
މަގުމަތީ ހަރަކާތަށް ސަރުކާރާ ދެކޮޅަށް ނުކުންނަވަން ރައްޔިތުންގެ މަޖިލިސް ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައްޔާރަށް ހުންނެވިކަމުގެ އިޝާރާތެއް ދެއްވައިފިއެވެ.
މިފަދައިން ރައީސް ނަޝީދު ފަރާތުން އިޝާރާތެއް ލިބިފައިވަނީ އެމްޑީޕީއިން އިސްވެ ރައީސް މުހައްމަދު ސާލީހަށް ތާއީދުކޮށް ހަދާ ކޯލިޝަނުގައި ބައިވެރިވުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީން އަމިއްލައަށް އިސްނަގައިގެން ކޯލިޝަނެއް ހަދަން ނިންމުމުން، އެ ޕާޓީގެ ސްލޮޓްތަކުގައި ތިއްވެވި ސަރުކާރުގެ އިސްވެރިން ވަކިކުރުމުގެ ބަހުސާމެދު ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ.
މި މަހު 15 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ ޖޭޕީއިން ރައީސް އިބްރާހިމަށް ތާއީދުނުކުރަން ނިންމާފައިވުމާއެކު އެ ޕާޓީގެ ސްލޮޓުތަކުގައި ތިބި ސަރުކާރުގެ ވެރިންތައް އެ ޕާޓީން އައްޔަންކޮށްފައިވާ މަގާމުތަކުން އިސްތިއުފާނުދެއްވައިފިނަމަ، އެ ބޭފުޅުން ވަކި ވަކިން މަޖިލީހަށް ހާޒިރުކޮށް ކަންބަޅިތަކެއް ކަތިލާ އުސޫލުން މަގާމުތަކުން ވަކިކުރައްވާނެކަމުގެ އިންޒާރުދެއްވާފައެވެ.
މެމްބަރު ރާއީ އެ މޭރުމުން ވާހަކަފުޅު ދެއްކެވުމުން، އެކަމާ ކަންބޮޑުވުން ފައުޅުކޮށް ޖޭޕީގެ ރައީސް ގާސިމް އިބްރާހިމް ވަނީ މަޖިލީޙުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް މެސެޖެއްވެސް ކުރައްވާފައެވެ. އަދި މަޖިލިސް ތެރޭގައި އެކަމަށް ރައްދުދެއްވަމުން ގާސިމް ވިދާޅުވީ، މިހާރު އޮތް ކޯލިޝަނަކީ 23 ވަނަ އަހަރު މި ދައުރު ނިމުމާ ހަމައަށް ހަދާފައިވާ އެއްބަސްވުމެއްގަ ދަށުން ހިންގާ ކޯލިޝަނެއްކަމަށާއި، އެ މުއްދަތު ނުނިމެނީސް ޖޭޕީގެ މެމްބަރުން ވަކިނުކުރެއްވޭނެކަމަށެވެ.
ގާސިމްގެ މެސެޖަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޖޭޕީއަށް ދެރަގޮތެއް ނުވާނެކަމަށާއި އެ ޕާޓީގެ މެމްބަރުންނާ ހަމައަށް ދެވޭނީ އެހެން މެމްބަރުންވެސް ފަހަނައަޅައި ގޮސްގެންކަމަށެވެ. އަދި މިހާރު ސަރުކާރުން ބޭނުންވަނީ ރައްޔިތުން މަގުމައްޗަށް ނިކުންނަން ކަމަށާއި، މަގުމައްޗަށް ނުކުތުމުން ތަހައްމަލުކުރަންޖެހުނު ޖަލު ބަންދާއި، ކުރިމަތިވެވަޑައިގެންނެވި ކަރުނަ ގޭހާއި ސްޕްރޭގެ ހަދާންތައް އަދިވެސް އާލާވާކަމަށާއި، އެކަންކަމާއި ކުރިމަތިލެއްވުމުގެ ހިތްވަރު އެބަހުރި ކަމަށެވެ.