ޚަބަރުސިޔާސީ

އިންތިޚާބުގެ ދެވަނަބުރާއި ދިމާކޮށް ސަރުކާރުން މަސްގަންނަ އަގު ބޮޑުކުރީ ޑރ. މުޢިއްޒު އެވާހަކަ ވިދާޅުވުމުން!

މަސްކިލޯއެއް ގަންނަ އަގު 20 ރުފިޔާއާއި ހަމަޔަށް ގެންގޮސް ދިނުމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެ ވަޑައިގެންނެވިފަހުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާއި ދިމާކޮށް ރައީސް ސޯލިހުގެ ސަރުކާރުން މަސްކިލޯއެއް ގަންނަ އަގު ކުއްލިއަކަށް 25 ރުފިޔާއަށް ބޮޑުކުރީ ސިޔާސީ ފައިދާއަކަށް ކަމުގައި ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިފަދައިން ވިދާޅުވީ ”އާސްކް މުޢިއްޒު“ ޕްރޮގްރާމްގައި މަސް ކިލޯއެއް 25 އަށް ހަދައިފި ކަމަށާއި ޑރ. މުޢިއްޒުގެ ވެރިކަމެއްގަ މަހުގެ އަގު ހުންނާނީ ކިހާ ވަރެއްގައިތޯ އާންމުންގެ މީހަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ.

މުޢިއްޒު ވިދާޅުވީ މަހުގެ ހަމަ އަގުދޭ ވާހަކަ އަކީ މިސަރުކާރުގެ އެންމެ ކުރީކޮޅުން ފެށިގެން ދައްކާ ވާހަކައެއް ކަމަށާއި، އެހެންނަމަވެސް 25 ރުފިޔާގެ ވާހަކަ އައީ ކުއްލިއަކަށް ކަމަށެވެ. އަދި ޕީޕީއެމް/ ޕީއެންސީއިން ހުށަހަޅާފަ އޮތީ މަދުވެގެން 20 ރުފިޔާއާއި ހަމަޔަށް ގެންގޮސްދޭން ކަމަށާއި އެއަށްވުރެ ބޮޑު އަގެއް ކިޔަންވެގެން ޓަސްލާފަ 25 ރުފިޔާއަށް ހެދީ އެ ޕާޓީއިން އެގޮތަށް ހުށަހެޅީމަ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

”މިސަރުކާރުގެ އެންމެ ކުރީކޮޅުން ފެށިގެން ދައްކާ ވާހަކައެއް މަހުގެ ހަމަ އަގުދޭ ވާހަކަ. އެހެންނަމަވެސް 25 ރުފިޔާގެ ވާހަކަ މިއައީ ކުއްލިއަކަށް. އަޅުގަނޑުމެން ހުށަހަޅާފަ މިއޮތީ މަދުވެގެން 20 ރުފިޔާއާއި ހަމަޔަށް ގެންގޮސްދޭން. އެއީ ޓާގެޓަކީ. އެކަން ކުރަންވެގެން ޕްރައިވެޓް ސެކްޓަރ އާވެސް މުޢާމަލާތްކުރަންޖެހޭ ކަންތައްތައް ހުންނާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓާގެޓަކީ މަދުވެގެން 20 ރުފިޔާއާއި ހަމަޔަށް ގެންދިއުން. އެހެން އަޅުގަނޑުމެން ހުށަހެޅީމަ ކަމަށްވެދާނެ އެއަށްވުރެ ބޮޑު އަގެއް ކިޔަންވެގެން ޓަސްލާފަ 25 ރުފިޔާ ކީކަމަށް“

މުޢިއްޒު ވިދާޅުވީ ބެލެވޭގޮތުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދިއުމުން މަސް ގަންނަ އަގު ބޮޑުކުރާ ވާހަކަ ސަރުކާރުން ދެއްކީ ސިޔާސީ ފައިދާއަކަށް ކަމަށެވެ.

”މިވާހަކަ ސަރުކާރުން ދެއްކީވެސް އިންތިޚާބުގެ 2 ވަނަ ބުރަށް ދިޔައީމަ. ބޮޑަށް ހީވަނީ ސިޔާސީ ފައިދާއަކަށް ކުރެއްވި ކަމެއްކަމަށް“ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button