ޚަބަރު

ރަމަޟާންމަހު އަމިއްލަ މުދަލަށް ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަން: ފުލުހުން

މި އަހަރުގެ ރަމަޟާންމަހު ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކޮންމެ ފަރުދަކުވެސް ތިމާގެ އަމިއްލަ މުދަލަށް ރައްކާތެރިވުމަށް މަސައްކަތްކުރުމަށް ދިވެހި ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

 

މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ފުލުހުންގެ އިދާރާއިން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވާ ގޮތުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

 

އެގޮތުން، ރަމަޟާން މަހުގެ ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ގެ ހުސްކޮށްފައި ގެއިން ބޭރަށްދާނަމަ، ދިއުމުގެ ކުރިން ގޭގެ ހުރިހާ ކުޑަދޮރުތަކާއި ބެލްކަނިދޮރު، ފެންލައިޓު އަދި ވައިގޮޅި ފަދަ ތަންތަންވެސް ވައްކަންކުރުމަށް މަގުފަހިނުވާނޭހެން ރަނގަޅަށް ތަޅުލުމަށް އިލްތިމާސްކުރައްވައެވެ. އަދި ފޯނު، ލެޕްޓޮޕް، ޓެބްލެޓް، އައިޕެޑް، ވޮލެޓް، އަތުކުރީގަޑި އަދި ފައިސާއާއި އެހެނިހެން ތަކެތިވެސް ވައްކަން ކުރުމަށް މަގުފަހިވާ ގޮތަށް ގޭތެރޭގައި ނުބެހެއްޓުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

 

އޭގެ އިތުރުން، ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި، ފޭރުމުގެ އަމަލެއް ހިންގުމަށް މަގުފަހި ނުވާނޭހެން ތިމާ ގެންގުޅޭ ތަކެއްޗަށް ރައްކާތެރިވުމަށާއި އަޅުކަން ކުރުމަށް މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި ފޯނު، ވޮލެޓު އަދި ދަބަސްފަދަ ތަކެއްޗަށް ސަމާލުވެ ރައްކާތެރިކުރުމަށް އިލްތިމާސްކުރެއްވިއެވެ.

 

އަދި އޮފީސް އިމާރާތްތަކާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އޮފީސްތަކާއި ފިހާރަތައް ބަންދުކޮށްފައި ދާއިރު ދޮރުތައް ރަނގަޅަށް ތަޅުލުމަށާއި ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button