
ރައީސް ސާލިހަށް ތާއީދުކުރައްވަން ނިންމަވައި، ފެން ކުންފުނީގެ އެމްޑީ ޝާހް ޖުމްހޫރީ ޕާޓީން ވަކިވެއްޖެއެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު އިއްޔެގެ ވަގުތެއްގައި ޖޭޕީން ވަކިވެވަޑައިގެންނެވިކަން ހާމަކުރެއްވީ އިސްތިއުފާގެ ސިޓީއާއެކު ޝާހު ކުރެއްވި ޓްވީޓަކުންނެވެ. އެ ޓްވީޓުގައި ޝާހް ވިދާޅުވެފައިވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް ސާލިހަށް ތާއީދު ކުރާތީ ޖޭޕީން ވަކިވާކަމަށެވެ.
”އަދި ޖޭޕީގެ ދަފްތަރުން އަޅުގަނޑުގެ ނަން އުނިކޮށްދެއްވުމަށް އެދި އިހުތިރާމާއެކު ދެންނެވީމެވެ“ ޝާހު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޝާހު ވިދާޅުވެފައިވަނީ ރައީސް ސާލިހުގެ ރިޔާސީ ދައުރުގައި ގައުމުގެ ހަމަޖެހުމާއި އަސާސީ ހިދުމަތް ފޯރުކޮށްދީފައި ވާކަމަށެވެ.
ޝާހް ޖޭޕީން އިސްތިއުފާ ދެއްވުމުގެ ހަބަރާއެކު ދެން ލިބުނީ އެމްޓިސީގެ ސީއީއޯ އާޒިމްވެސް ޖޭޕީގެ ލީގަލް އެޑްވައިސަރުކަމުން އިސްތިއުފާދެއްވި ހަބަރެވެ. ނަމަވެސް އެ ޕާޓީގެ މެމްބަރުކަމުން އާޒިމް އިސްތިއުފާ ދެއްވާފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރައްވާނެކަމަށް ނިންމި ހިސާބުން އެ ޕާޓީއަށް ނިސްބަތްވާ ސަރުކާރު ކުންފުނިތަކުގައި ތިބި އިސްވެރިން، ޖޭޕީއިން އިސްތިއުފާ ދެއްވަމުން ގެންދަވާއިރު، ރައީސް ސާލިހަށް ތާއީދު ނުކުރައްވާ ސަރުކާރާއި ކުންފުނިތަކުގެ އިސްވެރިން އެ މަގާމުތަކުން ދަނީ ވަކިކުރައްވަމުންނެވެ. މީގެ ތެރޭގައި، ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ހިމެނެއެވެ. އެގޮތުން ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު އެ މަގާމުން ވަކިކޮށްފައިވާއިރު، އެސްޓިއޯގެ އެމްޑީ ހުސައިން އަމްރު އެ މަގާމުން ވަކިކޮށް އަދި އެގްރޯނެޓު ކުންފުނީގެ އެމްޑީ ހާރޫން ރަޝީދު ވެސް އެ މަގާމުން ދުރުކޮށްފައިވެއެވެ.