ޚަބަރު

ހިޔާ ފްލެޓުތަކުގެ އަގު ދަށްކުރާނެކަމުގެ ޔަގީންކަން، ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް އިބްރާހިމް ދެއްވައިފި

މިއަހަރުގެ ސެޕްޓެންބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބާއި ދިމާކޮށް، ހުޅުމާލެ ފޭސް ޓޫގައި ހުރި ހިޔާ ފްލެޓު ތަކުގެ އަގުތައް ކުޑަކުރައްވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި ހިޔާ ޔޫނިއަންގެ ބޭފުޅުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމްވަނީ އެ ޔޫނިއަންގެ ބޭފުޅުންނަށް ހިޔާގެ ކުލި ކުޑަކުރެވިދާނެ ތިން ގޮތެއް ވިދާޅުވެދެއްވާފައެވެ. އެގޮތުން، ކުލި ނުދެއްކޭ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ކުލި ކުޑަކޮށްދިނުމާއި، ފްލެޓުތައް ނިންމުމަށް ލޯނު ނެގި މީހުންގެ ލޯނު ދައްކައި ނިމެންދެން ކުލި ކުޑަކުރުމާއި، އަދި ކުލި ދައްކާ މުއްދަތު އިތުރުކޮށް ހުރިހާ އެންމެންނަށް ކުލި ކުޑަކުރުން ހިމެނެއެވެ.

ހިޔާ ޔޫނިއަންއިން އެދުނީ އެންމެންނަށް ކުލި ކުޑަކޮށްދެވޭނެ ގޮތަކަށް އެކަން ހަމަޖައްސައިދިނުމަށެވެ. އެހެންކަމުން ރައީސް އިބްރާހިމްވަނީ އެގޮތަށް އެކަންކުރައްވާނެކަމުގެ ޔަގީންކަން ހިޔާ ޔޫނިއަންއަށް ދެއްވާފައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އެޅުއްވި ހިޔާ ފްލެޓުތައް އޭރުގެ ސަރުކާރުން ކުއްޔައް ދިނުމަށް ނިންމާފައި އޮތީ 6500 ރުފިޔާއަށް ނަމަވެސް، ސަރުކާރު ބަދަލުވެގެން ހިޔާ ފްލެޓުތަކުގެ ކުލި ވަނީ 8000 ރުފިޔާއަށް ބޮޑުކޮށްފައެވެ. މި ސަރުކާރުން ހިޔާ ފްލެޓުތަކުގެ އަގު ބޮޑުކޮށްފައި އެ ފުލެޓުތަކުގެ ހައްގުވެރިންނަށް ފްލެޓު ހަވާލުކުރިއިރު ކުރީ ފްލެޓުތަކުގެ ފިނިޝިންގ މަސައްކަތްތައްވެސް ނުނިންމައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ފްލެޓުތަކުގެ މީހުން އަމިއްލައަށް އެތަންތަނުގައި ދިރިއުޅެވޭނެ ފެންވަރަށް މުޅި ތަން ބަދަލުކޮށްލަން ޖެހުނުއިރު، އެއްބަޔަކު އެ މަސައްކަތްކޮށްފައިވަނީ ބޮޑު އަދަދުތަކުން ލޯނު ނަގައިގެންނެވެ.

މައުލޫމާތު ލިބޭގޮތުގައި އެ ފްލެޓުތަކުގެ ފިނިޝިން ސަރުކާރަށް ނުނިންމުނީ އެކަމަށް ކުރީ ސަރުކާރުން ހަމަޖެއްސި ލޯނު މި ސަރުކާރަށް ނުލިބުމުންނެވެ.

މި ސަރުކާރުން ހިޔާ ފްލެޓުތަކުގެ ކުލި ބޮޑުކޮށް އިއުލާންކުރި ހިސާބުން އެ ފްލެޓުތަކުގެ ހައްގުވެރިން އަންނަނީ އެކަމުގެ ހިތްހަމަނުޖެހުން ފައުޅުކޮށް އަޑުއުފުލާފައެވެ. ނަމަވެސް އެއީ ކުރެވޭނެކަމެއް ނޫންކަމަށް އޭރު ސަރުކާރުން ބުނެފައިވެއެވެ. އަދި އެކަން އެގޮތަށް ކޮށްފިނަމަ ސަރުކާރަސް އޭގެ ބޮޑު ގެއްލުމެއްވާނެކަމަށް ސަރުކާރުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.

ނަމަވެސް މިއަދު ކުއްލިއަކަށް ސަރުކާރުން ހިޔާ ފްލެޓުތަކުގެ އަގާމެދު ބުނާ ބުނުން މިވަނީ ބަދަލުވެފައެވެ. އަދި ފްލެޓުތަކުގެ ކުލި ކުޑަކުރަން ނިންމާފައިވަނީ އަންނަ ރިޔާސީ އިންތިހާބާ ދިމާކޮށް، އެ ފްލެޓުތަކުގައި ދިރިއުޅޭ 30،000 އަށްވުރެ ގިނަ މީހުންގެ އާބާދީން ވޯޓު ހޯދުމަށްކަމަށް ބެލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button