ޚަބަރު

އިންތިހާބުތަކުގައި ރިޝްވަތުކަމަށް ބަލާނެ ކަންތައްތަކެއް ބަޔާންކުރާ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފި

އިންތިހާބުތަކުގައި ރިޝްވަތުކަމަށް ބަލާނެ ކަންތައްތަކެއް ބަޔާންކުރާ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒެވެ.

އިންތިޚާބާ ގުޅިގެން އާންމު ތަސައްވުރެއް ނުވަތަ ސިޔާސަތެއް ހަމާކުރުން ފިޔަަވައި އެއިން ސިޔާސަތެއް ނުވަތަ ތަސައްވުރަކާ ގުޅޭ ގޮތުން ކެނޑިޑޭޓަކު އާންމުކޮށް ވައުދުވާވުން ފިޔަވައި، ކެނޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެނޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށް ވަކި ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ އާންމު ފައިދާއަށް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ އެނޫންވެސް އެއްޗެއް ދިނުމާއި، އެއްވެސް ބާވަތެއްގެ ޚިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެއިން ކަމެއް ކޮށްދޭން ވައުދުވުމަކީ ރިޝްވަތު ދިނުން ކަމަށް އެ އިސްލާޙުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިންތިހާބުގައި ބޭނުންކުރާ ލިޔެކިޔުންތައް ނައްތައިލުމާއި އެ ރައްކާތެރިކުރުމާ ގުޅޭ މާއްދާތަކެއް އިސްލާހުގައި ހިމަނާފައިވާއިރު، އޭގެ ތެރޭގައި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާ ދުވަހުން ފެށިގެން 30 ދުވަސް ވަންދެން އެ ލިޔެކިޔުންތަކުގެ ތެރެއިން ބައެއް ލިޔުންތައް އިލެކްޝަންސް ކޮމިޝަނުގެ ބެލެހެއްޓުމުގެ ދަށުގައި ރައްކާތެރިކަމާއެކު ބަހައްޓަންޖެހޭކަމަށް ބުނެފައިވެއެވެ.

ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވާ އެންމެހޭ ލިޔެކިޔުންތަކާއި ތަކެތީގެ އިތުރުން ވޯޓު ކަރުދާސް ދޫކުރެވުނު މީހުން ފާހަގަކޮށްގައިވާ ލިސްޓު ފަދަ ލިޔުންތައް އެ އިސްލާހުގައި ބަޔާންކުރާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ބާކީ ހުރި ވޯޓު ކަރުދާހާއި، ވޯޓުލުމަށް ބޭނުންކުރި ކަރުދާހާއި ކަރުދާހުގެ ކައުންޓާ ފޮއިލްތައް ފަދަ ތަކެތި ނައްތައިލުމުގެ ކުރިން، އިންތިހާބާ ގުޅޭ އެއްވެސް މައްސަލައެއް އެއްވެސް ކޯޓެއްގައި އުޅޭތޯ ކަށަވަރުކުރުމަށްވެސް އެ އިސްލާހުގައި ލާޒިމްކޮށްފައިވެއެވެ.

ހަމައެއާއެކު، ވޯޓު ލާ މީހުންގެ އަދަދު 100 މީހުންނަށްވުރެ މަދު މަރުކަޒުތަކަށް ގިނަވެގެން އިތުރަށް އެއް ވޯޓު ކަރުދާސް ފޮނުވަންވާނެކަމަށާއި ވޯޓުލާ މަރުކަޒުތަކަށް ރަޖިސްޓަރީވެފައިވާ މީހުންގެ އަދަދުގެ 1 އިންސައްތައަށްވުރެ އިތުރުނުވާ އަދަދަކަށް އިތުރު ވޯޓު ކަރުދާސް ފޮނުވަންވާނެކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހު މަޖިލިހަށް ހުށަހެޅުމުން، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު ވަރަށް ފަހުން ޔޫރަޕިއަން ޔޫނިއަންއާ ބައްދަލުކުރެއްވި އިރު އިންތިހާބުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތަކެއް އެބޭފުޅުން ހިއްސާކުރެއްވިކަމަށާއި، މަޖިލިހަށް ހުށަހެޅި މި އިސްލާހުގައި އެކަންބޮޑުވުންތަކަށް ހައްލެއް ހޯދިފައިނުވާކަމަށެވެ. އެގޮތުން، ދައުލަތުގެ މުދަލާއި ވަސީލަތްތައް، ވަކި ކެނޑިޑޭޓަކަށް މަންފާއެއް ހޯދައިދިނުމުގެ ބޭނުމުގައި އިންތިހާބުތަކާއި ދިމާކޮށް ބޭނުންކުރުން ފަދަ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި އިރު އެފަދަ ކަންކަމުގެ ހައްލު މި އިސްލާހުން ނުލިބޭކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button