ޚަބަރު

އިންޑިއާ ހައި ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަކޮށްފި

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށާއި އަދި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ދީފައިވާތީ އެ ދެ އެމްބަސީގެ ސަލާމަތީ ކަންކަން ސަރުކާރުން ވަރުގަދަކޮށްފި އެވެ.

އިންޑިއާގެ ޑިޕްލޮމެޓުންގެ އަމަލުތައް ހުންނަ ގޮތުގެ ވާހަކަ  ރިޕޯޓުކުރާ ނޫސްތަކުގެ މައްސަލަ ބަލައިދިނުމަށް އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ފޮރިން މިނިސްޓްރީގައި އެދިފައެވެ. އަދި އެކަން ބަލައިދޭން ރައްޔިތުންގެ މަޖިލީހުުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ވެސް ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގައި އެދިފަ އެވެ.

އިންޑިއާގެ ހައި ކޮމިޝަނަށް އެތަކެއް ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށް ކާކުކަން ނޭނގޭ މީހެއްގެ އެކައުންޓަކުން ވަނީ، އިންޑިއާ ހައި ކޮމިޝަން ވަރަށް އަވަހަށް ގޮއްވައިލާނެ ކަމުގެ އިންޒާރު ޓުވިޓާގައި ދީފަ އެވެ. އަދި އެ ޓުވީޓު ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އެ މީހާގެ އެކައުޓް ޓުވިޓާ އިން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޑިޕްލޮމެޓުންނާ ބެހޭގޮތުން ބައެއް މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ލިޔުންތަކުގެ ސަބަބުން ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމަށާއި އަދި އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދީފައިވާތީ އެ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އިންޑިއާ އާއި ޗައިނާ އިން އެދިފައިވާ ކަމަށެވެ. އެހެންވެ، އިންޑިއާ ހައި ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ތަންތަނަށް ރައްކާތެރިކަން ދިނުމަކީ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ދައުލަތުގެ ޒިންމާއެއްކަންވެސް ފޮރިން މިނިސްޓްރީން ފާހަގަ ކުރެއްވިއެެވެ.

ކުރިން އިންޑިއާ ހައި ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސަލާމަތީ ފުލުހުން ބެހެލެއްޓި ނަމަވެސް ތަފާތު އިންޒާރުތަކާ ގުޅިގެން ސިފައިން ބައެއް ފަހަރު ހަތިޔާރާއެކު އިންޑިއާ ހައި ކޮމިޝަން ކައިރީގައި މީގެ ކުރިން ފޯރިމަރާފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button