ރިޕޯޓް

ނަފްރަތުގެ ބިލު ފާސްވެއްޖެ ނަމަ؟

އިސްލާމީ ހިދާޔަތުގެ ދަށުގައި ދިވެހިން އެތައް އަހަރުތަކެއް މި އަންނަނީ ގުނަމުންނެވެ. އިސްލާމްދީނަކީ އެންމެ މަތިވެރި ދީން ކަމުގައި ހިތާއި ނަފުސުން ގަބޫލުކޮށްގެން މިއަދާ ހަމަޔަށް ވެސް ދިވެހިން ތެބެނީ ފަހުރުވެރިކަމާއި އެކުގައެވެ. އަޅުކަން ކުރުން އެންމެ ހައްގުވަންތަ އިލާހަކީ މާތް ﷲ ސުބުހާނަހޫވަތައާލާ ކަން ގަބޫލުކޮށް ހަމައެކަނި އެ ފަރާތަށް އަޅުކަން ކުރަނީވެސް އެއްވެސް ޝައްކެއް ވަސްވާހެއް ނެތިއެވެ. ނަމަވެސް އިސްލާމްދީނަށް ފާރަލާ ހަތުރުން އެންމެ ކުރިންސުރެ ވެސް ތިބެއެވެ.

ރައްޔިތުން މަޖިލީހަށް ދާދި ފަހުން ތުޅައިދޫގެ އެމްޑީޕީ މެންބަރު ހިސާން ހުސެއިން ހުށެހެޅުއްވި ބިލުގެ ސަބަބުން ގިނަ ދިވެހި ރައްޔިތުންގެ ނުރުހުމެގެ އަޑު ގަދަވިއެވެ. އެބިލުގެ ސަބަބުން އިސްލާމްދީން ”ކޮމްޕްރޮމައިޒް“ ވާތީ ކަމަށް ބުނެއެވެ. އިސްލާމްދީނަށް އުރެދޭ އަދި އިސްލާމްދީނާއި ދެކޮޅު ވާހަކަ ދައްކާ މީހަކަށް ވެސް އޭނައަކީ ދީނާއި ދެކޮޅު ނުވަތަ ލާދީނީ މީހެކޭ ނުބުނެވޭނެ ކަހަލަ ބިލަކަށްވާތީއެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ނިމުމެއް ނެތެވެ. ގިނަ މީހުން ގަބޫލުކުރާގޮތުގައި އިސްލާމީ ހިދާޔަތުގެ މަގުން ހިނގާ ކޮންމެ މީހަކުވެސް ލޭ ކެކޭނެ ބިލަކަށް ނަފުރަތުގެ ބިލު ވަނީ ވެފައެވެ. ދިވެހިން ބޭނުންވަނީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަށެވެ. ނަމަވެސް ނަފުރަތުގެ ބިލުން މި ހުރިހާ ކަމެއް ބަދަލުވެ ހިނގައިދާނެއެވެ. ކޮންމެ ގޮތަކަށް ބެލިނަމަވެސް ދިވެހިންގެ ”އަސްލު“ މި ބިލުގެ ސަބަބުން ނެތިގެން ހިނގައިދާނެކަމަށް ވެސް ގިނަ ފަރާތްތަކަކުން ގަބޫލުކުރެއެވެ. ދީނަށް ފުރައްސާރަ ކުރާ މީހުން އިތުރުވެ އެކަމާއި މެދު އެޅޭނެ ފިޔަވަޅެއްވެސް ނޯންނާނެއެވެ.

”އިސްލާމްދީނަކީ އެންމެ މަތިވެރި ދީން. މުސްލިމުންނަށް އެނގެން ޖެހޭ ކަންކަން އެންމެ ރަނގަޅަށް އަންގައިދެނީ ވެސް ހަމަ އިސްލާމްދީން. އެކަމަކު ނަފުރަތުގެ ބިލަކީ ދީނުގެ އަސްލު އޮޅުވާ ބިލެއް. ދީނަށް ފުރައްސާރަ ކުރަންޏާ ލާދީނީއޭ ނުބުނެވޭނެ އެއްވެސް ހަމައެއް ނެތް. މި ބިލުގެ ސަބަބުން އުފެދޭނީ ހަމަނުޖެހުން. މަޖިލީހުގައި ތިބޭ މީހުން މިކަމަށް ހިތްވަރުދޭތީ ހިތާމަކުރަން.“ ދިވެހި ރައްޔިތަކު ނަފްރަތުގެ ބިލާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުންޏެވެ.

ނަފްރަތުގެ ބިލުގެ ސަބަބުން ދީނީ މިނިވަންކަމަށް ހިތްވަރު ލިބޭނެ ކަމަށް ވެސް ދިވެހި ރައްޔިތުން ގަބޫލު ކުރެއެވެ. މި ބިލު ވެގެންދާނީ އިސްލާމްދީން ނޫން ދީންތައް ފަތުރަން މަސައްކަތްކުރާ މީހުންނަށް ލިބޭ ރަނުގެ ފުރުސަތަކަށެވެ. އެއްގޮތް ނެތިއްޔާއި އަނެއްގޮތަކުން އަބަދުވެސް އިސްލާމްދީން ނައްތާލަން އުޅޭ މީހުން އުޅޭކަން އިސްލާމީ ތާރީހު ސާބިތުކޮށްދެއެވެ. އިސްލާމްދީނަށް ފުރިހަމައަށް ތަބާވަ ގައުމެއްގައި މިފަދަ ބިލެއް ފާސްވެއްޖެނަމަ، އެހެން ދީންތަކަށް ގައުމުގައި ފުރުސަތު ލިބެން އިރުކޮޅެއްވެސް ނުނަގާނެކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ. ދީނީ މިނިވަންކަން އޮންނަ ތަނެއްގައި ހަމަ ނުޖެހުމާއި ނުތަނަވަސްކަން ފެތުރުމަކީ އާންމުކަމެކެވެ. އޭގެ އެއް މިސާލަކީ އިންޑިއާގެ މުސްލިމުންނައި ހިންދޫންގެ ހަމަނުޖެހުމެވެ. ނަމަވެސް ދިވެހިންނަކީ މިހާ މީސްކޮޅު މަދު ކުޑަ ގައުމެއްގައި ލޭ އޮހޮރުވުންތަކެއް ބޭނުންވާނެ ބައެއް ނޫނެވެ. ސަބަބަކީ ދިވެހިންނަކީ އަބަދުވެސް އަހުވަންތަކަމާއި، އަމާން ކަމާއި އަދި ސުލްހަ މަސްލަސް ކަމަށް ހިތާއި ރޫހުން ލޯބިކުރާބައެކެވެ.ނަމަވެސް ނަފުރަތުގެ ބިލު ފާސްވެގެންދާ ހިސާބުން ފެށިގެން މި ހުރިހާ ކަމަކަށް ވެސް ބަދަލު އަންނާނެއެވެ. ނެތިގެންދާނީ ހަމަޖެހުމެވެ. އެއްބައިވަންތަކާއި އެކުވެރިކަމެވެ. އަހުވަންތަކަމެވެ. އިސްލާމީ މަތިވެރި ގުޅުމެވެ.

އިސްލާމްދީނަކީ އަބަދުވެސް އެހެން މީހުންނަށް އިހުތިރާމު ކުރުމަށް ބާރުއަޅާ ދީނެވެ. ނަމަވެސް މުސްލިމުންގެ ނަމުގައި ތިބެގެން ދީނުގެ އަދުއްވުން އިސްލާމްދީނާއި ދެކޮޅު ވާހަކަތައް ފެތުރުމާއި، ދެއްކުމުގެ އަމަލުތައް ހުއްޓުވުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. މުސްލިމުންގެ ގޮތުގައި ތިބެގެން ދީނުގެ ދިފާއުގައި ނުނިކުމެއްޖެނަމަ، ނިކުންނާނެ އިތުރު ބަޔަކުވެސް ނުވާނެތީއެވެ. އެހެންކަމުން ދީން ރައްކާތެރިކޮށް ލާދީނީ މީހުންނާއި މެދު ފިޔަވަޅު އެޅުންވެސް އޮވެއެވެ.

ނަމަވެސް މެންބަރު ހިސާނު ހުށަހެޅުއްވި ނަފުރަތުގެ ބިލު ފާސް ވެއްޖެ ނަމަ، ދީނާއި ދެކޮޅު ވާހަކަ ދައްކާ މީހުންނަށް ލިބިގެންދާނީ އިތުރު މިނިވަންކަމެކެވެ. އާންމުން ދެކޭގޮތުގައި، މި ބަލަކީ ލާދީނި ވާހަކަ ދައްކާ މީހުންގެ ހިމާޔަތުގައި ފާސްކުރެވޭ ބިލެކެވެ. އަދި މި ބިލު ފާސްވެއްޖެނަމަ ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމްދީނައި ދެކޮޅު ފަރާތްތައް އެމީހުން ކުރަން ބޭނުންވާ ކަމެއް ކުރެވޭނެއެވެ.

”ކޮންމެ ނަމެއްގައިވެސް ބިލެއް ފާސް ކުރެވިދާނެ ދޯ. އެކަމު މީގެން އަހަންނަށް އެނގޭ އިތުރު އެއްޗެއް ނެތް. މީ ހަމަ އިސްލާމްދީނާއި ދެކޮޅު މީހުންނަށް ދެވޭ ހިތްވަރެއް. އެކަން ކުރާ މީހުންނަށް ހިމާޔަތް ދިނުން ހަމަ މީ. ވަރަށް ވެސް ދެރަ ކަމެއް. އަހަރުން މިކަން ބަލައެއް ނުގަންނަން.“ ނަފުރަތުގެ ބިލާއި ގުޅިގެން ވާހަކަ ދެއްކި އާންމު ފަރާތެއް ބުންޏެވެ.

ނަފުރަތުގެ ބިލުގެ ސަބަބުން އެކި ކަހަލަ ބަހުސްތައް ކުރެވެމުންދާ މި ދުވަސްކޮޅު ގިނަ ދިވެހިންގެ ކަންބޮޑުވުންތައް ގުޅުފައިވަނީ އަސްލާމްދީނުހެ އަސާސްތައް ނެތި ހިނގައިދާނެ ކަމުގެ ބިރަށްޓަކައެވެ. މި ބިލުގެ ކޮޅުމަތި ފެންނަނީ މިކަހަލަ ގޮތަކަށެވެ. ދިވެހިން ގަބޫލުކުރާގޮތުގައި ނަފުރަތުގެ ބިލަކީ އިސްލާމްދީނަށް އޮތް ބޮޑު ނުރައްކަލެކެވެ. އެއީ ޝައިތާނީ ބިލަކަށް ވުން ވަރަށް ގާތެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button