އއ.ރަސްދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވޭނެ ދުވަހެއް އެނގިވަޑައި ނުގަންނަވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވާ 19ވަނަ މަޖިލީހުގެ 2023 ވަނަ އަހަރުގެ 21 ވަނަ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ރަސްދޫ ރައްޔިތުންގެ ބޯހިޔާވަހިކަން ނިމޭނެ ދުވަހެއް ނޭނގޭކަމަށެވެ.
އއ.ރަސްދޫގައި އެޅުމަށް ހަމަޖެހިފައިވާ 50 ހައުސިންގ ޔުނިޓަކީ އަދުގެ ސަރުކާރުގެ ވައުދެކެވެ. 4 އަހަރު ފާއިތުވެ ދައުރު ނިމުމަކާ ގާތްވެފައި ވާއިރުވެސް، މި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް އަދި މި ވަނީ ނެގޯޝިއޭޓް މަރުހަލާގައި ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ނެގޯޝިއޭޓް މަރުހަލާއަށް ފަހު އެވޯޑްކުރުމުގެ މަސައްކަތް އަންނަ މަހު ކުރުމަށް މަސައްކަތް ކުރާނެކަމުގައި ވިދާޅުވިއެވެ.