ޚަބަރުސިޔާސީ

ރައީސް އިބްރާހިމް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިކަމަށްބުނާ ސިޓީއެއްގެ ޑްރާފްޓެއް އާންމުވެއްޖެ

ރައީސް އިބްރާހިމް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިކަމަށްބުނާ ސިޓީއެއްގެ ޑްރާފްޓެއް މީސްމީޑިއާގައި އާންމުވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި އެ ސިޓީގައި، ޗާގޮސްގެ ސިޔާދަތު މޮރިޝަސްއަށް އޮންނާނެކަމަށް ދިވެހިރާއްޖެއިން ގަބޫލުކުރިކަންވަނީ އަންގަވާފައެވެ. ހަސަން ކުރުސީގެ ނަމުން ޓްވީޓާގައި މަޝްހޫރު އެކައުންޓުގައި މި ސިޓީ އާންމުކުރަމުން ބުނެފައިވަނީ އެ ސިޓީއަކީ ރައީސް އޮފީހުގެ ތެރެއިން ލިބުނު ސިޓީއެއްކަމަށެވެ.

އެ ސިޓީގައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން، ޗާގޮސްއަކީ މޮރިޝަންގެ ބައެއްކަމަށް ބަލައިގަތުމަށް އދގެ އާންމު މަޖިލީހުން ފާސްކުރިކުރުމަށް ފުރިހަމައަށް ތާއީދުކުރާކަމަށް ވިދާޅުވެފައެވެ. އަދި މޮރިޝަންގެ މުޅި ސަރަހައްދުގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އެގައުމުން ކުރާ މަސައްކަތްތަކަށް ތައުރީފުކުރައްވައި އެކަމުގައި ދިވެހިން ތިބީ މޮރިޝަސްއާ އެކުގައި ކަމަށްވެސް ލިޔުއްވާފައިވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކުރާ މަދަނީ އަދި އަސްކަރީ ބޯޓުފަހަރަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެކަމަށާއި، މޮރިޝަސްގެ މުޅި ސަރަހައްދުގެ މައްޗަށް ބާރު ހިންގުމުގެ ޙައްޤު އެ ޤައުމަށް އޮންނާނެކަން ޤަބޫލުކުރައްވާ ކަމަށާއި، ފޯޅަވައްސަކީ މޮރިޝަސްއިން ވަކިނުވާނެ ބައެއްކަން ޤަބޫލުކުރައްވާކަމަށްވެސް ސިޓީގައި ލިޔުއްވާފައިވެއެވެ. މިކަންކަމަކީ، މިފަދަ ސިޓީއެއް ރައީސް އިބްރާހިމް ފޮނުއްވިކަން ބަޔާންކޮށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސްގައި މޮރިޝަސްގެ ވަކީލުން ފާހަގަކުރެއްވި ކަންކަމެވެ.

”ދިޔަރެސް“ ނޫހުން މިސިޓީއާ ގުޅިގެން ރައީސް އޮފީހުން މައުލޫމާތު ހޯދުމުން، އެ އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު ވިދާޅުވެފައިވަނީ އެއީ ފޭކު ސިޓީއެއް ކަމަށާއި އެ ސިޓީގައި ބޭނުންކޮށްފައިވާ ލެޓާހެޑަކީ ސަރުކާރުގެ ރަސްމީ އެއްޗެސް ނޫންކަމަށާއި، ސިޓީގައި ބަޔާންކޮށްފައިވަނީ ހަމަނުޖެހޭ ވާހަކަތަކެއްކަމަށެވެ. މީގެ ކުރިންވެސް މިފަދަ ލިޔުންތައް ހާމަވުމުން އެއީ އަސްލު އެއްޗެއް ނޫންކަމަށް މައުލޫމާތު ދޭ ފަހުން، އެ ލިޔުންތަކަކީ އަސްލު އެއްޗެއްކަން ހާމަވެފައި އެބަހުއްޓެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button