ފުއްގިރި މައްސަލައިގެ ޝަރީޢަތް ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފި

ކުރީގެ ރައީސް ޔާމީންގެ ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާގުޅޭ ގޮތުން ހައިކޯޓުން ބަލަމުންދާ އިސްތިއުނާފު މައްސަލަ ނިމެންދެން އެ މައްސަލައިގެ ކުރިމިނަލް ކޯޓުގެ އަޑުއެހުންތައް ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
އެ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް ހައިކޯޓުން އަންގަވާފައި ވަނީ އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ އެފަދަ އަމުރަކަށް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުންނެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި އަންގަވާފައިވަނީ އެ މައްސަލައިގައި އެ ކޯޓުން ގޮތެއް ނިންމަވަންދެން ނުވަތަ އެހެން ގޮތެއް އަންގަވަންދެން ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުން ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް އަމުރުކުރާ ކަމަށެވެ.