ޚަބަރުސިޔާސީ

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެހެން އެއްވެސް ޕާޓީއެއްގެ ކެނޑިޑޭޓެއްގެ ފަހަތަށް ނާރާނެ: އަދުރޭ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާގެ ދައުވަތު ޕީޕީއެމް އާއެކު އިތުރު ހަތަރު ފަރާތަކަށް ދެއްވަން ގާސިމް ނިންމަވައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ގާސިމް އިބްރާހިމް ވަނީ ޕީޕީއެމްއާއި، ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމާއި، ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އެމްއެންޕީއަށް ވެސް ދައުވަތު ދެއްވަން ނިންމަވައި އެ ބޭފުޅުންނަށް ފޮނުވާ ކޯލިޝަން ދައުވަތުގެ ސިޓީތަކުގައި ސޮއިކުރައްވާފައެވެ.

ޖޭޕީގެ ކައުންސިލުން ވަނީ ސެޕްޓެންބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް، ޖޭޕީން އިސްވެ އެކި ފަރާތްތަކާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރުމުގެ ބާރު ދެއްވާފައެވެ.

ކޯލިޝަން ހެދުމުގެ ދައުވަތު ގާސިމް ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން އަދި ވަކިގޮތެއް ނިންމާފައި ނުވަނީ އެމްއާރުއެމުންނެވެ. އެހެން ހުރިހާ ފަރާތްތަކުން ވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ނުކުންނަވަން ނިންމަވާފައި ކަމަށް އިއުލާނުކޮށްފައެވެ.

ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމްގެ ފަހަތްޕުޅުގައި ރަސްމީކޮށް ތިއްބަވާނެކަމަށް މިހާތަނަށް އައިއިރު އިއުލާނުކޮށްފަވަނީ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި އެމަނިކުފާނުގެ ”ފިކުރެއްގެ ދިރުން“ ޓީމުންނެވެ.

ޖޭޕީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާގެ ދައުވަތު ދޭން ނިންމި ފަރާތްތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީކަމުގައިވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ އެ ޕާޓީން އެހެން އެއްވެސް ޕާޓީއެއްގެ ކެނޑިޑޭޓެއްގެ ފަހަތަށް ނާރާނެކަމަށާއި، އެ ޕާޓީގެ ފަހަތަށް އަންނަންޖެހޭނީ އެހެން ޕާޓީތަކުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button