ޚަބަރު

ހައްޔަރު ކުރާ އެންމެންވެސް ބޭނުންވަނީ ޖަލަށް ދާން، އެމީހުން ހަޔާތް ކެނޑިއްޖެ: ވަކީލު އާސިފް

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަން ކުރުމަށް ގޮވާލައިި މާލޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރާ ފަރާތްތައް ކޮންމެ ރެޔަކު ޖަލަށް ގެންގޮސް ތިބީ އެއްގޯސްވެފައި ކަމަށާއި އެމީހުން މިހާރު ތިބީ ޖަލަށް ދާހިތުން އެކަމަށް ދެވިހިފާފަ ކަމަށާއި، ރައީސް ޔާމީންގެ ސަޕޯޓަރުން މިހާރު ތިބީ ބިރުފަހަނައަޅާ ގޮސްފައި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގަ ހިމެނިވަޑައިގަންނަވާ އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

ފާއިތުވި ދެމަސްދުވަހު ސިލްސިލާކޮށް ކުރިއަށް ގެންދާ އިހުތިޖާޖުތަކުގައި އެވްރެޖްކޮށް ރެއަކު 12 މީހުން ހައްޔަރުކުރި ނަމަވެސް މުޒާހަރާގެ ބައިވެރިންގެ ހިތްވަރަަށް ކުޑަވެސް ބަދަލެއް ނާދެއެވެ. 100 ފަހަރު ހައްޔަރުކުރި ނަމަވެސް ރައީސް ޔާމީނަށް އިންސާފު ލިބެންދެން ހުއްޓާނުލާ މުޒާހަރާ ކުރާނެ ކަމަށް ބުނެ ގިނަ ބަޔަކު މި ބައިއަތުގައި ހިތާއި ރޫޙޫން ބައިވެރިވަމުންދާކަމަށާއި ކޮންމެ ރެއަކުވެސް އެތައް އާ މޫނު ތަކަކާއި ޒުވާނުންނާއި އެކި އުމުރުފުރާގެ ބޭފުޅުން، ވަކިން ޚާއްޞަކޮށް ގިނަ ޢަދަދެއްގެ ކަނބަލުން ބައިވެރިވަމުން މި މުޒާހަރާތަކުގައި ބައިވެރިވަމުން އަންނަކަން އެ ފަރާތްތަކަށް ޤައުމީ ޖޯޝުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މަޝްހޫރު ގާނޫނީ ވަކީލް އާސިފް ވިދާޅުވިއެވެ.

އެމްޑީޕީ ވެރިކަމަށް އައުމަށްފަހު ރާއްޖޭގައި މިފަހަކަށް އައިސް މުޒާހަރާތައް ހުއްޓުމެއްނެތި ހިނގަމުންދާއިރު، ރައްޔިތުން މަގުތަކަށް ނުކުމެ ހިތްހަމަނުޖެހުން ފާޅުކޮށް، ބަދަލު ގެނައުމަށް ވަނީ ގޮވާލާފައެވެ. މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ ސަރުކާރުގެ ނުފޫޒުން އެގާރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ކުރާ މުޒާހަރާތަކެއް ކަމަށް މުޒާހަރާގެ ބައިވެރިން ބުނެ އެވެ.

ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް އެމަނިކުފާނުގެ ސަޕޯޓަރުންގެ ތެރެއިން ގިނަ ބަޔަކު ދެކޭ ގޮތުގައި އެ ދައުވާތަކަކީ ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށާއި ރައީސް ޔާމީނަށް އިއްވި ހުކުމަކީ ސަރުކާރުގެ ނުފޫޒުން އިއްވި ހުކުމެއް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އިންސާފު ހޯދައިދީ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ގިނަ އަދަދެއްގެ ބަޔަކު ދަނީ މަގުތަކަށް ނުކުންނަމުންނެވެ.

މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށް ބަންދުގައި ބަހައްޓައިގެން މުޒާހަރާތައް ރޫޅާލަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، މިކަމުގެ ސަބަބުން އެމީހުންގެ އަޒުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަ ކަމަށް ބެލެވެ އެވެ. މުޒާހަރާތައް ކުރިއަށްދާއިރު، ސަރުކާރުން އިޖާބަދޭނީ ކިހިނެއްތޯ އާއި މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތައް ފުރިހަމަވާނެތޯ ބަލަން ޖެހެ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button