ޚަބަރުސިޔާސީ

ނިއުޔޯކު ދަތުރުފުޅުގެ ތަފްސީލް ހާމަކޮށްފިނަމަ ރައީސް އިބްރާހިމަށް ނުރައްކާވާނެ: ދައުލަތް

2021 ވަނަ އަހަރު އެމެރިކާގެ ނިއުޔޯކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅުތަކަށް ކުރެއްވި ޚަރަދުގެ ތަފްސީލުތައް ނުވަތަ ރަސީދުތައް ހާމަކޮށްފިކަމަށް ވާނަމަ އެމަނިކުފާނަށް ނުރައްކާވެދާނެ ކަމަށް ދައުލަތުން ބުނެފި އެވެ. ދައުލަތުން މިފަދައިން ބުނެފައިވަނީ ސެޕްޓެމްބަރު 2021 ގެ 18 އިން 26 ގެ ނިޔަލަށް ރައީސް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދު ހޯދަން ”ދިޔަރެސް“ ނޫހުން އެދުމުން ހާމަކުރި މަޢުލޫމާތުގައެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅަށް ޖުމްލަ 5،354،709.08 ރުފިޔާ ޚަރަދުވި ކަމަށެވެ. އެ އަދަދުގެ ޞައްޚަކަމާމެދު ސުވާލު އުފެދޭތީ ”ދިޔަރެސް“ އިންވަނީ ޚަރަދުގެ ރަސީދު ހިއްސާކުރުމަށް އެދިފައެވެ. ނަމަވެސް ރައީސް އޮފީހުން އެ ރަސީދުތައް ސިއްރުކުރުމަށް ނިންމާ ބުނެފައިވަނީ އެ ރަސީދުތައް ހާމަކުރުމަކީ އޭގެ ސަބަބުން ރައީސް އިބްރާހިމްއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކަށް ވާނެތީ ރަސީދުތއް ހާމަކުރެވެން ނެތް ކަމަށެވެ.

ރައީސް އޮފީހުން ރަސީދުތައް ހާމަނުކުރި މައްސަލަ ދިޔަރެސް ނޫހުގެ ފަރާތުން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައަޅާފައެވެ. އެ މައްސަލާގަ އެ އޮފީހުން ވަނީ އުނިކުރެވެން ހުރި މައުލޫމާތު އުނިކޮށްފައި ރަސީދުތައް ހިއްސާކުރުމަށް ރައީސް އޮފީހަށް އަންގާފަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ މެދު ހިތްހަމަނުޖެހި ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، ދައުލަތުން ބުނީ ރަސީދުތަކުގައި ޒާތީ މައުލޫމާތުތައް ހިމެނޭތީ ސަލާމަތީ ކަންކަމަށްޓަކައި އެ ރަސީދުތައް ހިއްސާކުރެވެން ނެތްކަމަށެވެ.

އެ މައްސަލައާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ރަސީދުތައް ހާމަކުރުމަށް އެދިފައިވަނީ ޒާތީ މައުލޫމާތުތައް އުނިކުރުމަށްފަހުގައި ކަމަށެވެ. އަދި އެފަދައިން ރަސީދުތައް ހާމަކުރުމަކީ ރައީސަށް ނުރައްކަލެއް ކުރިމަތިވާނެ ސަބަބެއް ނޫންކަން ފާހަގަކޮށްފައި ވެއެވެ.

ނިއުޔޯކު ދަތުރުފުޅުގެ ރަސީދުތައް ހާމަކުރުމާއި ގުޅޭގޮތުން ހައިކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފައެވެ. ދެން އަންނަ މަޖިލީހެއްގައި ރަސީދުތައް ހާމަކުރުމާއި ނުކުރުމުގެ މައްޗަށް ހައިކޯޓުން ގޮތެއް ކަނޑައަޅާނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button