ރިޕޯޓް

ހަޔާތެއް ކުލީގައި

ކޮންމެ މީހަކީވެސް ބޮލުގައި އެތައް ހަރަދުތަކަކާއި ޒިންމާތަކެއް އެޅިފައިވާ މީހެކެވެ. އެ ޒިންމާތަކާއި ހަރަދުތައް އަދާ ކުރުމަށްޓަކައި ރޭއާއި ދުވާލު ލޯބޯ ފިއްސައިގެން މަސައްކަތް ކުރާ ކިތަންމެ ބަޔަކު އުޅެއެވެ. އާބާދީގެ ބޮޑު އިންސައްތައަކީ މިފަދަ ގޮތަކަށް ދިރިއުޅުމުގެ ކަންކަން އޮންނަ މީހެކެވެ. މި ހުރިހާ ކަމަކަށް އިތުރުވާ އެންމެ ބޮޑު ކަންބޮޑުވުމަކީ އުޅޭ ގެއަށް ދައްކަންޖެހޭ ކުއްޔެވެ.

ރާއްޖޭގެ ވެރި ރަށް މާލެއަށް ބެލިނަމަވެސް އާބާދީގެ ބޮޑު އިންސައްތަ އަކީ މާލޭގެ އަމިއްލަ ގެ ހުންނަ ބައެއް ނޫނެވެ. ކުރާ ހުރިހާ މަސައްކަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ހަމައެކަނި އުޅޭ ތަނުގެ ކުށްޔަށެވެ. މިގޮތަށް މުޅި އުމުރު ހޭދަވާއިރުވެސް، އެކަމަށް އަންނަ ބަދަލެއްވެސް އަދި ރައްޔިތުންނަށްވާ ފައިދާއެއްވެސް ނެތެވެ.

ރާއްޖެއަށް ބަލާ ނަމަ އަމިއްލަ ގެދޮރު ދޫކޮށްލުމަށްފަހު ކުލި ދައްކައިގެން އުޅެން އެކި މީސްމީހުންނަށް ޖެހެނީ ދިރިއުޅުމުގެ އެކި ބޭނުންތަކުގު ސަބަބުންނެވެ. ކޮންމެ މީހަކަށް އެމީހަކު ދިރިއުޅޭ އަމިއްލަ ރަށުގައި ހުރެގެން ކުރަން ޖެހޭ ކަންކަން ނުކުރެވުން ވެގެންދަނީ ކިތަންމެ ބޮޑު އަގެއްގައި ކުލި ދައްކައިގެންވެސް އެޅެން މަޖުބޫރުކުރާ ސަބަބަކަށެވެ. ކޮންމެ މީހަކީވެސް އަމިއްލަ ނަފުސަށްޓަކައި އެތައް ގިނަ ހުވަފެންތަށް ދެކޭނެ މީހެކެވެ. ދިރިއުޅުމުގެ ހާސިލު ކުރަން ބޭނުންވާނެ ލަނޑުދަނޑިތަކެއް ހުންނާނެ މީހަކެވެ. އެމީހަކު ދާން ބޭނުންވާ މަންޒިލަށް ދިއުމަށްޓަކައި ކުރަން ޖެހޭ އެތަށް ހަރަދުތަކެއް އަދި ވާންޖެހޭ އެތަށް ގުރުބާނީތަކެއް ހުރެއެވެ. ދައްކާ ކުއްޔަކީ ވެސް ހަމަ އެކަހަލައިގެ އެއްޗެކެވެ. ކޮންމެ ގޮތަކަށް ބެލިކަމުގައި ވީނަމަވެސް އެއްވެސް މީހަކަށް ބޮޑު ކުއްޔެއް ދައްކައިގެން އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެންމެނަކޚީ ކުލި ދައްކާފައި ދެން ހުންނަ ހަރަދުތައް ކުރަން އެކަށޭނެ އާމްދަނީއެއްވެސް ލިބޭނެ މީހެއް ނޫނެވެ. ނަމަވެސް ދިރިއުޅުމަށްޓަކައި ކުރަން ޖެހޭނެ ކަންކަން ކުރަން ކޮންމެ މީހަކަށްވެސް ޖެހޭނެއެވެ. އެހެންކަމުން ކިތަންމެ ބޮޑު އަގެއްގައި ކުލި ދައްކައިގެން ވެސް އުޅުން ފިޔަވައި އިތުރު ގޮތެއް ނޯންނާނެއެވެ. ހިތަށް އުނދަގޫވާ ތަންކޮޅަކީ މިކަމަށް ނިމުމެއް އަދި ރަނގަޅު ބަދަލެއްވެސް ނާންނަކަމެވެ.

”އެއްވެސް މީހަކު ބޭނުމެއް ނުވާނެ އުޅޭ ގެދޮރު ދޫކޮށްލާކަށް. އަދި ބޮޑެތި އަގުގައި ކުލި ދައްކައިގެން ތިބޭކަށް ވެސް. އެކަމު އެހެން ގޮތެއް ނެތީމަ ޖެހޭނީ ތިބެން. އޭގެ މާނައެއް ނޫން ކަންނޭނގެ އުމުރަށް ޖެހޭނީ މިހެންނޭ އުޅެން.“ ކުށްޔާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން އާންމު ފަރާތަކުން ބުންޏެވެ.

ކޮންމެ ގައުމެއްގެ ސަރުކާރަކީ ވެސް އެގައުމެއްގެ ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް ހޯދައިދިނުމަށްޓަކައި ތިބޭ ބައެކެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި ތިބޭ ބައެކެވެ. އަދި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކަށް ހެޔޮ ރަނގަޅު ބަދަލުތަކެއް ގެނެސްދިނުމުގެ ބޭނުމުގައި ތިބޭ ބައެކެކެވެ. ކޮންމެ ގޮތަކަށް ބެލިނަމަވެސް ކޮންމެ ގައުމެއްގެ ވެސް ސަރުކާރަކީ އެގައުމުގު ރައްޔިތުންގެ ބަލަދު އަރާފައިވާ ފަރާތްތަކެވެ. ނަމަވެސް ކުލީގެ މައްސަލައަށް އަދިވެސް ދާއިމީ ހައްލެއް ނުލިބެއެވެ. ކުށްޔަށްދޭ ފަރާތްތަކުން ހިތަށް އަރައިފިނަމަ ބޭނުން އިރަކު ކުލީގެ އަގަށް ބަދަލު ގެނައުމުގެ އެތަށް ކަމެއްވެސް ކުރިއަށް ދެއެވެ. ނަމަވެސް ކޮންމެ ހާލެއްގައިވެސް ކުލި ދައްކައިގެން އުޅެން މަޖޫބޫރުވެއެވެ. ދިރިއުޅުމަށްޓަކައެވެ. އާއިލާއަށްޓަކައެވެ. މުސްތަގުބަލަށްޓަކައެވެ. ނަމަވެސް މިއީ ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރުތޯއެވެ. ކުރާ މަސައްކަތުން އެއްޗެއް ފަހަށް ރައްކާނުކުރެވޭ އެންމެ ބޮޑު ސަބަބަކީ ވެސް ދައްކަން ޖެހޭ ކުށްޔެވެ. ކޮންމެ މީހަކީ ދިރިއުޅުމުގެ އެއް ފެންވަރެއް ހުންނާނެ މީހެއް ނޫނެވެ. އެހެންނަމަވެސް އެކަން ދަންނަނީ އެ ހާލުގައި ދިރިއުޅުން ކަޑައްތުކުރާ ފަރާތްތައް އެކަންޏެވެ. ރައްޔިތުންގެ ޒިންމާ ކޮނޑުގައި އަޅައިގެން ތިބި ފަރާތްތަކަށް ކަމެއްވާހެންވެސް ހީނުވެއެވެ. ހުރިހާ ކަމަކާވެސް ކުރިމަތިލާން ޖެހެނީ ރައްޔިތުންނަށެވެ. އުނދަގުލާއި ދަތީގައިވެސް އުޅެން ޖެހެނީ ހަމަ ނިކަމެތި ރައްޔިތުންނެވެ. މިކަމާއި ގުޅިގެން ގެނެވޭ ރަނގަޅު ބަދަލެއް ވެސް ނެތެވެ. ހަރުދަނާ ގޮތެއްވެސް މިކަމާއި ގުޅިގެން ސަރުކާރަށް ހޯދިފައެއްނުވެއެވެ.

”އަސްލު އަހަރެން ގަބޫލެއް ނުކުރަން މީ ކަމަކަށް މިކަމުގެ ހައްލަކީ. ބޭނުންހާ ވަރަކަށް ލާރި ދީގެން އުޅުމެކޭ އެހެން މީހުންގެ އަޅުވެތިކަމުގަ އުޅުމެކޭ އެއްގޮތް. ގައިމު ކޮންމެސް ކަހަލަ ރަނގަޅު ގޮތެއް އޮންނަން ވާނެ ދޯ. ދިނިޔޭގެ އުމުރަކަށް މިހެނެއް ނޫޅެވޭނު.“ އާންމު ފަރާތެއް ކިޔައިދިނެވެ.

މިކަހަލަ ގޮތަކަށް މުޅި އުމުރު ނިމިގެން ދާއިރުވެސް، ފެންނަ ތަފާތެއް ނެތެވެ. ކޮންމެ ކޮޅަކުންވެސް ބެދެނީ އާންމު ރައްޔިތުންނެވެ. ބިކަވަނީ ހަމަ ރައްޔިތުންނެވެ. ބޮޑެތި ކުލި ދައްކައިގެން ރައްޔިތުން ހަނާވާއިރުވެސް، ރައްޔިތުންގެ ހިދުމަތުގައި ތިބޭ ފަރާތްތަކަށް ކުރެވޭ އެއްކަމެއް ވެސް ނުފެނެއެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދު ބޮޑުވެ، ހުރިހާ ގޮތަކުންވެސް ރައްޔިތުން ވެއްޓެނީ އިތުރު އަނދަވަޅަކަށެވެ. މުޅި އުމުރު ނިމުމެއް ނެތް ބޮޑު އަގުގެ ކުއްޔެގައި ރައްޔިތުން ދުވަސް ގުނަމުންދާއިރު މިކަމަށް ހަމަ އެއްވެސް ހައްލެއް ނެތީތޯއެވެ. ހަޔާތެއް ކުލީގައި ނިމިދާ ބަޔަކަށް ދިވެހިން ހަމަ ވާންވީތޯއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button