ޚަބަރު

50 އެއްހާ ފުލުހުން މޫނު ނިވާކޮށްގެން ތިބެ މާލޭގެ ސަރަހައްދެއްގައި ބޮޑު އޮޕަރޭޝަނެއް ހިންގައިފި

މޫނު ނިވާކޮށްގެން ތިބި 50 އެއްހާ ފުލުހުން ހިމެނޭ ޓީމެއް މާލޭގެ ސަރަހައްދެއްގައި ބޮޑު އޮޕަރޭޝަނެއް ހިންގައިފިއެވެ.

މި ޓީމުގައި ޑީއީޑީ އަދި ސްވްޓް ޓީމުގެ ފުލުހުންވެސް ހިމެނޭއިރު، ބެރިކޭޑް ޖަހައި ބަންދުކޮށްގެން ތިބެ، ހެންވޭރު ”ދީފްރަމް“ ގޯޅި އާއި ”ރޯޝަނީ“ މަގުގެ އިތުރުން ”މެހެލި“ ގޯޅީގައި ކުރިއަށްގެންދިޔަ އެ އޮޕަރޭޝަންގައި ފުލުހުން ވަނީ އެ ހިސާބުތަކުގައި ހުރި ގެސްޓުހައުސްތަކާއި ގެއެއް ބަލައި ފާސްކޮށްފައެވެ.

އެ އޮޕަރޭޝަނާ ބެހޭ މައުލޫމާތު މީޑިއާއަށް ހާމަކޮށްފައިނުވިނަމަވެސް، އެއީ މިދިޔަ މަހު 24 ވަނަ ދުވަހުގެރޭ، މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހަކު ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނެއްކަމަށް މައުލޫމާތު ލިބިފައިވާކަމަށް ”ދިޔަރެސް“ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އޮޕަރޭޝަން ނިންމާލިއިރު އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވިނަމަވެސް، ފުލުހުން އެ ސަރަހައްދަށް ދިޔައީ އެ މައްސަލައާ ގުޅުންހުރި މީހަކު ހުރިކަމުގެ މައުލޫމާތު ލިބިގެންކަމަށްވެސް މައުލޫމާތު ލިބެއެވެ. އެ ހާދިސާގައި ބައިވެރިވި އެކަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، އެ ހަމަލާ ދީފައިވަނީ ހެލްމެޓު އަޅައިގެން ތިބި ދެމީހަކު ކަމަށްވެއެވެ.

ފެބުރުވަރީ 24 ގައި ހިނގި މި ހާދިސާގައި ޒަހަމްވެފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ޒުވާނެކެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި ދިން ފުން ޒަހަމުތަކުގެ ސަބަބުން އޭނާ ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button