
ސިއްރު ސިޓީއަކުން ރާއްޖޭގެ ބޮޑު ސަރަޙައްދެއް ދޫކޮށްލީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިފަދައިން ވިދާޅުވީ ދިވެހި ރާއްޖޭގައި މަސްވެރިކަން ކުރާ ކަނޑުގެ ސަރަޙައްދުން 50000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސް އިން އެ މައްސަލައިގައި ޙުކުމް އިއްވުމުން ސަރުކާރުން ކާމިޔާބީ ފާހަގަކުރަމުން ދަނިކޮށް އެކަމާއިގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
އަމރު ވިދާޅުވީ ސިއްރު ސިޓީއަކުން ރާއްޖޭގެ ބޮޑު ސަރަހައްދެއް ރައީސުލް ޖުމްހޫރިއްޔާ ދޫކޮށްލީ ކަމަށާއި، މިއީ ރައްޔިތުންގެ މަޖިލީހަށް އެކަނި ކުރެވެން އޮތް ކަމެއްކަމަށެވެ. އަދި މި ކަމާ ސިފައިންނާ ފުލުހުން ނުރުހުންވުމުން މުސާރަ ބޮޑުކޮށްދޭ ވާހަކަ ސަރުކާރުން ދެއްކިކަމަށްވިޔަސް ޤައުމަށްޓަކާ ކުރަންޖެހޭ ކަންކަން އެބޭކަލުން ކުރައްވާނެ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.
https://twitter.com/HusenAmr/status/1652534082323251200?s=20
ޗާގޯސް މައްސަލައިގެ ފާޑުކިޔުމުން ސަލާމަތްވުމަށާއިއެކަމުގެ ފޯކަސް ގެއްލުވާލުމާއި، ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރައީސް އިބްރާހިމްގެ ސަރުކާރުން ދަނީ ކުރިން ނުކުރެވޭނެކަމަށް ބުނަމުން އައި އެތައްކަމެއް ކުރާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދީ އެކަންކަން އިއުލާނު ކުރަމުންނެވެ. އަދި އެކިދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި، ހިޔާ ފްލެޓް ކުލި ކުޑަކުރުންފަދަ ކަންކަން ކުރުމަށްވެސް ސަރުކާރުން ދަނީ ތައްޔާރު ވަމުންނެވެ.