ޚަބަރުސިޔާސީ

އޮޅުމެއް ނާރާ، ކޯޓުން އަބަދުވެސް މުއްދަތު ގުނަމުން އައީ ބަންދު ދުވަސް ނުލައި: ރައީސް ޔާމީންގެ ވަކީލުން

ވ. އާރަށާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށެހެޅުންތައް ހުށަހެޅީ މުއްދަތު ހަމަވިފަހުން ކަމަށް ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓު ކުރުމުން އެމަނިކުފާނުގެ ވަކީލުން އެކަން ދޮގުކޮށްފިއެވެ.

ރައީސް ޔާމީންގެ ވަކީލުން ނެރުނ ބަޔާނެއްގައި ބުނީ މިއަދު އޮތް އަޑުއެހުމުގައި، ދައުލަތުންނާއި ދިފާޢުން ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ޝަރީޢަތުން ބަލައި ނުގަތް ނުގަތުމުގައި ރައީސް ޔާމީންގެ ވަކީލުންނަށް އެއްވެސް އޮޅުމެއް އަރާފައެއް ނުވެއެވެ.

ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެވޭ މުއްދަތު ގުނުމުގައި ކުރިމިނަލް ކޯޓުން އަބަދު ވެސް މުއްދަތު ގުނަމުން އައިސްފައިވަނީ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުޞަތު ދޭ ދުވަހާއި، މުއްދަތު ހަމަވާ ދުވަހާއި، އެދޭތެރަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުލާ ކަން ވަކީލުން ފާހަގަކުރިއެވެ. މި މައްސަލާގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތު ދެއްވާފައިވަނީ 11 އޭޕްރިލް 2022 ވަނަ ދުވަހުގައި ކަމާއި، ކުރިމިނަލް ކޯޓުން މުއްދަތު ގުނަމުން އައި ގޮތަށް ބަލާއިރު، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެވުނު މުއްދަތު ހަމަވާނީ 10 މެއި 2022 ވަނަ ދުވަހުގައި ކަަމަށް ޔާމީންގެ ވަކީލުން ބުންޏެވެ. އަދި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅީ 9 މެއި 2022 ގައިކަންވެސް ވަކީލުން ބުނެފައިވެއެވެ.

”މި މައްސަލައެކޭ އެއްގޮތަށް ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން ދަޢުވާކުރާ މައްސަލާގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް 10 ދުވަސް ދެއްވުމުން އެ 10 ދުވަސް ގުނާނީ ބަންދުވަސްތައް ލައިގެންތޯ ނޫންތޯ ސާފުކުރުމަށް ކުރިމިނަލް ކޯޓުގައި ސިޓީއަކުން އެދުމުން ޖަވާބުގައި ”މި ކޯޓުގެ ނަންބަރު 410,411/Cr-C/2020 ޤަޟިއްޔާއާގުޅިގެން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ޝަރީޢަތުން ދީފައިވާ 10 ދުވަހުގެ މުއްދަތު ގުނާނީ ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، ބަންދު ދުވަސްތައް ނުހިމަނާ ކަމުގައި ދެންނެވީމެވެ“ މިފަދައިން ބަޔާންކޮށް ޖަވާބު ދެއްވާފައިވާތީ، ވ. އާރަށާ ގުޅޭގޮތުން ދައުލަތުން ޔާމީންގެ މައްޗަށް ދަޢުވާކުރާ މައްސަލަތަކުގައި ވެސް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގައި އަޅުގަނޑުމެން ބަލާފައިވާނީ ކުރިމިނަލް ކޯޓުން މުއްދަތު ގުނުމުގައި ޢަމަލުކުރަމުން އައިސްފައިވާ އުޞޫލަށެވެ.“ ވަކީލުންގެ ބަޔާނުގައި ވެއެވެ.

ކުރިމިނަލް ކޯޓުގައި މިހާތަނަށް ވެސް މުއްދަތު ގުނަމުން އައީ ބަންދު ދުވަސްތައް ނުލައި ކަމަށާއި، ޔާމީންގެ ފަރާތުން ހުށަހެޅުންތައް ހުށަހެޅީ އެގޮތުގެމަތިން މުއްދަތު ގުނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި ކަމަށްވާތީ، އެމަނިކުފާނުގެ ވަކީލުންނަށް އެކަމުގައި އޮޅުމެއް އަރާފައެއް ނުވާކަމުގައި ބަޔާނުގައި ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button