
ޕީޕީއެމުން ”ޗަގޯސް“ ނަމުގައި އަންނަ ހުކުރު ދުވަހުގައި ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
މި ޖަލްސާ ބާއްވާނީ މާދަމާ ރޭގަނޑު 8:30 ގައި އާޓިފިޝަން ބީޗުގައިކަމަށް، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުރަހީމް (އަދުރޭ) ވަނީ ވިދާޅުވެފައެވެ.
އެ ޖަލްސާއަށް ކުރިން ”ކޮތަޅު“ ގެ ނަން ދީފައިވީނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ވަރަށް ބައިވަރު ކަންކަމާ ގުޅިގެން ވާހަކަދެކެވޭނެ ކަމަށާއި، އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް މި ސަރުކާރުން ދެމުން ގެންދާ އަނިޔާތަކުގެ ވާހަކަވެސް އެ ޖަލްސާގައި ހާމަކުރައްވާނެ ކަމުގައި އަދުރޭ ވިދާޅުވިއެވެ.
އެހެން ނަމަވެސް ޗަގޯސް ޖަލްސާ ހާއްސަ ކޮށްފައިވަނީ ޗާގޯސް މައްސަލައަށެވެ. އެގޮތުން ރައީސް އިބްރާހިމް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިކަމަށްބުނާ ސިޓީއެއްގެ ޑްރާފްޓެއް ދާދި ފަހުން މީސްމީޑިއާގައި ވަނީ އާންމު ވެފައެވެ.
މައުލޫމާތު ލިބޭގޮތުގައި އެ ސިޓީގައި، ޗާގޮސްގެ ސިޔާދަތު މޮރިޝަސްއަށް އޮންނާނެކަމަށް ދިވެހިރާއްޖެއިން ގަބޫލުކުރިކަންވަނީ އަންގަވާފައެވެ. ހަސަން ކުރުސީގެ ނަމުން ޓްވީޓާގައި މަޝްހޫރު އެކައުންޓުގައި މި ސިޓީ އާންމުކުރަމުން ބުނެފައިވަނީ އެ ސިޓީއަކީ ރައީސް އޮފީހުގެ ތެރެއިން ލިބުނު ސިޓީއެއްކަމަށެވެ.
އެ ސިޓީގައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން، ޗާގޮސްއަކީ މޮރިޝަންގެ ބައެއްކަމަށް ބަލައިގަތުމަށް އދގެ އާންމު މަޖިލީހުން ފާސްކުރިކުރުމަށް ފުރިހަމައަށް ތާއީދުކުރާކަމަށް ވިދާޅުވެފައެވެ. އަދި މޮރިޝަންގެ މުޅި ސަރަހައްދުގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އެގައުމުން ކުރާ މަސައްކަތްތަކަށް ތައުރީފުކުރައްވައި އެކަމުގައި ދިވެހިން ތިބީ މޮރިޝަސްއާ އެކުގައި ކަމަށްވެސް ލިޔުއްވާފައިވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކުރާ މަދަނީ އަދި އަސްކަރީ ބޯޓުފަހަރަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެކަމަށާއި، މޮރިޝަސްގެ މުޅި ސަރަހައްދުގެ މައްޗަށް ބާރު ހިންގުމުގެ ޙައްޤު އެ ޤައުމަށް އޮންނާނެކަން ޤަބޫލުކުރައްވާ ކަމަށާއި، ފޯޅަވައްސަކީ މޮރިޝަސްއިން ވަކިނުވާނެ ބައެއްކަން ޤަބޫލުކުރައްވާކަމަށްވެސް ސިޓީގައި ލިޔުއްވާފައިވެއެވެ. މިކަންކަމަކީ، މިފަދަ ސިޓީއެއް ރައީސް އިބްރާހިމް ފޮނުއްވިކަން ބަޔާންކޮށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސްގައި މޮރިޝަސްގެ ވަކީލުން ފާހަގަކުރެއްވި ކަންކަމެވެ.
”ދިޔަރެސް“ ނޫހުން މިސިޓީއާ ގުޅިގެން ރައީސް އޮފީހުން މައުލޫމާތު ހޯދުމުން، އެ އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު ވިދާޅުވެފައިވަނީ އެއީ ފޭކު ސިޓީއެއް ކަމަށާއި އެ ސިޓީގައި ބޭނުންކޮށްފައިވާ ލެޓާހެޑަކީ ސަރުކާރުގެ ރަސްމީ އެއްޗެއް ނޫންކަމަށާއި، ސިޓީގައި ބަޔާންކޮށްފައިވަނީ ހަމަނުޖެހޭ ވާހަކަތަކެއްކަމަށެވެ. މީގެ ކުރިންވެސް މިފަދަ ލިޔުންތައް ހާމަވުމުން އެއީ އަސްލު އެއްޗެއް ނޫންކަމަށް މައުލޫމާތު ދޭ ފަހުން، އެ ލިޔުންތަކަކީ އަސްލު އެއްޗެއްކަން ހާމަވެފައި އެބަހުއްޓެވެ.