ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށް ސަރުކާރު ހިންގާ ކޯލިޝަނުގެ ދެވަނައަށް އެންމެ ބޮޑު ޕާޓީކަމުގައި ޖުމްހޫރީ ޕާޓީން ނިންމައިފިއެވެ.
އިއްޔެ އޮތް އެ ޕާޓީގެ އައު ކައުންސިންގެ ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވާއިރު ރިޔާސީ އިންތިހާބަށް އެ ޕާޓީ އިސްވެ އޮވެ ކޯލިޝަން ހަދާނެކަމަށް ޕާޓީގެ ކައުންސިލުން ވަނީ ނިންމާފައެވެ.
މިހާރު ސަރުކާރު ހިންގަމުންދާ ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ ފިޔަވައި އެންމެ ގިނަ މެންބަރުން ތިބި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެއްދެވުމަށް އެދި ރައީސުޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވަނީ އެޕާޓީއަށް ދައުވަތުވެސް ދެއްވާފައެވެ. އަދި ރައީސް އޮފީހުންވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވައި އެކަމާމެދު މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، ގާސިމް އިބްރާހިމް އަދި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރޭންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އަރިހަށް ރައީސް އޮފީހުންވަނީ މަންދޫބުންވެސް ފޮނުއްވައި، އިންތިހާބުގައި ރައީސް އިބްރާހިމާއެކު ކޯލިޝަން ހެއްވެވުމަށް އެދި ދައުވަތު އަރުވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކޯލިޝަނެއް އުފައްދަވައިގެން އެއްބުރުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިގެން ކާމިޔާބު ކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވެއެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ހާލަތު ހުރިގޮތާއި މިއަދު ހާލަތު މުޅިން ތަފާތު ކަމަށާއި، އެހެންކަމުން ރައީސް އިބްރާހިމްގެ ފަހަތްޕުޅަށް ގާސިމް އަރާވަޑައިގަންނަވަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި މި ސެޕްޓެންބަރުގައި އޮތް ރިޔާސީ އިންތިހާބުގައި، ގާސިމް އަމިއްލަފުޅަށް ވާދަކުރައްވާނެކަމަށް އެންމެ ފުރަތަމަ ވިދާޅުވުވީވެސް، ރައީސް މުހައްމަދު ނަޝީދެވެ.
ފާއިތުވި ފެބުރުވަރީ މަހު ޖުމްހޫރީ ޕާޓީން ވަނީ އެޕާޓީއަށް ވަކިން ނުވަތަ ޕާޓީއާ ގުޅިފައިވާ ކޯލިޝަނެއް ހަދައިގެން ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމަށް އެ ޕާޓީގެ ކައުންސިލަށް ލަފާ އެރުވުމަށްޓަކައި، އެޕާޓީގެ ގައުމީ ކޮންގުރެސް ބާއްވާފައެވެ. އެ ކޮންގުރެސްގެ މެމްބަރުންގެ އިއްތިފާހުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުން ފާސްކޮސްފައިވާއިރު، އެ ކޮންގުރެސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއެކު ޖުމްހޫރި ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑީޕީގެ އެތެރޭގައި ރައީސް ނަޝީދު ހިންގަވާ ”ފިކުރެއްގެ ދިރުން“ ހަރަކާތުގެ ތެރެއިން ރިޔާސީ އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ތާއިދުކުރަން ނިންމާފައިނުވެއެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމުން އަދި ޖުމްހޫރީ ޕާޓީގެ އިސްވެރިން ވަނީ ބައްދަލުކުރައްވައި ސިޔާސީ އެކު މަޝްވަރާތައް ތަކުރާރުކޮށް ހިންގަވާފައެވެ.