިންތިހާބަށް 4 މަހަށްވެފައިވަނިކޮށް ސިއްހީ ދާއިރާގެ ސްކޮލާޝިފްތަކާއި ލޯނުތައްދޭން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އިއްޔެ ހާމަކުރައްވައިފިއެވެ.

ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުތައް އިއުލާނުކުރައްވަމުން އިއްޔެ ރައީސް އިބްރާހިމް ވިދާޅުވީ، ސިއްހީ ދާއިރާއަށް ދިމާވެފައިވާ އެންމެބޮޑޫ ގޮންޖެހުމަކީ ދާއިރާއަށް ޝައުގުވެރިވާ ދިވެހިން މަދުވުންކަމަށާއި ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުންނާއި އެލައިޑް ހެލްތް ޕްރޮފެޝަނަލުން އަދި މެންޓަލް ހެލްތް ޕްރޮފެޝަނަލުން ލިބުން ދަތުވުމަކީވެސް އެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުމެއްކަމަށެވެ.

އެ ދާއިރާގެ ހާއްސަ ތަމްރީނު ލިބިފައިވާ ދިވެހިން ނުލިބުމުގެ ކަންބޮޑުވުން ފާޅުކުރައްވައި ރައީސް އިބްރާހިމް ވިދާޅުވީ މުސާރައަށް ގެނައި ބަދަލާއެކު، އެ ދާއިރާއަށް ގިނަ ދިވެހިން ޝައުގުވެރިކަން ފާޅުކުރާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ސިއްހީ ދާއިރާގައި ދިވެހިން ނެތްނަމަވެސް، މުސާރަ ބޮޑު ފަންނީ ދާއިރާތަކެއް ރައީސް އިބްރާހިމްވަނީ ފާހަގަކުރައްވާފައެވެ. އެއީ ރޭޑިއޭޝަން ތެރަޕިސްޓުންނާއި، މެޑިކަލް ފިޒިސިސްޓުންނާއި، ޕާމަކޮލޮޖިސްޓުންނާއި ޑަޔަލަސިސް ޓެކްލޮނޮޖިސްޓުންކަމަށެވެ.

މީގެއިތުރުން، ޑެންޓަލް އިންޓާންޝިޕް ފުރިހަމަ ކުރާ ފަރާތްތަކަށް އިންޓާން އެލަވަންސެއް ދޭން ނިންމާފައިވާކަމަށްވެސް ރައީސް އިބްރާހިމް ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބު ބާއްވަން 4 މަހަށްވެފައި ވަނިކޮށް، ސިއްހީ ދާއިރާގެ ސްކޮލަރޝިޕްތައް ދޭން އިއުލާނުކޮށްފައިވާއިރު، ދިވެހި ޑޮކްޓަރުންގެ ތެރެއިން އެމްބީބީއެސް އަދި އެމްޑި ފުރިހަމަކޮށްފައިވާ ޑޮކްޓަރުން ސްޕްޝަލައިޒްވެ އިތުރަށް ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ފާއިތުވި 4 އަހަރު ތެރޭގައި ފޮނުވާފައިވަނީ އެންމެ 5 ޑޮކްޓަރުން ކަމަށް މައުލޫމާތު ލިބެއެވެ. މިކަން ހާމަވީ، ”ދިޔަރެސް“ ނޫހުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ރައީށް އަބްދުﷲ ޔާމީނުގެ ވެރިކަމުން ފެށިގެން މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ސްޕްޝަލައިޒްވުމަށް ހެލްތް މިނިސްޓްރީގެ މާލީ އެހީތެރިކަމާއެކު، ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ޑޮކްޓަރުންގެ އަދަދު ހޯދުމަށް އެދުމުން، އެ މިނިސްޓްރީން ހިއްސާކުރި މައުލޫމާތުންނެވެ.

އެ މައުލޫމާތުތަކަށް ބަލާއިރު، ރައީސް ޔާމީނުގެ ވެރިކަމުގައި 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ނޭޕާލަށް ފޮނުވާފައިވާކަމާއި، އެ ޑޮކްޓަރުންނަކީ އަތޮޅު ހޮސްޕިޓަލުތަކުގައި ހިދުމަތްކުރަން ޝަރުތުކޮށް ސަރުކާރުގެ ހަރަދުގައި ކިޔަވަން ފޮނުވި ޑޮކްޓަރުންކަމަށް މިނިސްޓްރީއިން މައުލޫމާތު ދީފައިވެއެވެ.

މި ޑޮކްޓަރުންގެ ތެރޭގައި ރައީސް ޔާމީނުގެ ވެރިކަމުގައި 2013 ވަނަ އަހަރު 1 ޑޮކްޓަރަކާއި، 2015 ވަނަ އަހަރު 20 ޑޮކްޓަރަކާއި، 2016 ވަނަ އަހަރު 16 ޑޮކްޓަރުން އަދި 2017 ވަނަ އަހަރު 7 ޑޮކްޓަރުން ކިޔަވަން ފޮނުއްވިކަމަށް މައުލޫމާތު ލިބެއެވެ. އެއީ ޖުމްލަ 44 ޑޮކްޓަރުންނެވެ. އަދި މި ޑޮކްޓަރުން ސްޕްޝަލައިޒްވާން ފޮނުވާފައިވަނީ ނޭޕާލުގެ ދެ ޔުނިވަރސިޓީއެއް ކަމުގައިވާ ޓްރިބުވާން އަދި ނޭޝަނަލް އެކަޑެމީ އޮފް މެޑިކަލް ސައެންސްއަށެވެ. ޓްރިބުވާނު ޔުނިވާރސިޓީއަށް ކިޔަވަން ފޮނުވި ކޮންމެ ޑޮކްޓަރަކަށް ޖުމްލަ 800،174.84 ރުފިޔާ ހަރަދުކޮށްފައިވާއިރު، ނޭޗަނަލް އެކަޑަމީ އޮފް ސައެންސްއަށް ފޮނުވި ކޮންމެ ޑޮކްޓަރަކަށް ޖުމްލަ 649،058.64 ރުފިޔާ ދައުލަތުން ހަރަދުކުރިއެވެ.

ހެލްތު މިނިސްޓްރީއިން ހިއްސާކުރި މައުލޫމާތުން ހާމަވާގޮތުގައި މި ސަރުކާރުގެ ފުރަތަމަ 5 އަހަރުގައި 5 ޑޮކްޓަރަކު ވަނީ ކިޔަވަން ފޮނުވާފައެވެ. އަދި ”މި ސަރުކާރުން ފޮނުވި ފަސް ޑޮކްޓަރުންނަކީ 2018 ވަނަ އަހަރު ކިޔަވަން ދިއުމުގެ ފުރުސަތު ހަމަޖެހިފައިވާ ޑޮކްޓަރުންކަމަށް“ ދިޔަރެސް ނޫހުގައި ބުނެފައިވެއެވެ.

މައުލޫމާތު ލިބޭގޮތުގައި، ރައީސް ޔާމީނުގެ ވެރިކަމުގައި 70 އާ ގާތްކުރާ އަދަދަކަށް ތަފާތު އެކި ޕްރޮގްރާމްތަކުގައި ސްޕެޝަލައިޒްވުމަށް ޑޮކްޓަރުން ފޮނުވާފައިވެއެވެ. އެ ހުރިހާ ޑޮކްޓަރުންވެސް ފޮނުވީ ސަރުކާރުން ކަނޑައަޅާ ޝަރުތުތަކަކާ އެއްގޮތަށް ހިދުމަތްކުރުމަށް އެއްބަސްވާގޮތަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button