ކަސްޓޯޑިއަލުން ފިލި މީހެއްގެ އަތުން 21،000 ރުފިޔާގެ ޖޫރިމަނާއެއް ނަގަން ނިންމައިފި

ނިމިދޔަ ސެޕްޓެންބަރު މަހު ވިލިމާލޭ ފުލުހުންގެ ކަސްޓޯޑިއަލްއަކުން ފިލި މީހަކު 21،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މައުލޫމާތު ލިބޭގޮތުގައި އެމީހާ ފިލާފައިވަނީ އޭނާ ކުރި ކުށަކާ ގުޅިގެން 15 ދުވަސް ބަންދުގައި ބަހައްޓާފައި ވަނިކޮށެވެ. އާޒިފް އަބްދުލްހަކީމް/މ. ހިއްސާ ނަމަކަށް ކިޔާ މި މިހާ މައްޗަށް ޖިނާއީ ބަންދަކުން ފިލުމުގެ ކުށުގެ ދައުވާކޮށް އަވަސްނިޔާގެ ގޮތުގައި އެ މައްސަލަވަނީ ކުރިއަށްގެންގޮސްފައެވެ. އަދި އޭނާވަނީ އެ ދައުވާއަށް އިބްތިދާއީ މަރުހަލާ އަދި އަވަސްނިޔާ މަރުހަލާގައި އިއުތިރާފުވެފައެވެ.
މިކުށުގެ އަސާސީ އަދަބަކަށް ގާނޫނުލްއުގޫބާތުގައި ބުނެފައިވަނީ 3 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަމުގައިވިޔަސް، އިބްތިދާއީ އަޑުއެހުމާއި އަވަސްނިޔާ މަރުހަލާގައި އާޒިފް ކުށަށް އިއުތިރާފުވެފައިވާތީ، ޖާޒީވަނީ އޭނާގެ އަދަބު ލުއިކޮށްދީފައެވެ. އަދި އޭނާގެ މައްޗަށް ހުކުމްކޮށްފައިވަނީ 21،600 ރުފިޔާގެ ޖޫރިމަނާއެއް އެއްއަހަރު ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރުމަށެވެ.