ބޮމުގެ ހަމަލާގެ ތަހުގީގަށް ކަނޑައެޅި މަންދޫބު ރާއްޖެއަށް އައިސްފި
މެއިމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގާއި، ކޯޓު މަރުހަލާތައް ގާތުން ބެލުމަށް ސަރުކާރުން ހަމަޖެއްސި ހާއްސަ މަންދޫބު އައްބާސް ފާއިޒް ރާއްޖެ ވަޑައިގެންފިއެވެ.
އައްބާސް ހުކުރު ދުވަހު މާލެ ވަޑައިގެންފައިވާކަން ހާމަކުރައްވާ ރައީސް އޮފީހުން ބުނީ އެބޭފުޅާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ވިދާޅުވެފައިވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މޭ 6 ގެ ހަމަލާއަށް އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓުތައް ވެސް އެބޭފުޅާ ތައްޔާރުކުރައްވާނެ ކަމަށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ނިންމައި، އެމަނިކުފާނަށް އިންސާފު ގާއިމްކޮށްދެއްވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީތެރިކަންވެސް ހޯދާނެ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ.