ޚަބަރުސިޔާސީ

މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ 276 މިލިއަން ރުފިޔާ ދީ ނިންމައިފި: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ވައުދުވެފައި ވާގޮތަށް މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ 276 މިލިއަން ރުފިޔާ ދީ ނިންމައިފި ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އިސްވެރިން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބެއިޖިންގައި ހުންނަވާ، ޝިޔާމް ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ވަނީ ވިދާޅުވެފައެވެ.

އެ އިންޓަވިއުގައި ވަޒީރު ވިދާޅުވީ ކުރީގެ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 200 މިލިއަނަށްވުރެ ގިނަ ފައިސާ ހުރި ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްކި އެއްކަމަކީ، އެ ފައިސާ މަސްވެރިންނަށް ދައްކައި ހަލާސްކުރުމެވެ.

ރައީސް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިހާތަނަށް މަސްވެރިންނަށް ދޫކުރެވިއްޖެ 276 މިލިއަން ރުފިޔާ.
މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

އަދިވެސް މަސްވެރިންނަށް ދޭންޖެހޭ ރުފިޔާ ހުރިކަމަށާއި މިހާރު ހަލާސް ކުރެވިފައިވަނީ ނޮވެންބަރު މަހުގެ ފައިސާކަމަށް ޝިޔާމް މައުލޫމާތު ދެއްވިއެވެ.

މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސް ވެރިކަމާއި ހަވާލުވެވަޑައިގެން އިރު ގައުމު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ. ނަމަވެސް، މަސްވެރިންގެ މުހިއްމުކަން އަގުވަޒަން ކުރައްވައި ރައީސް ޑރ. މުއިއްޒު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދައްކާ ހަލާސްކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

އަންނަ އަހަރު 25 ރުފިޔާގައި އަގު ހުރެއްޖެނަމަ އަޅުގަނޑުމެންނަށް މި ގަބޫލުކުރެވެނީ ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ދޭންޖެހޭކަމަށް. މިއީ އާމްދަނީ އިތުރުނުކޮށް ދައުލަތައް ކުރަން ވަރަށް އުނދަގޫ ކަމަކަށްވާނެ“ ޝިޔާމް ވިދާޅުވިއެވެ.

މި ސަރުކާރަކީ މަސްވެރިން ކުރާ ބުރަ މަސައްކަތާއި މަސްވެރިންގެ މުހިންމުކަން ދެކެވަޑައިގަންނަވާ ސަރުކާރެއްކަމަށާއި މަސްވެރިންނަށް އެމީހުންގެ މަސައްކަތުގެ އަގު ދޭނެކަމަށާއި މަސްވެރިންގެ ޝަކުވާ އަޑުއަހާ ސަރުކާރަކަށް މި ސަރުކާރު ވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button