ޚަބަރު

ދެކުނުގެ އިގްތިސާދީ ހާއްސަ ސަރަހައްދަށް ވަނުމަށް ބޭރުގެ މަސްބޯޓުތަކަށް ހުއްދަ ދުކޮށްފައިވާކަން ހާމަވެއްޖެ

އައްޑޫގެ ދެކުނުގައި އިގްތިސާދީ ހާއްސަ ސަރަހައްދެއް ނެތްކަމަށް ސަރުކާރުން ބުނި ނަމަވެސް، ދެކުނުގެ އިގްތިސާދީ ހާއްސަ ސަރަހައްދަށް ވަނުމަށް ބޭރުގެ މަސްބޯޓުތަކަށް ހުއްދަ ދޫކޮށްފައިވާކަން ހާމަވެއްޖެއެވެ.

ފާއިތުވި ހުކުރު ދުވަހުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދި ލޯ އޮފް ދި ސީސް (އިޓޮލްސް) އިން ޗާގޮސްއާއި ރާއްޖޭގެ މެދުގައި އޮތް ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ބައިކޮށް އިގުތިސާދީ ހާއްސަ ސަރަހައްދުގެ އިން ވަކިކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން، ރާއްޖޭގެ ދެކުނުން އިގްތިސާދީ ހާއްސަ ސަރަހައްދެއް ނެތްކަމަށް ހުކުރު ދުވަހުގެ ރޭގައި ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ސަރަހައްދީ ކަނޑު ކަމަށްވާ 12 ނޯޓިކަލް މޭލު ފިޔަވައި އެއިން ބޭރުގެ ސަރަހައްދުތަކަކީ ސަރުކާރުގެ އެއްވެސް ބާރެއް ނުހިނގާ ސަރަހައްދުތަކެއްކަމަށް، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން  ވިދާޅުވެފައިވެއެވެ. އަދި އިޓޮލްސްގެ ނިންމުމާއެކު ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެކުނުން އިގުތިސާދަށް ހާއްސަ ސަރަހައްދެއް ކަނޑައެޅި، އެ ސަރަހައްދު ބެލުމުގެ ބާރު ދިވެހިރާއްޖެއަށް ލިބިފައިވާކަމަށްވެސް މިނިސްޓަރު ވަނީ ހުކުރުދުވަހު ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މިކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އިޓޮލްސްގެ ނިންމުން ނިންމުމުގެ ކުރިން ރާއްޖޭގެ ދެކުނުން ދިވެހި އިގްތިސާދީ ހާއްސަ ސަރަހައްދެއް ނެތްކަމަށެވެ.

ސަރުކާރުން މިހެން ވިދާޅުވިނަމަވެސް، 2008 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބަރުލަމާނުގައި އެ ގައުމުގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ކަން ކުރެއްވި ޑ. ކިމް ހޮވެލްސްވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް އޮތްކަމަށް އެއްބަސްވެވަޑައިގެން ޗޯގޮސްއާއި ރާއްޖެއާ ދެމެދުގައި އޮތް އިގްތިސާދީ ސަރަހައްދުގައި ފުށުއަރާ ބައެއް ނެތްކަމަށް ވިދާޅުވެފައެވެ.

ފިޝަރީޒް މިނިސްޓްރީގެ އިސްވެރިއެއް މި މައްސަލައާ ގުޅިގެން ތަފްސީލް ދެއްވަމުން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދެއް ރާއްޖޭގެ ދެކުނުގައި އޮންނަކަމަށާއި އެ ސަރަހައްދުގެ މައްޗަށް ރާއްޖޭގެ ބާރު އޮތުމުން ބޭރުގެ މަސްބޯޓުތައް ވަނުމުގެ ހުއްދައަށް ކުރިން އެދުމުން، އެ ހުއްދަ ފިޝަރީޒް މިނިސްޓްރީއިން ދިޔައީ ދެމުން ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އެމްއެންޑީއެފުން ކުރިން ބަލަހައްޓާފައިނުވާކަމަށާއި ނަމަވެސް އެ ސަރަހައްދަށް ވަގަށް ބޭރުގެ މަސްބޯޓު ވަދެގެން އުޅޭކަން ފާހަގަވެއްޖެނަމަ، އެ ބޯޓުތައް ހުއްޓުވައިދޭން މިނިސްޓްރީއިން އެމްއެންޑިއެފްގެ ކޯސްޓުގާޑުގައި އެދިގެން ކޯސްޓުގާޑުން ހަރަކާތްތެރިވެފައިވާކަމަށް އެމްޑީއެފްގެ އިސްވެރިން ރާއްޖެޓީވީގައި ވާހަކަދެއްކެވި ކަމަށް މައުލޫމާތު ލިބެއެވެ.

ޗާގޮސް މައްސަލައާ ގުޅިގެން ސަރުކާރުން އަންނަނީ ދިވެހިރާއްޖެއަށް އައްޑޫގެ ދެކުނުން 12 ނޯޓިކަލް މޭލުގެ ސަރަހައްދެއް ފިޔަވައި އިތުރު އެއްވެސް ސަރަހައްދެއް ކުރިން ނެތްކަމަށް ވިދާޅުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button