ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ރިޔާސީ އިންތިހާބުގައި ވެރިކަމަށް ގެނައުމަށް އެމްޑީއޭ އިން ނިންމައި އިދިކޮޅު ޕީޕީއެމަކީ އެޕާޓީއާ ގުޅޭވެސް ބައެއް ނޫންކަމަށް އިއުލާން ކޮށްފިއެވެ.
މިކަން އިއުލާން ކުރެއްވީ އެމްޑީއޭގެ ރައީސް އަދި ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު އެވެ. ދ.މީދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން އަންނަވާ ސިޔާމްގެ އެމްޑީއޭގައި ޕީޕީއެމްގެ މީހުން ނުތިބޭނެ ކަމަށާއި، ޕީޕީއެމާ ގުޅޭވެސް ބައެއް ނޫން ކަމަށް އޭނާ ވިދާޅުވިއިރު، ސިޔާމަކީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި ޒަމާންވީ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީއޭ އޮތީ ސަރުކާރު ކޯލިޝަންގެ ތެރޭގައެވެ. ދައުލަތުން ގެރެންޓީ ދީގެން ސިޔާމް ވަނީ ބޮޑެތި އަދަދު ތަކުން ލޯނު ވެސް ނަގާފައެވެ. މީގެ އިތުރުން އެމްޑީއޭ އާއި ޕީޕީއެމް މެންބަރުންގެ މެދުގައިވެސް ގާތް ގުޅުންތަކެއް އޮވެއެވެ.
ބެލެވޭގޮތުގައި ސިޔާމްގެ ރާގު ބަދަލުވީ އޭނާ ދައްކަވަން ޖެހޭ ލޯނުތަކުގެ ސަބަބުން ރައީސް އިބްރާހިމްގެ ސިޔާސީ ނުފޫޒެއް އަތުވެދާނެ ކަމުގެ ބިރަށެވެ.